ދުނިޔެ

ބޯކޮށް ވާރޭ ވެހި މުމްބާއީގައި ފެންބޮޑުވެއްޖެ

ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ފެންބޮޑުވެ، ދަތުރުފަތުރު ހުއްޓުމަކަށް އަތުވެެއްޖެއެވެ.

މުމްބާއީގައި ފެންބޮޑުވުމުގެ ސަބަބުން ބަހާރި ރޭލާއި އެނޫންވެސް އެއްގަމު އުޅަދނދުތަކުގެ ދަތުރުފަތުރު ހުއްޓިފައި ވާއިރު ވައިގެ ދަތުރުތަކަށް ވެސް ވަނީ ވިއްސާރައިގެ ސަބަބުން ހުރަސް އެޅިފައެވެ. އެގޮތުން އެރަަށަށް ދަތުރުކުރި ބައެއް މަތިންދާބޯޓްތައް ޖެެއްސުން ލަސްކުރަން ޖެހުނު އިރު އަނެއްބައި މަތިންދާބޯޓްތައް ވަނީ އެހެން އެއާޕޯޓުތަކަށް ފޮނުވާލާފައެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާތަކާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ ކުރިއަށް އޮތް 24 ގަޑި އިރުގެ ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވީމާ އިތުރަށް ފެންބޮޑުވެ، ނުރައްކަލާ ކުރިމަަތިލާން ޖެހިދާނެކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ. އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު އުދަ އެރުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ ތިރި ހިސާބުތަކުން މީހުން ހުސްކުރަން އެގައުމުގެ ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފެން ހިންދާ ނިޒާމުތައް އެހާ ރަނގަޅަށް ނެތުމުގެ ސަބަބުން މުމްބާއީ ވެފައި ވަނީ ވަރަށް ފަސޭހައިން ފެންބޮޑުވާ ސިޓީއެކެވެ. އެ ސިޓީގައި 2005 ވަނަ އަހަރު ހިނގި ފެންބޮޑުވުމުގެ ސަބަބުން 500 މީހުން މަރުވިއެވެ.