ހަބަރު

"ހަވީރު" މައްސަލަ އަލުން ފަށައި، ޒާހިރު ހާޒިރުކުރަން ނިންމައިފި

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިތްހަމަނުޖެހި ހަވީރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލަ ބާތިލުކޮށްފައިވަނިކޮށް އަލުން ހުށަހެޅުމުން އެ މައްސަލާގެ ޝަރީއަތް ފަށައިފި އެވެ. ހައިކޯޓުން މައްސަލަ ބާތިލުކުރީ އަޑުއެހުމަށް ދައުވާކުރި މުވައްޒަފުންގެ ވަކީލް ހުސްނުއް ސުއޫދު ހާޒިރުވެފައިނުވާތީ އެވެ.

މައްސަލަ ބާތިލުކުރުމުން އެ މައްސަލަ ހަމަ އެ މުވައްޒަފުން އަލުން ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަލުން ހުށަހެޅި މައްސަލާގެ ޝަރީއަތް މިއަދު ފެށި ނަމަވެސް އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލަން ޝަރީއަތުން ނިންމީ، މީގެކުރިން ކުރިއަށް ގެންދިޔަ އެ މައްސަލައަށް ތަދައްހުލްކުރުމަށް ނިންމި ހަވީރު ނިއުސް އެޖެންސީގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިން ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އެވެ. ޝަރީއަތުން ބުނެފައިވަނީ އެކަން ޒާހިރުއަށް އެންގިފައިނުވާ ކަމަށެވެ.

ޝަރީއަތުން ނިންމާފައިވަނީ މި މައްސަލަ، ބާތިލުކުރި މައްސަލާގެ އަޑުއެހުންތައް ކުރިއަށް ދިޔަ ހިސާބުން ފަށާށެވެ. އެހެންކަމުން ދެން އަޑުއެހުންތައް ކުރިއަށް ގެންދާނީ މައްސަލައަށް ޒާހިރު ތަދައްހުލްކުރުވުމަށްފަހު ކަމަށް ވެސް ޝަރީއަތުން ވަނީ ބުނެފަ އެވެ.

މައްސަލަ ކޯޓަށް ވައްދާފައިވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ.

މި މައްސަލާގައި ހަވީރުގެ ކުރީގެ މުވައްޒަފުން ދައުވާކޮށްފައިވަނީ ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްއާ ދެކޮޅަށެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.