ދުނިޔެ

ހައްޖާއި އުމްރާއިން ލިބޭ އާމްދަނީ 2022 ގައި 150 ބިލިޔަން ޑޮލަރަށް އަރާނެ

ހައްޖާއި އުމްރާގެ އަޅުކަމަށް މުސްލިމުން ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތަކުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެގައުމަށް ލިބޭނެ އާމްދަނީ 150 ބިލިޔަން ޑޮޮލަރަށް އަރާނެ ކަމަށް އެގައުމުގެ އިގުތިސާދީ މާހިރުން ލަފާކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ކޮމިޓީ އޮފް ރިއަލް އެސްޓޭޓް އެންޑް އިންވެސްޓްމަންޓްގެ މެމްބަރު މުހުސިން އައް ޝަރީފު ވިދާޅުވި ކަމަށް އަރަބް ނިއުސްއިން ބުނީ އެއަދަދަށް އާމްދަނީ ލިބޭނީ ދަތުރުފަތުރާއި ވިޔަފާރިއާއި ކުދި އަދި މެދުފަންތީގެ ކުންފުނިތައް އެއްކޮށްލުން ފަދަ ކަންތައްތަކުން ކަމަށެވެ.

އައް ޝަރީފު ވިދާޅުވެފައި ވަނީ ހައްޖާއި އުމްރާއާ ގުޅޭ ކަންކަމުން ލިބޭ އާމްދަނީ ސައުދީ ގެ ގައުމީ އިގުތިސާދަށް ފައިދާ ކުރާނެ ކަމަށެވެ. އެހެންވީމާ އެގޮތުން ލިބޭ ފައިސާ ކޮޮންޓްރޯލްކޮށް އިގުތިސާދީ ތަސައްވުރު 'ވިޝަން 2030' އަށް ފައިދާ ވާނެ ގޮތަަކަށް ރާވަންް ޖެހޭ ކަމަށެވެ. ހައްޖާއި އުމްރާއިން ލިބޭ ބޮޑު އާމްދަނީން ވަޒީފާގެ ބޮޑު ބާޒާރެއް ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ހައްޖު މޫސުމަށް އެކަނި އުފެދޭ ވަޒީފާތަކުގެ އިތުރުން ދާއިމީ 100000 ވަޒީފާ ވެސް އުފެދޭނެ ކަމަށް އޭނާ ވަނީ ލަފާކުރައްވާފައެވެެ.

ފާއިތުވި ރަމަޟާން މަހުން ފެށިގެން ޒުލްގައިދާ މަހާ ހަމައަށް އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހުންގެ އަދަދު ވަނީ ހަތް މިލިޔަނަށް އަރާފައެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަަމަށް އެކަނި އެގައުމަށް ދިޔަަ މީހުންގެ އަދަދު ވަނީ 1.7 މިލިޔަނަށް އަރާފައެވެެ.