މުހައްމަދު އަލީ ޖަނާހް

ދުނިޔޭގެ ޓޫރިޒަމްގެ ބޮޑު ބައްދަލުވުމެއްގައި ޖަނާ ޔޫއެންގައި

އދގެ ޖެނެރަލް އެސެމްބްލީ ހޯލަކީ މަދު މީހަކަށް ނޫނީ ވަންނަން ފުރުސަތު ލިބޭ ތަނެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއް ތަމްސީލް ކުރާ މި ހައިބަތުހުރި މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގެ މައި ޕޯޑިއަމަށް އަރަން އާއްމުކޮށް ޖާގަ ދެނީ ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި މިނިސްޓަރުން ނޫނީ މަޝްހޫރު ސެލެބްރިޓީންނަށާއި މަގުބޫލު މީހުންނަށެވެ. ރާއްޖެ އަށް ބަލާއިރު މި ހޯލުގެ ބައްދަލުވުމެއްގައި އިސް ބޭފުޅެއްގެ ގޮތުން ދިވެހި ވިޔަފާރިވެރިއެއް ބައިވެރިވުމަކީ ކުރިން ނާދިރު ކަމެވެ. ނުފެންނަ ކަމެކެވެ.

އެކަމަކު ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ)ގެ ރައީސް އާއި އދ. އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ހާއްސަ ދައުވަތަކަށް ދުނިޔޭގެ ޓޫރިޒަމްގެ ވާހަކަ ދައްކަވަން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު މިވަނީ ޔޫއެންގައި ވާހަކަ ދައްކަވާފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއެކު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިފޮޕްކާ ތަމްސީލް ކުރެއްވީ ޖަނާހު އެވެ.

މި ބައްދަލުވުމުގައި ޖަނާހު ބައިވެރިވެފައިވަނީ މި ބޮޑު ބައްދަލުވުމުގެ ޗީޕް ޑިސްކަސަން ނުވަތަ ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

މި ބައްދަލުވުމުގައި އޭޝިއާގެ އިތުރުން އޭޝިއާ ޕެސިފިކް ގައުމުތަކުގެ އިގްތިސޯދާ ބެހޭ ގޮތުން ޖަނާހު ވާހަކަ ދެއްކެވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ރައީސް އާއި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ގިނަ ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން ވެސް މިބައްދަލުވުމުގައި ބައިވެރިވި އެވެ. މިބޮޑު ބައްދަލުވުން މޮޑަރޭޓް ކުރީ ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ރިޗަޑްކުއެސްޓް އެވެ.

ކޮވިޑް-19 އަށްފަހު އިހުގެ ހާލަތަށް ޓޫރިޒަމް އަންނަން ކުރާ މަސައްކަތާ ބެހޭ ގޮތުން އިޕޮޕްކާގެ ރައީސްކަން ދެވަނަ ދައުރަކަށް ކުރައްވަމުން ގެންދަވާ ޖަނާހު ވިދާޅުވީ ދުނިޔެ އިގްތިސޯދީ ބޮޑު ތަަދު ތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް ކޮވިޑް ބަލީގައި ވޭތުވެދިޔަ ދެ އަހަރަކީ ކުރީގެ ހުރިހާ ތަދުތަކަށް ވުރެ ގެއްލުން ބޮޑު ދުވަސްވަރެއް ކަމަށެވެ.

ކޮވިޑް ބަލީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި އިގްތިސޯދީ ގޮތުން ބޮޑެތި ގެއްލުން ތަކެއް ވެގެން ގޮސްފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޖަނާހު ވަނީ ކޮވިޑް ބަލިން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކަށް އދ.ގެ ބައްދަލުވުމުގައި ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސާއި ރައްޔިތުންނަށް ދިން އެހެނިހެން އެހީތަކުގެ މައްޗަށް ޖަނާހު ވަނީ ވާހަކަދައްކަވާފަ އެވެ.

"ރާއްޖޭން [ކޮވިޑް-19]ގެ ހާލަތާ ގުޅިގެން އެޅި ފިޔަވަޅުތަކާ މެދު ފަހުރުވެރިވަން. ބޯޑަރު ހުޅުވުމަށްފަހު ރިލީފް ޕެކޭޖާއި ޓެކްސް ރިލީފް ދިން. މި ނަތީޖާ ނެރުވުނީ އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން،" މެދުއިރުމައްޗާއި ސިންގަޕޫރުގެ މަހުޖަނުންނާ ގުޅިގެން ރާއްޖޭގައި ރިސޯޓު ހިންގާ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ރާއްޖޭން ކޮވިޑްގެ ހާލަތާ ގުޅިގެން އެޅި ފިޔަވަޅުތަކާމެދު ފަހުރުވެރިވަން. ނަތީޖާ ނެރުވުނީ އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން
މުހައްމަދު އަލީ ޖަނާހު | އިފޮޕްކާގެ ރައީސް

މި ބައްދަލުވުމުގައި އިމާރާތް ކުރުމުގެ ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަނާހު ވަނީ ޓޫރިޒަމް ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާތައް ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިންނަށް ވިދާޅުވެ ދެއްވާފަ އެވެ.