ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރުގެ ސެޕްޓެމްބަރަށް

އަންނަ އަހަރުގެ މެއި މަހު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ސާފް ޗެމްޕިއަންޝިޕް އަނެއްކާވެސް ފަސްކޮށްފި އެވެ. ސާފްޗެމްޕިއަންޝިޕް މިހާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރަކުން 15 އަށެވެ.

ދެ ވަނަ ފަހަރަށް ސާފްޗެމްޕިއަންޝިޕް ފަސްކޮށްފައިވާ ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ. ސާފްޗެމްޕިއަންޝިޕް ބާއްވަން އެންމެ ފުރަތަމަ ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެފަހަރު އެ މުބާރާތް ފަސްކުރީ އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑަކަޕާ ގުޅިގެން، އިންޑިއާގެ ސްޕަ ލީގް މެޗުތައް މެދު ކަނޑާލަން ޖެހޭތީ، އެގައުމުން އެދިގެންނެވެ.

އެ މުބާރާތުގެ ގުރުއަތު ނެގުން އޮންނާނީ އަންނަ އަހަރުގެ މާޗްމަހުގެ ދެ ވަނަ ދުވަހު ބަންގްލަދޭޝްގެ ދާކާގަ އެވެ. އެ މުބާރާތް މިފަހަރު ބާއްވަން ހަމަޖެހިފައިވަނީވެސް އެގައުމުގަ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބާއްވާފައި ވަނީ އިންޑިއާގައި، 2015 ވަނަ އަހަރު ޑިސެމްބަރު 23 އިން 2016 ގެ ޖަނަވަރީ ތިނަކަށް އިންޑިއާގެ، ކެރެލާ ސިޓީގެ ޓްރިވަންޑްރަމް ގައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ، އިންޑިއާ އެވެ. އަދި އެ ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުވެސް މެއެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ކޯޅުމުގެ އަސަރު، ސާފް ޗެމްޕިއަންޝިޕަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެންމެ ފަހުން އިންޑިއާގައި ބޭއްވި މުބާރަތުގައި ޕާކިސްތާން ބައިވެރިވެފަ އެއް ނުވެ އެވެ.

ނަމަވެސް، މިފަހަރު ބަނގުލަދޭޝްގައި ބާއްވާތީ، އެ ދެ ގައުމުވެސް މުބާރާތުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.