ހަބަރު

ރައީސްގެ މަންދޫބުން ގާސިމްގެ ހާލުކޮޅު ބައްލަވައިފި

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލައްވައިފި އެވެ. ގާސިމް މިވަގުތު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެމަނިކުފާނަށް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ހޮސްޕިޓަލްގައި އޮންނެވި ގާސިމްއާ މިނިސްޓަރު އަޒްލީން ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަޒްލީން ވިދާޅުވީ، އޭނާ އާއި މުންދު ހޮސްޕިޓަލަށް ގޮސް ގާސިމްގެ ހާލުކޮޅު ބެއްލެވީ އެކަން ކުރެއްވުމަށް ސީދާ ރައީސް އެންގެވުމުން ކަމަށެވެ.

"ސޯޝަލް މީޑިއާގައި ގާސިމްގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން މިދެކެވޭ ވާހަކައާ ގުޅިގެން ރައީސް ބޭނުންވީ ވަޒަން ކުރައްވަން ގާސިމްގެ ހާލުކޮޅަކީ ކޮބައިތޯ، އެހެންވެ ގާސިމްގެ ހާލުކޮޅާމެދު ވިސްނަވާތީ އަދި އެކަމާ އޯގާތެރިވެވަޑައިގަންނަވާތީ ބޭނުންފުޅުވީ އެމަނިކުފާނުގެ ހާލުކޮޅު ބައްލަވަން،" އަޒްލީން ވިދާޅުވި އެވެ.

ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ގާސިމް އިބުރާހީމަށް ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ކަންތައް ވީހާވެސް އަވަސް ކުރަން ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިނާނަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވަނީ އަންގަވާފަ އެވެ.

މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއެކު އޭނާ ރާއްޖޭން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަން ކަމާގުޅޭ މުއައްސަސާތަކަށް އަމުރުުކޮށްފައިވާ ކަމަށެވެ. އެހެންވެ ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ރާއްޖޭން ބޭރުން ގާސިމަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް އެ ފަރުވާ ވީހާ ވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.