ދުނިޔެ

އެމެރިކާގެ ހިއުސްޓަން ފެނު އަޑީގައި، ރަށުން މީހުން ހުސްކުރަނީ

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ތޫފާން ހާވީ އެރުމުގެ ސަބަބުން ވެހެމުންދާ ވާރޭގައި އެ ސްޓޭޓްގެ މައިރަށެއް ކަމަށްވާ ހިއުސްޓަންގެ ބޮޑު ބައެއް ފެނުގެ އަޑިއަށް ގޮސް، ދިރިނޫޅެވޭ ވަރު ވެއްޖެއެވެ.

ރޮއިޓާސް ބުނީ ފެންބޮޑުވުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްދާން ޖެހިަފއިވާ ކަަމަށާއި ރައްކާތެެރި ހިސާބުތަކަށް މީހުން އުފުލަމުން އަންނަ ކަމަށެވެ. ހިއުސްޓަން އަކީ އެމެރިކާގެ ހަތަރުވަނަ އަށް އެންމެ ބޮޑު ޝަހަރެވެ. ފުރަތަމަ އެރި އިރު ކެޓަގަރި 4 ގެ ހަރިކޭން އެއްގެ ގޮތުގައި ދަރަޖަކޮށްފައިވާ ހާވީ އަލީ ފާއިތުވި 50 އަހަރުގެ ތެރޭގައި ޓެކްސަސް އަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

ފެންބޮޑުވުމުން ހިއުސްޓަންގެ ސްކޫލްތަކާއި އެއާޕޯޓްތަކާއި އާއްމު ހިދުމަތްދޭ އެހެން ގިނަ ތަންތަން މިއަދު ވަނީ ބަންދުކޮށްފައެވެ. ހިއުސްޓަންގައި ފެންބޮޑުވެފައިވާ މިންވަރު ސިފަކޮށްދޭން ނޫސްތަކުން ބުނެފައި ވަނީ މަގުތަކާ ގޯޅިތައް ކޯރުތަކަކަަށް ބަދަލުވެފައިވާ ކަމަށެވެ.

ހިއުސްޓަންގެ އިތުރުން ޓެކްސަސްގެ އެހެން ސަރަހައްދުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ފޯޓް ބެންޑް ކައުންޓީގައި ދިރިއުޅޭ 50000 މީހުން އެތަަން ދޫކޮށް ދިއުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އެއީ ބްރޭޒޯސް ނަމަކަށް ކިޔާ ކޯރުގެ ފެންގަނޑު 59 ފޫޓަށް އުފުލޭނެ ކަމަށް ލަފާކުރެވިގެންނެވެ.