ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް މައްސަލަތަކާ ބެހޭ ގަވާއިދު ހެދުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަައި، އެކަން މަޖިލީހަށް އަންގައިފި އެވެ.
އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ 2017/11 ވަނަ ގަޒިއްޔާގައިވާ ގޮތުން އެ ކޯޓުން ވަކި ގޮތަކަށް ކަނޑައެޅުމުން ނޫނީ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރާ އެއްވެސް ފަރާތެއް މަގާމުން ވަކި ނުވާނެ އެވެ. ނަމަވެސް އެކަމާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފާސް ކުރި ގަވައިދުގައި ވަނީ ހުކުމާ މުޅިން ހިލާފަށެވެ. އެ ގަވައިދުގައިވާ ގޮތުން މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރާ ހިސާބުން އެ ފަރާތަކުން އެ މަގާމުން ވަކިވީ އެވެ. އެއީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައި ވެސް ބުނެފައިވާ ގޮތެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ގާނޫނު އަސާސީ އާއި މަޖިލީހުން ހަދަން މަސައްކަތް ކުރާ ގަވައިދާ ފުށު އަރާތީ އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފަަ އެވެ. އެ ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސް ކުރާ ގަރާރެއްގެ ދަށުން ސުޕްރީމް ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި ކަން އޮތް ގޮތަކާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި މަޖިލީހުން ފާސް ކުރާ ގަރާތަކުން އެ ކޯޓަށް ހުށަހެޅިދާނެ އެވެ. އެގޮތުން ގާނޫނު އަސާސީ މާނަ ކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަ ކަމާމެދު އުފެދޭ ސުވާލުތަކުގެ މައްސަލަތައް ވެސް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
ނަަމަވެސް މަޖިލީހުގައި އެ މައްސަލައާ މެދު ބަހުސް ކުރެއްވި ގިނަ މެންބަރުން ގަރާރެއް ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވަ އެވެ. ބައެއް މެންބަރުން ވިދާޅުވީ އިތުބާރު ނެތް މައްސަލައަކީ ގާނޫނު އަސާސީ އިން ސިދާ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެއް ކަމަށާއި އެކަމާ މެދު ވެސް ގޮތެއް ނިންމެވުމަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދޭކަށް ނުޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި އިސްތިޝާރީ ލަފަޔަކަށް އެދުމަށް ވަނީ ގާނޫނުގެ ބައެއް މާނަ ކުރުމަށް ކަމަށާއި ނަމަވެސް މިހާރު ހުށަހެޅިގެން އުޅެނީ ގާނޫނު މާނަ ކުރުމާ ބެހޭ މައްސަލައެއް ނޫން ކަމަށް މެންބަރުން ވިދާޅުވި އެވެ. ހުކުމެއް ރިވިއު ކުރުމާ ބެހޭ މައްސަލައެއްގައި އެފަދަ ލަފައެއް ހޯދަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.