ވާހަކަ

މިންނުގެ ޑައިރީ

(27 އޯގަސްޓު 2017 އާ ގުޅޭ)
ޒޭންގެ ބަނޑުން އަޑު ކިޔާލިއެވެ. ސުފުރާމަތީން އަރަމުންދިޔަ މީރު ވަހުން އިތުރަށް ބަނޑުހައި ކޮށްލި ކަހަލައެވެ. ކާކޮޓަރީގައި ހުރި ޒޭން މަޑުމަޑުން އައިސް ކާމޭޒު ކައިރީ ހުރި ގޮނޑިއެއް ދަމާލުމާއެކު އިށީނެވެ. އޭރު އޭނާއާއެކު ގެއަށް ވަން ޖަމީލު ގޮސް ގެއްލުނީ ކޮންތާކަށްކަމެއް ޒޭނަކަށް ނޭގުނެވެ. ގައިމުވެސް ކާކޮޓަރިއާއި ދިމާއަށް އޭނާއެއް ނާދެއެވެ.

"ޒޭން، ކިހިނެއްވެފައި ދަރިފުޅު ތިއިންނަނީ، އަވަހަށް ކާން ފަށާ. ދައްތަ އަޅައިދޭންތަ؟ ދަރިފުޅު ކާނީ އުލާއި ސަމްސަލުންހެން ހީވާތީ އެވެސް ތަށީތެރެއަށް ލީ... ބަތްއަޅާފައި މޮޑެދޭންތަ؟" ކާމޭޒު ދޮށުގައި އިން ޒޭންގެ ގާތަށް ޖެހިލަމުން ހުސްނާ ބުންޏެވެ. އަދި ޒޭން އަނގައިން ބުނުމުގެ ކުރީން އޭނާގެ ތަށްޓަށް ބަތްއަޅާން ފެށިއެވެ. ހުސްނާގެ ހަރަކާތްތަކަށް ބަލާން ޒޭން އިން އިރު ދޭތެރެއަކުން "ހެޔޮ" ކިޔަމުން އޭނާ ދިޔައެވެ. ހުސްނާ ބަތްތަށި ރަނގަޅަށް މޮޑެލަންދެން އުލާއި ސަމްސާ ދެއަތަށް ނަގައިގެން ޒޭން އިނެވެ. އެހެން އިންއިރު އޭނާގެ ސިކުނޑިއަށް އަރަމުންދިޔަ ޚިޔާލަކީ އޭނާގެ މަންމަގެ ޚިޔާލެވެ. އެއީ ކިހިނެއް ހުންނަ ކާކުކަމެއް ނޭނގުނަސް މަންމައަކު ދަރިއަކަށް ކަންތައްކޮށްދޭނީ ހުސްނާ އެކުރާހާ އޯގާތެރިކަމާއި ލޯތްބާއެކުކަން ޒޭންއަށް ވިސްނާލެވުނެވެ. ހަމައެއާއެކު ހިތާއި ސިކުނޑީގައި ސުވާލު މާކެއް ޖެހުނެވެ. މީގެ ކުރީން ދުވަހަކު ވެސް ހިތަށް ނާރާ ފަދަ ކަންތައްތަކެއް ޒޭންގެ ސިކުނޑީގައި އެނބުރިގަތެވެ. ހުސްނާއެހާ ލޯތްބާއި އޯގާތެރިކަމާއެކު ޒޭނަށް ހުރިހާ ކަމެއްކޮށްދެނީ ކީއްވެ ހެއްޔެވެ؟. ޒޭންގެ އެންމެ ކުރީގެ ހަނދާންތަކުގައި ވެސް ހުސްނާ ވެއެވެ. ހަމަ އެ އޯގާތެރިކަމެވެ. މައިވަންތަ ކުލުންވެރިކަމެވެ. ޒޭނަށް ކަމެއް ދިމާވެއްޖެނަމަ ހުސްނާގެ ލޮލުން އެކަމެއް ކަސިޔާރުވެގެން ނުދާނެއެވެ. ނުރުހުންވެ ރުޅިގަދަވެފައި ރޯއިރަކު ޒޭން މަސަލަސްކުރުމަށް ޓަކައި ހައިކަލްއަށް ފަހު އަވަސްވެގަންނަ މީހަކީ ހުސްނާއެވެ. މިކަހަލަ ޚިޔާލުތަކެއްގައި ހުސްނާއަށް ބަލަން ޒޭނަށް އިނދެވުނެވެ.

"ތޭންކްސް ދައްތާ" ކެއުމަށް ތަށި ތައްޔާރުކޮށްދިނުމަށްފަހު ހުސްނާ ދުރަށް ޖެހިލުމުން ޒޭން ބުންޏެވެ.

"ދެން އަވަހަށް ކާން ފަށާ. ހުސްކުރަންވާނެ އިނގޭ" ސިންކު ކައިރިއަށް އަތްދޮންނާން ދަމުން ހުސްނާ ހީނލާފައި ކުޑަކުއްޖަކާ މުޚާޠިބު ކުރާ ފަދައަކުން ބުނެލިއެވެ.

ކާމޭޒުދޮށުގައި ޒޭން ކާން އިންއިރު ހުސްނާ ވެސް އިނެވެ. އެހެން އިން އިރު އޭނާ ޒޭނާ އެކިއެކި ވާހަކަ ދައްކަމުންދިޔައެވެ. ގޭތެރޭގެ އެކި ވާހަކަތަކެވެ. ނަމަވެސް ޒޭންގެ ހަރަކާތްތަކަށް ބަދަލު އައީ ހުސްނާއަށް ބުނެވުނު ޖުމްލައަކުންނެވެ. ބޮޑަށް ހުސްނާގެ ދުލުން ހާމަ ކުރެވުނު ނަމަކުން ޒޭންއަށް އައި ބަދަލެކެވެ.

"ދައްތަ އޭނަގެ ވާހަކަ ނުދައްކަފާނަންތަ...." ޒޭން ބުނެލި ރާގުން ވެސް އޭނާ ކުއްލިއަކަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެކަން ހުސްނާއަށް އެނގުނެވެ. އެހެންވެ ހުސްނާ ދައްކަން އުޅުނު ވާހަކަ އިތުރަށް ކުރިއަށް ގެންދިއުމުގެ ވިސްނުން ދޫކޮށްލިއެވެ. ޒޭން ނުރުހިގެން ކެއުން މެދުކަނޑާލާފައި ތެދުވެގެން ހިނގައިދާނޭތީ ހުސްނާ ކަންބޮޑުވީއެވެ. އެއާއެކު ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ދޭތެރެއަކުން އިސްޖަހައިގެން އިނދެ ކަމުން ދިޔަ ޒޭނަށް ހުސްނާ ބަލާލައެވެ. އޭނާ ދައްކަން ބޭނުންވާ އެތައް ވާހަކައެއް އެބަހުއްޓެވެ. ނަމަވެސް ހުސްނާގެ އެ ވާހަކަތަކަށް ޒޭންގެ ސަމާލުކަން ހޯދުމަކީ ވާނޭކަމެއްނޫންކަން އެނގޭތީ އެ މައުޟޫޢުއާގެން ކުރިއަށް ދާން ފަސްޖެހެނީއެވެ. އެހެންވެ އެކަންތައްތައް ހިތުގައި ފޮރުވައިލައިގެން ހުރުން ނޫންގޮތެއް އަދި ނެތީއެވެ. ނަމަވެސް ހުސްނާ ޤަބޫލުކުރަނީ އެ ވާހަކަތަކަކީ ޒޭނަށް އެނގެން ޖެހޭނެ ވާހަކަތަކެއް ކަމެވެ. ކޮންމެވެސް ދުވަހަކުން ޒޭން އެހާ ނަފުރަތު އެ ކުރާ ނަމުގެ ވެރިޔާއާ ގުޅުން ހުރި ވާހަކަތައް އަޑުއަހާނެކަމުގައި ހުސްނާ އުންމީދު ކުރެއެވެ.

ބޮޑުކޮޓަރީގައި ހުރި ބޮޑެތި ސޯފާތަކުން ސޯފާއެއްގައި ޓީވީ ބަލަން ޒޭން އިނެވެ. އަތަށް ރިމޯޓު ލައިގެން އިނދެ ޗެނަލުތައް ބަދަލު ކުރަމުން ދިޔައެވެ. ދޭތެރެއަކުން އިނގިރޭސި ޗެނަލެއް ބަލާލުމަށް މަޑުކޮށްލައެވެ. ނަމަވެސް ފަސްވަރަކަށް މިނެޓުވާއިރަށް އަނެއްކާ ވެސް އެހެން ޗެނަލަކަށް ބަދަލުކޮށްލާނެއެވެ. ޒޭނަށް ކަމުދާކަހަލަގެ ޕްރޮގްރާމެއް ދައްކާ ޗެނަލަކާ ދިމައެއްނުވިއެވެ. އެހެންވެ ޒޭން ތެދުވީ ގޭތެރެ ބަލާލުމަށެވެ. އެތައް އަހަރަކަށް ފަހު އެގެއަށް އައި އިރު އެ ގޭގައި އުޅޭ މީހުންނަށްވެސް ވަނީ ބަދަލު އައިސްފައެވެ. ޖަމީލަކީ ކުރީން އެ ގޭގައި އުޅުނު މީހެއްނޫނެވެ. ޒޭން އޭނާ ދުށީ އަލަށެވެ. އޭނާއަކީ ވެސް އެ ގޭގައި މަސައްކަތްކުރާ މީހެއްކަން އެނގުނެވެ. އެ ގޭގައި މަސައްކަތްކުރާ މީހުން ކަނޑައަޅާނީ ހައިކަލްކަން ޒޭން ދެނަހުއްޓެވެ. އެހެންވީމަ ބީރައްޓެހިވާންޖެހޭ ސަބަބެއް އޮތްކަމަކަށް ޒޭން ނުދެކެވެ. ދެން ހުރީ ހުސްނާއާއި ލަކްޝްމީއެވެ. އެ މީހުންނަކީ ވެސް ޒޭންއަށް އެނގިފައި އޮތް ގޮތުގައި އެ ގޭގައި މަސައްކަތް ކުރާން ގެނެސްފައި ތިބި ބައެކެވެ. ނަމަވެސް ހުސްނާއަކީ ޒޭން ހަނދާން ހުންނާން ފެށީސުރެން އެ ގޭގައި އުޅޭ އަންހެނެކެވެ. ހައިކަލް ފިޔަވާ އެންމެ ފުރަތަމަ ދަރިފުޅާއޭ ކިޔާ ޒޭނަށް އެ ގޭތެރެއިން ގޮވާލި އަންހެން މީހާއެވެ. އޭރު ހަރުވާޅުހެދުން ލައިއުޅުނު ހުސްނާ ވެސް ވަނީ މިހާރު ބުރުގާ އަޅާފައެވެ. ލަމުން އައި ހެދުމަށް ވެސް ބަދަލު އައިސްފައެވެ. މިހާރު ހުސްނާ ފެންނަނީ ދިގުކޮށް ހުންނަ އަނދިރި ކުލަކުލައިގެ ހެދުން އަޅާފައި ހުންނާތީއެވެ. ހަމައެއާއެކު ލޯބޯކޮށިވުމުގެ ސަބަބުން ނަންބަރު އައިނު ވެސް އަޅަންޖެހިފައެވެ. ނަމަވެސް ބަދަލުނުވަނީ އޭނާގެ ފަރާތުން ފެންނަ ހިނިތުންވުމާއި އެ ހުންނަ އޯގާތެރިކަމާއި ލޯތްބެވެ.

ސިޑިން އަރައިގެން މަޑުމަޑުން ކުރިއަށް ދިޔަ ޒޭންއަށް ހައިކަލްގެ ކޮޓަރިއަށް ދެވުނީ އޭނާގެ ދޮންމަންމަގެ ކޮޓަރި ހުރަސްކޮށެވެ. އެ ކޮޓަރި ފެނުނަސް އޭނާ ފޫހިވެއެވެ. ހިތުގައި އޮންނަ ރުޅިވެރިކަން ކެކިއަރާ އަލިފާނުގެ ފަރުބަދައެއް ގޮވާން އުޅޭހެން ތެޅިގަނެއެވެ. އެފަދަ ވަގުތުގައި ނަފުސުގެ މައްޗަށް ބާރު ހިންގުމުގެ ގޮތުން ދަތްކުނޑިވިކާލައެވެ. ހަލުވި ފިޔަވަޅުގައި އައި ޒޭން ހައިކަލްގެ ކޮޓަރިއަށް ވަނެވެ. އެ ކޮޓަރިތެރޭގައި ރަސްކަން ކުރަމުން އައީ އަނދިރިކަމެވެ. ދުވާލުގެ އަލިކަމުގެ ތެރޭގައި ވެސް އެ ކޮޓަރިއަށް އެއްވެސް އަލިކަމެއް ނުވެއެވެ. މީ ހައިކަލްގެ ކޮޓަރިއަށް ޒޭން ވަން ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް އެ ކޮޓަރިއަށް އޭނާ ނުވަންނަތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ. އެއީ ވެސް ސަބަބެއް ނެތިއެއްނޫނެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނުމާއެކު ޒޭން ހިނގައިގަތީ އެނދުގެ އެއްފަރާތަށް ވާގޮތަށް ފާރުގައި އެލުވާފައި ހުރި ބޮޑު ދޮރުފޮތިގަނޑާ ދިމާއަށެވެ. އެ ފަރުދާގައި ވެސް ހުރީ ޝާހީ ގޮތެވެ. ފަރުދާގެ އެއްފަރާތުން އެލިފައި އޮތް ބޮޑު ވާގަޑަށް ޒޭން ދަމާލިއެވެ. އެއާއެކު ދެފަރާތަށް ކެހިގެން ދިޔަ ފަރުދާގެ ތެރެއިން އިރުގެ އަލިކަން ކޮޓަރިތެރެއަށް ފުރޭނިގަތެވެ. މުޅި ކޮޓަރި ހުޅުދާން ކުރަމުންނެވެ. ހަމައެވަގުތު ފަރުދާގެ ނިވަލުގައި ކުރީން ފޮރުވިފައި ހުރި ބިއްލޫރި ދޮރު ޒޭނަށް ފެނުނެވެ. ނަމަވެސް އެ ދޮރު އަދިވެސް ހުރީ ތުނިތުނި ލޭސް ފަރުދާއަކުން ނިވާވެފައެވެ. ދޮރުގެ ކުރިމަތީ މަޑުކޮށްލުމާއެކު ދެއަތުން އެ ތުނި ފަރުދާ ދެފަރާތަށް ވާގޮތަށް ޒޭން ކަހާލިއެވެ. އަދި ބިއްލޫރި ދޮރު އެއްފަރާތަށް ކަހާލާފައި އެ ކުޑަ ބެލްކަނިކޮޅަށް ނުކުތެވެ. ދިލަ ހޫނުގެ އިހުސާސް ޒޭނަށް ކުރެވުނެވެ.

ވަށައިގެން "ފްލޯރަލް ޕެޓާން"ގެ ރޮޑް ރެއިލިންގ ލީ ބެލްކަނީގައި ޒޭން ހުއްޓިލައިގެން ހުރީ ކާރޫބާރޫ ބޮޑު މަގުމައްޗަށް ބަލާށެވެ. ކޮޅުކޮޅަށް ދުއްވާ އުޅަނދުތަކާއި އެތަކެތީގެ ބަރުގޮނުގެ އަޑު އިވިއިވި ހުއްޓެވެ. ހަމައެއާއެކު ހިނގާބިނގާވެ އުޅޭމީހުން ވެސް މަދެއްނޫނެވެ. ވިހިއަހަރު ފަހުން މާލެ އޭނާ އައިއިރު މިހާބޮޑު ބަދަލެއް މާލެއަށް އަދި އޭނާ އުޅެ ބޮޑުވި ގެއަށް އައިސްފައި އޮވެދާނޭ ކަމަކަށް ޒޭން ހީއެއް ނުކުރެއެވެ. ކުރިއަށްވުރެ އޭނާގެ ބައްޕަގެ ކޮޓަރި މިހާރު ވަކީން ފުރިހަމައެވެ. ވިސްނުމުގައި ހުއްޓާ މަގުމަތިން ހުރަސްކުރި އަންހެނެއްގެ އަތުގައި ހިފަހައްޓާލައިގެން ހުރި ކުޑަކުޑަ އަންހެން ކުއްޖާ ޒޭންއަށް ބަލާކަން ފާހަގަވެ އެ ދިމާއަށް ބަލާލިއެވެ. އުމުރުން ފަސްވަރަކަށް އަހަރުގެ ކުއްޖަކާ ވައްތަރެވެ. އެ ކުއްޖާ ހިނިތުންވެލިތަން ފެނި ޒޭން ވެސް ހިނިތުންވެލަމުން އަތްހޫރާލިއެވެ. އެހިނދު އެ ކުއްޖާ ވެސް ޒޭންއަށް އަތްހޫރާލީ "ޓާޓާ" ކިޔާލާ އުސޫލުންނެވެ. އޭނާގެ އެ ހަރަކާތާއެކު އެކުގައި ހުރި އަންހެން މީހާ އިސްއުފުލާ ބަލާލިއެވެ. ޒޭން ހިނިތުންވެލުމުން އެ އަންހެން މީހާ ވެސް ހިނިތުންވެލާފައި ހަލުވިކޮށް ހިނގައިގަނެއްޖެއެވެ.

ޒޭން އެނބުރި ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރު ލައްޕާލިއެވެ. އަދި ލައިގެން ހުރި ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ ކޮޓަރީގެ އެކި ދިމާއަށް ނަޒަރު ހިންގާލިއެވެ. އެ ކޮޓަރީގައި ހުރި ހައިކަލް ނިދާ އެނދުގެ ބޯލާކޮޅުގެ ކަނާއަތް ފަރާތުގައި ހުރި އަރިމަތީ މޭޒަށް ޒޭންގެ ނަޒަރު ހުއްޓުނެވެ. އޭނާ އަޅައިގަތީ އެ މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮޓޯ ލޯގަނޑުގައެވެ. މަޑުމަޑުން އައިސް އެ ފޮޓޯ ލޯގަނޑު ނަގައި އެނދުގައި އިށީނެވެ. އަދި އެ ފޮޓޯލޯގަނޑުން ފެންނަމުން ދިޔަ ފޮޓޯއަށް ފަރުވާތެރިކަމާއެކު ޒޭން ބަލާން ފެށިއެވެ. އެ ފޮޓޯގައި ވަނީ ހައިކަލްއާއި އޭނާގެ ލޯބިވާ އަންހެނުންނެވެ. ޒޭންގެ ބައްޕައާއި ދޮންމަންމައެވެ. އެ ފޮޓޯ ނަގާއި ވަނީ އެއަންހެން މީހާ ހައިކަލްގެ ދަރިއަކަށް ބަލިވެ އިނދެއެވެ. ބޮޑުވެފައިވާ ބަނޑު ފޮޓޯއިން ފާޅުކޮށް ފެންނާން ހުއްޓެވެ. ޒޭންގެ ދެބުމަ ގޮއްޖާހާލިއެވެ. ފޫހިކަމުގެ އަސަރު މޫނުމައްޗަށް ވެރިވެގެންދިޔައީ އިޚްތިޔާރަކާ ނުލައެވެ.

"މީ ކާކުބާ....ކިހިނެއްބާ މި އަންހެންމީހާ ބައްޕަގެ ޙަޔާތަށް އައިސްގެން މި އުޅެނީ، އޭނާގެ ޢާއިލާ މީހަކު ވެސް ނެތީތަ؟ އަހަންނެއް ދުވަހަކު ވެސް ނުދެކެން" ފޮޓޯލޯގަނޑަށް ބަލާން އިންއިރު ތަފާތު އެތައް ސުވާލެއް ޒޭންގެ ހިތާއި ސިކުނޑިއަށް އަރާ ފައިބަމުންދިޔައެވެ. ދޮންމަންމަދެކެ ނަފުރަތުކުރިއަސް އޭނާއާ ބެހޭ މަޢުލޫމާތެއް ޒޭނަކަށް ނޭނގެއެވެ. އެހެންނަމަވެސް އެއީ ނުބައި ނުލަފާ އަންހެނެއްގެ ގޮތުގައި ޒޭން އޭނާގެ ދޮންމަންމަ "ލޭބަލް" ކުރެއެވެ.

މިއަދު ހައިކަލް ގަދަވެ ސަލާމަތުން ހެޔޮހާލުގައި ހުރިނަމަ އެއަންހެން މީހާގެ ނުބައިކަން ހުންނާނީ ވިސްނިފައި ކަމުގައި ޒޭންގެ ހިތް ބުނަމުން ދިޔައެވެ. ފޮޓޯލޯގަނޑު އެ ހުރި ތަނުގައި ބެހެއްޓުމަށްފަހު ޒޭން އައިސް ހައިކަލްގެ އަލަމާރި ހުޅުވާލިއެވެ. އޭގައި އެކި ކުލަކުލައިގެ ގަމީހާ ޓީޝާޓާއި ފަޓުލޫނާއި ޖީންސު އަޅުވާފައި ހުއްޓެވެ. ބައެއް ހެދުން ފަތްޖަހާފައި ވެސް ހުއްޓެވެ. ކޯޓުފަޓުލޫނު ފަދަ ޚާއްޞަ ހެދުން އެއަށް ޚާއްޞަ ކުރެވިފައި ހުރި ކަވަރުތަކުގައި ހުއްޓެވެ. ހުރިހާއެއްޗެއްވެސް ވަނީ ތަރުތީބުކޮށް ބައިބަޔަށް ވަކި ކުރެވިފައެވެ. އެންމެ ކުރީގައި ވެސް ޒޭނަށް އެ އަލަމާރި ފެނިފައިވާ ގޮތަށެވެ. ކޮޓަރީގައި ހުރި ރީތިވާ މޭޒާ ޖެހިގެން ބަހައްޓާފައި ހުރި އިސްކޮޅުވަރުގެ ބޮޑު ލޯގަނޑު އެ ކޮޓަރީގެ ހައިބަތު އިތުރުކޮށްދެއެވެ. އެއީ އެ ގޭގައި ހުރި އެންމެ ބޮޑު ކޮޓަރި ވެސް މެއެވެ. ބައްޕަގެ ހަނދާންތަކާއެކު ޒޭންގެ ހިތަށް މޮޅިވެރިކަން ވަނެވެ.

ހައިކަލްގެ ކޮޓަރިން ނުކުމެ ޒޭން ކުރިއަށް ހިނގައިގަތް ވަގުތު އަނެއްކާ ވެސް އޭނާގެ ދޮންމަންމަ އުޅުނު ކޮޓަރި ފެނުނެވެ. ދޮންމަންމައާ ބެހޭގޮތުން އޭނާއަށް އެނގެނީ ވަރަށް ކުޑަ މިންވަރެއްކަން ޚުދު ޒޭނަށް ވެސް އެނގެއެވެ. އެކަމާ ހެދި އެ ކޮޓަރި ބަލާލުމުގެ ޝައުގުވެރިކަން ކުއްލިއަކަށް ޒޭންގެ ހިތާއި ސިކުނޑިއަށް ވެރިވެގަތެވެ. އަމިއްލަ ގެ ކަމުގައިވިޔަސް ޒޭނަށް ވަށައިގެން ހޯދާލެވުނެވެ. މީހަކު ފެންނަ ހިސާބެއްގައި ހުރިތޯއެވެ. މީހެއްގެ ހިލަމެއްނުވުމުން ވަގަކު އުޅޭހެން ނިކަން ސިއްރުން ދޮންމަންމަ އުޅުނު ކޮޓަރީގެ ތަޅުގައި ހިފާލާ އަނބުރާލީ އަވަހަށް އެ ކޮޓަރި ތެރެއަށް ދެމިގަތުމުގެ ބޭނުމުގައެވެ. ނަމަވެސް ބާރުއަޑަކާއިއެކު ޒޭންއަށް ހުއްޓުންއެރިއެވެ. މީހާ ގޮސް ޖެހުނީ ދޮރުފަތުގައެވެ. އެ ކޮޓަރި ހުރީ ތަޅުލާފައެވެ. ހައިރާންވީ ހައިކަލްގެ ކޮޓަރި ތަޅުނުލާ ހުރިއިރު ދޮންމަންމަގެ ކޮޓަރި ތަޅުލާފައި ބަހައްޓާން ޖެހޭ ސަބަބެއް ޒޭނަށް ނޭނގުމުންނެވެ. ހަމައެއާއެކު ދެން ހަދާނީ ކިހިނެއްބާއޭ ވެސް ޒޭންގެ ހިތަށް އެރިއެވެ.

ކާގެއިން ފެންފުޅިއެއް ހިފައިގެން އައިސް ބޮޑުކޮޓަރީގެ ސޯފާގައި ހަމަޖެހިލައިގެން އިން ހުސްނާގެ ގާތުގައި ޒޭން އިށީނެވެ. އަދި ފެންފުޅި އަނގައާ ދިމާކޮށްލާ އަރިކޮށްލަމުން ފެންކޯވަރެއް ދިރުވާލިއެވެ. ދެތިން ފަހަރަށް ތުންފަތް ލޮވެލިއެވެ. ހީވަނީ ކޮންމެވެސް ވާހަކައެއް ދައްކަން ޒޭން ތައްޔާރުވަނީ ހެނެވެ. ފުން ނޭވާއެއް ވެސް އޭނާ ލިއެވެ. އަދި ދެވަނަ ފެންކޯވަރު ބޯލާފައި ޓީވީއަށް ނަޒަރު ހުއްޓީލިއެވެ.

"ދައްތާ!... ދައްތަ ތި ޗެނަލްތައް ތިބަލަނީ ތީގައި ވާނުވާ އެނގޭތަ" ޒޭން ހުސްނާ ބަލަން އިން ހިންދީ ޑްރާމާއަށް އިޝާރާތް ކުރާހެން ބުންޏެވެ.

"ހޫނ!... މިހާރު ބަލާބަލާ އެނގޭ ވާގޮތް. އަނެއްކާ ދަރިފުޅު ތިއައީ ޓީވީ ބަލަންތަ؟" ހުސްނާ ހީނލާފައި ބުންޏެވެ. އަދި ކުއްލިއަކަށް ސަމާލުކަމަށް މީހާ އައީ ޒޭން ޓީވީ ބަލަން ބޭނުންވީ ކަމަށް ހީވެފައެވެ.

"ރަނގަޅު އެއްޗެއް ނުދައްކާ، އެހެންވެ ޓީވީ ބަލާހިތެއްނެތް... ދައްތަ ވެސް މިތާ އިނީމަ ދެން ހަމަ މަޑުކޮށްލީ، އިރުކޮޅަކުން ބައްޕަގެ ގާތަށް ހޮސްޕިޓަލަށް ދެން ދާނީ" ޒޭން ބުނެލިއެވެ.

"ޒޭން ފޫހިވެގެން ދޯ ތިއުޅެނީ، ދަރިފުޅު ދެން އަވަހަށް ލައިސެންސު ނަގަންވީއޭ. އޭރުންނޭ ގާރާޖުގަ އެ އޮތް ކާރު ދުއްވޭނީ" ހުސްނާ ބުނެލިއެވެ. އެއާއެކު ޒޭންގެ މޫނުމަތި އުޖާލާވެގެން ދިޔައީ ކަމެއް ހަނދާންވި މީހަކު ފަދައިންނެވެ.

"އޯ!... ކުޑަކޮށް ވެސް ހަނދާނެއްނެތް އެ ކާރުގެ މަތީން. އަދިވެސް ބައްޕަ ގެންގުޅެނީ އެ ރަތް ކާރުތަ؟" ހިނިތުންވެލައިގެން އިނދެ ޒޭން އަހާލިއެވެ.
"އާނ!... އަދިވެސް ހަމަ އެ ރަތްކާރު... އެނގޭތަ! އެ ރަތް ކާރު ނޫން އެހެން ކާރުތައް ހައިކަލް ވިއްކާލީ މީހުން ބޭނުންވެގެން، މީހަކު އައިކަމަށްވޭ އެ ރަތް ކާރު ގަންނަންވެގެން ވެސް، ވަރަށް ބޮޑު އަގެއް ކީކަމަށްވަނީ... އެހެންވިޔަސް ހައިކަލް ޤަބޫލެއްނުވި. އެކަމާ ބުނިކަމަށްވަނީ އެ ރަތްކާރަކީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި. އެހެންވީމަ ދިރިއުޅުމާ ގުޅުން ހުރި އެއްވެސް އެއްޗަކަށް އަގެއް ނުކިޔޭނެކަމުގައި... މިހާރު އެ ކާރު ދުއްވަން ހުރީ ދަރިފުޅެއްނު... ދައްތައަށް ޔަގީން އެ ކާރު ހައިކަލް ބާއްވާފައި އެ އޮންނަނީ ދަރިފުޅަށް ޓަކައިކަން، ޒޭންގެ ބައްޕަ ރަނގަޅަށް ހުންނެވިއިރު ބަރާބަރަށް ކާރުދޮވެ ސާފުކުރާނެ... ވަރިހަމަވާނެ ކާރު ބޭނުންނުކުރިޔަސް... އަބަދުވެސް އޮންނާނީ އޮފުއަރުވާލާފައި" ހުސްނާ ވާހަކަދައްކަމުން ދިޔައިރު ހީވަނީ އޭނާ އެ ދައްކާ ވާހަކަތައް ލޯކުރިމަތިން ފެންނަމުން ދިޔަހެނެވެ. އެ ޚިޔާލުތަކުގެ ތެރެއަށް ހިނިތުންވެލައިގެން އިން ހުސްނާ އިނީ ގެއްލިފައެވެ. ޒޭންގެ ތުންފަތަށް ވެސް ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެފައެވެ. ބޭއިޚްތިޔާރުގައި މައްޗަށް ބަލާލެވުނީ ހައިކަލް ހަނދާނުގައެވެ. އޭނާގެ ކޮޓަރިއަށް ބަލާލެވުނެވެ. ހަމައެވަގުތު ތަޅުލާފައި ހުރި ދޮންމަންމަގެ ކޮޓަރީގެ ހަނދާން ވެގެންދިޔައެވެ.

"ދައްތާ! މިގެއަކީ ބޭރު މީހަކު ވަދެ ހަދާ ގެއެއްނޫނެއްނު. ބައްޕަގެ ކޮޓަރި ވެސް ހުންނަނީ ހުޅުވާފައި... ކީއްވެތަ އެ ކޮޓަރި ތަޅުލާފަ އެހެރީ" ހުސްނާގެ ނަޒަރު ވަގުތުން ޒޭނަށް ހުއްޓުނެވެ. (ނުނިމޭ)