ހަބަރު

ގޮނޑިތައް ނުގެއްލޭ، މަސީހުގެ ވޯޓު ނަގަންޖެހޭ: ނަޝީދު

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ތަކުރާރު ކުރައްްވައިފިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައި ވަނީ "މަޖިލިސްގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ވަގުތުން ނަގަން ޖެހޭ" ކަމަށެވެ.

މައްސަލަ ބޮޑުވެފައިވާ ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މަނާކުރުން ވަނީ ތަފާތުވެފައެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.

ނިންމުމާއެކު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ޓްވީޓް ކުރައްވާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެ ވިދާޅުވަނީ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވީ، ސުޕްރީމް ކޯޓުގައި މެންބަރުން އެދުނީ އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިރޭ ނިންމީ އެގޮތަށް ކަނޑައަޅަންޖެހޭ ސަބަބެއް ނެތް ކަމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުން މެންބަރުންގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފު ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ދައުވާ ވެސް ކުރެވޭނެ ކަމަށެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުން އޮޅުވާލަމުންދާ ކަމަށާއި ނަމަވެސް އެ ނިންމުން ވަރަށް ސާފު ކަމަށެވެ. މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި މި މައްސަލައާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް މައްސަލާގައި ނިންމި ނިންމުގައި ފަސް ފަނޑިޔާރުން ވެސް ދެއްވާފައިވަނީ އެއް ރައުޔުއެކެވެ. އެ ނިންމުން ނިންމީ ފަސް ފަނޑިޔާރުގެ އިއްތުފާގުންނެވެ.