ސުޕްރީމް ކޯޓުން މިރޭ ނިންމި ނިންމުމާއެކު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބާތިލްކޮށްފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއިން މާދަމާއަށް އެޖެންޑާ ކުރަން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ގޮވާލައްވައިފި އެވެ. -- ސިނާނަކީ ވެސް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުވާލު އުފައްދާފައިވާ މެންބަރަކެވެ.
ޖުމްލަ 44 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ބޭރު ކުރީ
ޕީޕީއެމް އިން ވަކިކުރި ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅުމުން، އެ މައްސަލަ ސައްހަވާ އަދަދަށް ސޮއި ނެތް ކަމަށް ބުނެ އެވެ.
އެހެން ނަމަވެސް އެ މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމުން ކަނޑައަޅާފައިވާތީ، ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަމަށް ގާނޫނީ ވަކީލުން އަންނަނީ ވިދާޅުވަމުން އެވެ.
އެކަމާ ގުޅިގެން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މައްޗަންގޯޅީ އުތުރުދާއިރާގެ މެންބަރު ސިނާން ވިދާޅުވީ ހުކުމުގެ ކުރިން ޕާޓީ އިން ވަކިވި މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން ހުކުމުން ސާފުވާ ކަމަށާއި އެހެން ކަމުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސައްހަވާ ވަރަށް މެންބަރުންގެ ސޮއި އެ މައްސަލައިގައި އޮންނާނެ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ވީ އެންމެ އަވަހަކަށް އެޖެންޑާކޮށް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހުގައި ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބާތިލް ކަމަށް ބުނި ސަބަބުން މިހާރަކު ނެތް. މި އޮތީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް. އެހެން ވީމާ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއިން މާދަމައަށް އެޖެންޑާ ކޮށްދިނުމަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ގޮވާލަން،އަބްދުﷲ ސިނާން | މަޖިލިސް މެންބަރު
"ހުކުމް މި އައި ގޮތުން ސާފު އެބަވޭ ހުކުމުގެ ކުރިން ވަކިވި މެންބަރުންގެ ގޮނޑި ނުގެއްލޭކަން. މަސީހުގެ މައްސަލަ ބާތިލް ކުރީ އެ މެންބަރުންގެ ގޮނޑި ގެއްލުމުން މައްސަލައިގެ ސައްހަކަން ގެއްލުނު ކަމަށް ބުނެ. އެހެން ވީމާ އެ މައްސަލަ ބާތިލް ކަމަށް ބުނި ސަބަބުން މިހާރަކު ނެތް. މި އޮތީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް. އެހެން ވީމާ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއިން މާދަމާއަށް އެޖެންޑާ ކޮށްދިނުމަށް ގޮވާލަން،" ސިނާން ވިދާޅުވި އެވެ.
ހަތަރު މެންބަރުންގެ ވަކީލުންނަށް ސުޕްރީމްކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީޣެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤުވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެމައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށް ހުކުމުގައިވެ އެވެ.