އިތުބާރު ނެތް ކަމުގެ މައްސަލަ

އަނެއްކާވެސް އިތުބާރު ނެތް ކަމަށް ފާސްކުރާ ވަގުތު މަގާމު ގެއްލޭ ގޮތަށް

މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފިނަމަ، އެމީހެއްގެ މަގާާމުން ވަގުތުން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގަވައިދު އެކުލަވާލައިފި އެވެ.

މިއަދު އާންމު ކޮމެޓީގައި ފާސްކުރި ގަވައިދުގައިވާ ގޮތުން މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން އެ ހިނދުން ފެށިގެން ވަކިވާނެ އެވެ.

އެގޮތަށް ގަވައިދުގައި ކަނޑައެޅީ ގާނޫނު އަސާސީއާ ރިއާޔަތް ކުރުމަށްފަހު އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ވެސް މިނިސްޓަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފިނަމަ އެ މީހެއްގެ މަގާމުން ވަކިވާނެ އެވެ.

އެހެންނަމަވެސް 2017 ވަނަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓަށް އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުަސްތޫރީ މައްސަލައެއްގެ ހުކުމްގައި އެ ބާރު ސުޕްރީމް ކޯޓުން ނަގާފައިވެ އެވެ. ސުޕްރީމް ކޯޓުން އެ ހުކުމްގައި ކަނޑައަޅާފައިވަނީ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނާނީ އެ ކޯޓުން ކަމަށެވެ.

މަޖިލީހުން ފާސްކުރާ ކޮންމެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ސައްހަކަން ކަނޑައަޅާނީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމްގައިވެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް، އިތުބާރު ނެތް ކަމަށް ފާސްކުރާ މީހެއްގެ މަގާމާމެދު ވަކި ގޮތެއް ކަނޑަނޭޅޭނެ އެވެ.

އޭރު ވެސް ބައެއް ގާނޫނީ ބޭފުޅުން އެ ހުކުމް، ގާނޫނު އަސާސީއާ ފުށު އަރާކަން ފާހަގަކުރައްވާފައިވެ އެވެ.

މިއަދު އާންމު ކޮމެޓީގައި އާ ގަވައިދު ފާސްކޮށްފައިވާއިރު ބައެއް މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އެއްގޮތަށް އޮތްވާ ގަވައިދުގައި އެކަން ކަނޑައެޅުމަކީ ހުކުމާ ތައާރަޒްވާނެ ކަމެއްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ނަމަވެސް، ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އަގުލަބިއްޔަތު އޮންނަ ކޮމެޓީއިން ވަނީ އެކަމަށް ރިއާޔަތް ނުކޮށް ގަވައިދު ފާސްކޮށްފަ އެވެ.