ހަބަރު

އިތުބާރު ނެތް މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެެން ފާހެއް ނުވި

ވަޒީރުންގެ އިތުބާރު ނެތް މައްސަލާގައި ހަދާ ގަވައިދާ ގުޅިގެން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމަށް ހުށަހެޅި ގަރާރު ފާހެއް ނުވި އެވެ.

އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ގާނޫނު އަސާސީ އާއި މަޖިލީހުން ހަދަން މަސައްކަތް ކުރާ ގަވައިދާ ފުށު އަރާތީ އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު މަޖިލީހުން އެ ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ މަޖިލީހުން ގަރާރެއް ފާސްކޮށްގެން އެ ކޯޓުގައި އިސްތިޝާރީ ލަފަޔަކަށް އެދެވިދާނެ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެވެ. ނަމަވެސް އެ ގަރާރަށް ވޯޓަށް ހުޅުވާލުމުން އެއަށް ތާއީދު ކުރައްވާ ވޯޓު ދެއްވީ ތިން މެންބަރެކެވެ. އަދި 30 މެންބަރުން ވޯޓު ދެއްވީ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ.

އިތުބާރު ނެތް މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ 2017/11 ވަނަ ގަޒިއްޔާގައިވާ ގޮތުން އެ ކޯޓުން ވަކި ގޮތަކަށް ކަނޑައެޅުމުން ނޫނީ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރާ އެއްވެސް ފަރާތެއް މަގާމުން ވަކި ނުވާނެ އެވެ. ނަމަވެސް އެކަމާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފާސް ކުރި ގަވައިދުގައި ވަނީ ހުކުމާ މުޅިން ހިލާފަށެވެ. އެ ގަވައިދުގައިވާ ގޮތުން މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސް ކުރާ ހިސާބުން އެ ފަރާތަކުން އެ މަގާމުން ވަކިވީ އެވެ. އެއީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައި ވެސް ބުނެފައިވާ ގޮތެވެ.