ރާއްޖެއަށް ނުރައްކާވާ ފަދަ ވާހަކަތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ނުދެއްކުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ގޮވާލައިފި އެވެ.
މަސީގެ ރައީސް، އަބްދުﷲ މުހައްމަދު ސޮއި ކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ ދިވެހިން އެކި ތަންތަނުގައި ވާހަކަ ދައްކާއިރު ރާއްޖޭގެ ސިޔާދަތާއި ރައްކާތެރި ކަމަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނީ މިގޮތަށް ވާހަކަ ދެއްކުމަކީ ރާއްޖެފަދަ ތަރައްގީވަމުން އަންނަ މިނިވަން މުސްތަގިއްލު ގައުމަކަށް ނިސްބަތްވާ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"... މި ބާވަތުގެ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅި އޭގެ ނޭދެވޭ އަސަރު ރައްޔިންނަށް ކޮށްފާނެ ކަމަށްޓަކައި އާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުރިއަރަމުން އަންނަ އަައުމަށް ނޭދެވޭ އަސަރުކޮށްފޭނެ ކަމަށްޓަކައި މި އެސޯސިއޭޝަނުން ނުހަނު ކަންބޮޑު ވެ އެވެ،" މަސީން ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރާއްޖޭން ބޭރުގައި ވާހަކަ ދައްކާއިރު ރާއްޖޭގެ ކުރިއެރުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.