މިނިވަން ދުވަހާ ގުޅިގެން ބައެއް ކުށްވެރިންތަކެއްގެ އަދަބު ލުއިކޮށްދީ ދޫކޮށްލި ނަމަވެސް އޭގެ ސަބަބުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއް އެވެ.
ޗެނަލް 13 އަށް އަޒްލީން މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުށްވެރިންތަކުގެ ތެރެއިން ޓެރެރިޒަމްގެ ކުށް ކުރާ މީހުންނާއި ކުޑަ ކުދިންނާ ބެހޭ މީހުންނާއި ރޭޕްގެ ކުށް އަދި ބޮޑެތި މާރަމާރީ ހިންގާ މީހުން މަރާފައި ތިބި މީހުންނަށް ލުއިއެއް ނުދެވޭނެ ކަމަށެވެ. ރައީސް ލުއި ދޭން ނިންމާފައި ވަނީ ކުށްތައް ކުރެވިފައި އޮތުމުން އެކަމާ ދެރަވެ އަހުލާގިއްޔާތު ރަނގަޅުވެފައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުން ދޫކޮށްލަނީ ޝަަރުތުތަކަކާ އެއްކޮށް ކަމަށާއި އެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އަލުން އަނބުރާ ޖަލަށް ގެންދާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ. އަދި އެ މީހުންގެ ފަރާތުން މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ވެސް ނޯންނާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"މުޖުތަމައުއަށް އިރާދަކުރެއްވީއާ މިކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނުވާނެ، މި ދޫކުރެވެނީ ބޮޑެތި މުޖުރިމުންނެއް ނޫން، މި ދޫކުރެވެނީ ކުދި ކުށްތަކަށް އަރައިގަނެވި އެކަމުގެ ތެރޭގައި މުއްދަތެއް ޖަލުގައި ހޭދަ ކުރަން ޖެހުމުގެ ސަބަބުން ދިރިއުޅުން ގެއްލިފައިވާ އެތަށް ބަޔަކަށް އިތުރު ތަސައްލިއަކާއި ފަހިކަމެއް ގެނެވޭތޯ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ ދެއްވާ ލުއިއެއް،" އަޒްލީން ވިދާޅުވި އެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ގެ ދަށުން، ޖިނާއީ ކުށުގެ ހުކުމް ކޮށްފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި ނުވަތަ އެހެންވެސް ގޮތަކުން ރައީސްއަކަށް ހުންނަ ބޭފުޅަކަށް ކުޔެއް ދެވޭނީ ތިން ގޮތަކަށެވެ.
އެއީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒްކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން ނުވަތަ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން، ނުވަތަ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައިވާނަމަ، އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމެވެ.
މިގޮތަށް އޮތް ނަމަވެސް، މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާނަމަ، އެ އިލްތިޒާމް އުފުލުމުން އެމީހަކު ބަރީއަކޮށެއް ނުދެވޭނެއެވެ. މި ގާނޫނުގައި ބުނެފައިވާ ގޮތަށް، ރައީސް އޮފީހުން ބުނީ ޖިނާއީ ހުކުމެއްގެ ދަށުން އަދަބު ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއިކޮށްދިނަސް، އެ މީހެއްގެ މައްޗަށް ކުރެވުނު ހުކުމުގައި ފައިސާ އަނބުރާ އަދާކުރުމަށް އިލްތިޒާމެއް އޮތް ކަމުގައިވާނަމަ، އެ އިލްތިޒާމަކަށް ލުޔެއް ނުދެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި އިސްލާމީ ޝައަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަހްލާގީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް ތަންފީޒްކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައިނުވެއެވެ.