ހަބަރު

ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އަދި ނުނިންމަން: އީސީ

ރައްޔިތުން މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ މައްސަލައާ މެދު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވީ ނަމަވެސް އެ އިންތިހާބު ބާއްވާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ސުވާލު އުފެދިފައި އޮތް ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދެ ގޮތަކަށް މާނަކޮށް ވާހަކަ ދައްކަމުން ދަނިކޮށް، އީސީ އިން ބައި އިލެކްޝަން އިއުލާން ކުރީ ވިލިނގިލި ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އަދި މައްޗައްގޮނޅީ ދެކުނު ދާއިރާ އާއި ދަނގެތީ ދާއިރާގެ އެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ބައި އިލެކްޝަން ބާއްވާނެ ވަކި ދުވަހެއް ނުނިންމާ ކަމަށާއި އެކަން ނިންމާނީ އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތައް ނިންމުމަށް ފަހުގައި ކަމަށެވެ.

ބައި އިލެކްޝާން ބޭއްވުމަށް އީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ އިންތިހާބު މަޑު ޖައްސާލާފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމާފައިވާ ނިމުގައި ކޮމިޝަންގެ ނިންމުން ބަދަކު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގައިވާ ގޮތުގެ މަތިން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ހަތަރު މެންބަރުންގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.