ދުނިޔެ

އުތުރު ކޮރެއާއިން ޖަޕާނު މީހުން ބިރުގަންނަވާލައިފި

އުތުރު ކޮރެއާއިން ޖަޕާނު މަތިން މިސައިލެއް ފޮނުވާލައި އެގައުމުގެ މީހުން ބިރު ގަންނަވާލައިފިއެވެ.

އުތުރު ކޮރެއާއިން އުދުއްސައިލި މިސައިލް ޖަޕާނުގެ ހޮކައިޑޯ ޖަޒީރާ މަތިން ހުރަސް ކުރި އިރު އެ މިސައިލް ހަލާކުކޮށްލަން ޖަޕާނުން މަސައްކަތެއް ނުކެއެވެ. އެކަމަކު ޖަޕާނުގެ އިދާރާތަކުން ހޮކައިޑޯގެ ރައްޔިތުންނަށް އެންގީ ވަރުގަދަ އިމާރާތްތަކާއި ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށެވެ.

ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި ހުރި ބީބީސީގެ މުރާސިލު ރުޕާޓް ވިންފީލްޑް ހަޔީސްއާ ހަވާލާދީ އެ އެޖެންސީން ބުނީ އުތުރު ކޮރެއާއިން ފޮނުވައިިލި މިސައިލަކީ ނިއުކްލިއަ ވޯހެޑެއް އުފުލޭ ވަރުގެ މިސައިލެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މިސައިލް ހޮކައިޑޯ މަތިން ގޮސް ވެއްޓުނީ ޖަޕާނުގެ އައްސޭރިފަށުގެ އުތުރުން 1180 ކިލޯމީޓަރު ދުރަށް ޕެސިފިކް ކަނޑުގެ ތެރެއަށެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ އިދާރާތަކާ ހަވާލާދީ ބީބީސީން ބުނީ އުތުރުން ފޮނުވައިލި މިސައިލް 342 މޭލު އުހުން 1678 މޭލު ދުރަށް އުދުހުނު ކަމަށެވެ. އަދި އެ މިސައިލް ވެއްޓުނީ ތިން ބުރިއަށް ބިނދިގެން ކަމަށް ވެސް ބުންޏެވެ.

އުތުރު ކޮރެއާގެ އެ އަމަލާ މެދު ޖަޕާނުން ނުރުހުން ފާޅުކުރި އިރު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ އެމައްސަލައާ މެދު މަޝްވަރާކުރަން ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.