ހިންދޫ ދީނުގެ ވަކި މަޒުހަބެއް އަމިއްލައަށް އުފައްދައިގެން އުޅޭ ގުރުމީތު ރާމް ރާހިމް ސިންގް ދެކެ ކުރިން ވެސް އަދި މިހާރުވެސް ބިރު ނުގަންނަ ކަމަށް އޭނާ ހިންގި ޖަރީމާ ބޭޒާރުކޮށްލި ދެ އަންހެނުން ބުނެފިއެވެ.
އިއްފަތް ފޭރުމުގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމުގެ ދެ ހުކުމް އައިސްފައިވާ ރާމް ރާހިމް ސިން ހިންގި ޖަރީމާތަކުގެ ދައުވާ ސާބިތުކުރުމަށް އޭނާއާ ދެކޮޅަށް ހެކިބަސްދޭން އިންޑިއާ ފުލުހުން 18 އަންހެނަކަށް ހުށަހެޅިއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ހެކިބަސްދޭން ކެރުނީ އޭގެ ތެރެއިން ދެ އަންހެނަކަށެވެ.
"އަހަރެން އޭނާއާ ދެކޮޅަށް 2009 ވަނަ އަހަރު ވާހަކަ ދެއްކި އިރު ކޯޓްރޫމުގައި އޭނާ ހުރި، އަހަރެން އޭރުވެސް އޭނާ ދެކެ ބިރެއް ނުގަނޭ، އަދިި މިއަދުވެސް އަހަރެން އޭނާ ދެކެ ބިރެއް ނުގަނޭ،" ރާހިމްގެ ކުށް ސާބިތުވުމަށް މަގުފަހިވި ހެކިބަސް ދިން އަންހެނާ ބުނިކަމަށް ދަ ހިންދޫ ނޫހުގެ ހަބަރުގައި ވެއެވެ.
ދަ ހިންދޫ ނޫހުން ބުނީ 2002 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިމާޔަތުގައި ދިރިއުޅެމުން އަންނަ ، އުމުރުން 40 ގެ އަހަރުތަކުގައިވާ އެ އަންހެންމީހާ ނޫހާ ވާހަކަ ދެއްކީ އާއިލާގެ މެމްބަރެއްގެ ފޯނުން ކަމަށެވެ. ކައިވެންޏެއްކޮށް ދެކުދިން ލިބިފައިވާ އެ އަންހެނާ ބޭބެއެއް ރާހިމް އުފެއްދި ދީރާ ސާޗާ ސައުދާ ދީނަށް ތަބާވާ މީހުންގެ ތެރޭގައި ވިއެވެ. ރާމް ރާހިމް އަންހެންމީހާއަށް ދިން އަނިޔާގެ ވާހަކަ، ކާކުކަން ނޭނގޭ ގޮތަށް ސިޓީއަކުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ފޮނުވީ އެ ބޭބެ ކަމަށް ބަލައި، ރާމް ރާހިމްގެ އަމުރަށް އޭނާ ވަނީ މަރާލާފައެވެ. އެ މައްސަލަވެސް ސީބީއައި އިން އަންނަނީ ބަލަމުންނެވެ. އެ މައްސަަލައިގެ ޝަރިއަތުގެ އަޑުއެހުންތައް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށެވެ.
ރާމް ރާހިމް ސިންގްއަށް އަށް ހުކުމް ކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ކުށްވެރިވާ ކަމަށް އިންޑިއާގެ ކޯޓަކުން މިމަހުގެ 25 ވަނަ ދުވަހު ނިންމުން އޭނާއަށް ތަބާވާމީހުން ހިންގި ހަމަނުޖެހުންތަކުގައި 30 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.