ދުނިޔެ

ޖަރުމަނުގައި މުސްލިމުންނާ ދެކޮޅު ބޮޑު އެއްވުމެއް

ހުޅަނގުގެ ގައުމުތަކުގައި މުސްލިމުންގެ އާބާދީ އިތުރުވަމުންދާތީ އެކަމާ ހިތްހަމަނުޖެހޭ މީހުން ހަގީގަތުގައި ވެސް ވަރަށް ގިނަ އެވެ. ޖަރުމަންގެ އިރުމަތީ ބިތުގައި އޮންނަ ޑްރެސްޑެން ސިޓީގައި އިއްޔެ މުސްލިމުންނާ ދެކޮޅަށް ބޭއްވި ބޮޑު ހިނގާލުމަކީ ވެސް އޭގެ ހެއްކެކެވެ.

"ހުޅަނގުގައި މުސްލިމުން ވަޒަންވެރިނުވުމަށް" ގޮވާލައި ބޭއްވި މި އެއްވުމުގައި ގާތްގަނޑަކަށް 15،000 މީހުން ބައިވެރިވި އެވެ. މި އެއްވުމާ ދެކޮޅަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ނުކުމެފައިވެ އެވެ. އެމީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް އަރާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ނަމަވެސް ދެ ބައި މީހުންގެ މެދުގައި އެއްވެސް ކަހަލަ ކުރިމަތިލުމެއް ނުހިނގާ ކަމަށްވެ އެވެ. 

މުސްލިމުންނާ ދެކޮޅަށް ބޭއްވި މުޒާހަރާ އަކީ "ޕެޓްރިއޮޓިކް ޔޫރަޕިއަންސް އެނގެއިންސްޓް ދަ އިސްލާމިޒޭޝަން އޮފް ދަ ވެސްޓް" ނަމަކަށް ކިޔާ ޖަމާއަތަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދެކޮޅުވެރިކަމުގެ ހަރަކާތެކެވެ.

މި އެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތީ މިފަދަ އެއްވުމަކާ އެކު ގައުމު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާނުލުމަށް ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ގޮވާލައްވާފައި ވަނިކޮށެވެ. މާކެލް ވަނީ ހަރުކަށި ހިޔާލުގެ މީހުންގެ ދަލުގައި އެއްވެސް ބަޔަކު ނުޖެހުމަށް އޭނާގެ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

"ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ޖަރުމަނުގައި އޮންނާނެ. އެކަމަކު އެހެން ގައުމުތަކުން އަޅުގަނޑުމެންގެ ތެރެއަށް އަންނަ މީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރައި ހަމަނުޖެހުމަށް ހިތްވަރު ދޭ މީހުންނަށް ފުރުސަތެއް ނުލިބޭނެ،" މާކެލް ވިދާޅުވެފައިވެ އެވެ.

މުޒާހަރާގެ ބައިވެރިންގެ އެންމެ އަޑުގަދަކޮށްފައި ވަނީ އިމިގްރޭޝަނާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށް އެހެން ގައުމުތަކުގެ މީހުންނަށް ޖަރުމަނުގެ ދޮރާށިތައް ބަންދުކުރުމަށެވެ. އަދި އިސްލާމީ ޝަރީއަތަށް ޖަރުމަނުގައި ފުރުސަތު ނުދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

މުސްލިމުންނާ ދެކޮޅު ބޮޑު އެއްވުމެއް ޖަރުމަނުން ފެނިގެން ގޮސްފައިވާއިރު ސީރިއާ އާއި އިރާގުގެ ރެފިއުޖީންނާ އެކު ޖަރުމަނުގައި ވަނީ މުސްލިމުންގެ މައްސަލަ ބޮޑު މައްސަލައަކަށް މިފަހުން ވެފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން މުސްލިމު ގައުމުތަކުން ޖަރުމަނުގެ ހިމާޔަތް ހޯދުމަށް އަންނަ މީހުން އިތުރުވަމުން އަންނައިރު މުސްލިމުންގެ އާބާދީ ބޮޑުވަމުން ދިއުމަކީ ޖަރުމަނުގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.