ރިޕޯޓް

މިހާރު ރަނގަޅަށް އައިސްކްރީމް ބޯލެވޭ!

ރާއްޖެއަކީ ހޫނު ގައުމެކެވެ. އެހެންވެ ހޫނުގަދަ ވާ ދުވަސްތަކުގައި ފިނި އެއްޗެއް ބޯލުމަކީ އާދަ އެވެ. ތަފާތު ފިނި ބުއިންތައް ބޮއެ ހަދަ އެވެ. އައިސް ފެނުން ފެށިގެން ތަފާތު ޖޫސް ތަކެވެ. ނަމަވެސް ފަހަކަށް އައިސް މިދަނީ މުޅިންއާ "ޓްރެންޑެއް" އުފަންވަމުންނެވެ. އިހު ޒަމާނުއްސުރެން ފެށިގެން އެންމެން ދަންނަ އައިސް ކްރީމް ނުވަތަ އައިސް ކިރިމި އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އައިސް ކްރީމް ވިއްކާ ހާއްސަ ތަންތަން ރާއްޖޭގައި ހުޅުވުމާއެކު މީގެ ފޯރި މިވަނީ ގަދަވެފަ އެވެ.

"މިހާރު އައިސް ކްރީމް ބޯން ދާނެ ތަންތަން މާލޭގައި ބައިވަރު. އެހެންވެ ސްކޫލް ނިންމާލާފައި ދަމުންވެސް އައިސް ކްރީމެއް ބޯލެވޭ،" އައިސް ކްރީމު ކޮންމެ ދުވަހަކު ބޯންދާން އަމީނިއްޔާ ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

ބޭރު ކަރަތަކުގެ އުފެއްދުންތައް ރާއްޖެއަށް ލައްގަމުންގޮސް އެންމެ ފަހުން އައިސް ކްރިމީގެ އެތަށް ބްރޭންޑެއް މިވަނީ ރާއްޖޭގެ ހަފޮޅުން އެތެރެވެފަ އެވެ. ކުރިން ހަމައެކަނި އެލްފެންޓް ބްރޭންޑުގެ އައިސް ކްރީމުން ފުއްދައިލި ދިވެހިންގެ އަރުތެރެ އަށް ވިރުވައިލަން އެތަށް މަރުކާއެއް ރާއްޖެ އަތުވެއްޖެ އެވެ. ކުރިން އައިސް ކްރީމް ބޯން ހަމައެކަނި ދާން ކަމުދާ ތަނަކީ ސްކޫޕްގެ ގޮތުގައި އޮތް އޮތުން ބަދަލު ވެއްޖެ އެވެ. މިގޮތުން އެންމެ ހާއްސަ އެއް ބްރޭންޑަކީ އައިސް ކްރީމްގެ ރާނީ ނުވަތަ ރަސްގެފާނުގެ ގޮތުގައި ބަލާ "މޫވްއެންޕިކް" އައިސް ކްރީމެވެ.

މީގެ ދެ މަހެއް ކުރިން މާލޭގައި ހުޅުވި މޫވްއެންޕިކް މޫވްއެންޕިކް މޯލްޑިވްސް ހުޅުވަނީ އަބަދަށް ފެހި މަގު ހ. ހިރިޔާ ގަ އެވެ. ނަވާރަ ސަތޭކަ ސާޅީސް ވަނަ އަހަރު ދުނިޔެ އަށް އުފަންވި މި ބްރޭންޑުގެ ތެރޭގައި ހަމައެކަނި ހިމެނެނީ އައިސް ކްރީމް އެކަންޏެއް ނޫނެވެ. އައިސް ކްރީމުން ހަދާފައިވާ އެކި ކެއުންތައް ވެސް ހިމެނެ އެވެ. ސުވިޒަލޭންޑުގެ މި ބްރޭންޑު ރާއްޖެ އަށް އައުމާއެކު މި ރެސްޓޯރެންޓުން މީހުން ނުފިލަ އެވެ.

އައިސް ކްރީމުގެ ފޯރި ގަދަ ވިއިރު އައިސް ކްރީމް އާއިލާގެ އެހެން ވަތްތަރުތައް ވެސް މިހާރު ދަނީ ރާއްޖޭގައި ވިއްކަމުންނެވެ. މިގޮތުން އެންމެ ހާއްސަ އެއް ބާވަތަކީ ސިޓީ ބޭކަރީއިން ވިއްކާ "ޖެލާޓޯ" އެވެ. މި ކުންފުނިން ވަނީ ޖެލާޓޯ އަށް ހާއްސަ ތަނެއްވެސް ހުޅުވާފަ އެވެ. އުފެދޭނެ ސުވާލަކީ ޖެލާޓޯ އާއި އައިސް ކްރީމުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ ޖެލާޓޯއަކީ އާއްމު އައިސް ކްރީމާ ތަފާތުކޮށް ބައެއް ބާވަތްތައް މަދުކޮށް އުފައްދާފައިވާ އެއްޗެކެވެ. އަދި އާއްމު އައިސް ކްރީމަށް ވުރެ ލުއި ކަމަށް ފާހަގަ ކުރެވޭނެ އެވެ.

އައިސް ކްރިމީގެ ފޯރި އެނގޭނެ އެއް ތަނަކީ އަގޯރާ އަށް ވާނެ އެވެ. ސޯސަން މަގުގައި ހުންނަ އަގޯރާގައި ގާއިމް ކޮށްފައިވާ މަޝްހޫރު ބާސްކިން އެންޑް ރޮބިންސް ކައުންޓަކުން މީހުން ނުފިލަނީ އެހެންވެ އެވެ. އަދި މީގެއިތުރުން ގިނަ ޒުވާނުން ކޮފީބޯން ދާ މަޝްހޫރު ކެފެއާއަކީ ވެސް އައިސް ކްރީމުގެ ހާއްސަ ތަނެކެވެ މިތަނުގައި ލިބެން ހުރި އައިސް ކްރީމުގެ ބްރޭންޑުތަަކަށް ގިނަ ބައެއްގެ ތަރުހީބު ލިބޭއިރު މިއީ ޒުވާނުން އެްމެ ލޯބި ކުރާ އެއް ތަނަށް ވާނެ އެވެ.