ހަބަރު

"ސިޔާސީ މީހުންގެ މައްސަލަތައް ހައިކޯޓުގައި ދެން އަވަސްވާނެ"

ހައިކޯޓުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުން ގެނައި ބަދަލާއެކު ސިޔާސީ ބޭފުޅުންގެ މައްސަލަތައް ހައިކޯޓުގައި ވަރަށް އަވަސް ސްޕީޑްގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ އެވެ.

ހައިކޯޓުގެ މައްސަލަތައް ނިމުން ލަސްވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު ވަނީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ކުރިއަށް އޮތް ތިން މަސް ދުވަހަށް މާލޭ ހައިކޯޓުގައި މަސައްކަތް ކުރުމަށް އަންގައި އަމުރެއް ނެރެފަ އެވެ.

އެ އަމުރު ޓްވީޓް ކުރައްވަމުން ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ހައިކޯޓުގައި ދެން ވަރަށް ހަލުވިކޮށް ސިޔާސީ މީހުންގެ މައްސަލަތައް ނިމިގެން ދާނެ ކަމަށެވެ.

އަލީ ޒާހިރުގެ ޓްވީޓް

އަލީ ޒާހިރު މީގެކުރިން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ ހައިކޯޓުގައި އިތުބާރު ހިފޭ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައި، މައްސަލަތައް ބާރު ސްޕީޑްގައި ގެންދިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައިވާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލާގެ ހުކުމް އިއްވުން ހައިކޯޓުގައި ލަސްވަމުންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެ މައްސަލަ މިހާރު ވަނީ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރުގެ ސެކްޝަނުން ނަގައި އިސް ފަނޑިޔާރުގެ ބިއުރޯއަށް ބަދަލުކޮށްފަ އެވެ. އެކަމާ ފާރިސް ހިތްހަމަނުޖެހުން ފާޅުކޮށް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ.

މިހާރު ހައިކޯޓުގެ ދެކުނު ގޮފީގައި ތިއްބެވީ، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެކުނު ގޮފީގެ ފަނޑިޔާރުން މޭލެ ވަޑައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާއިރު ހައިކޯޓުގެ ޝަރީއަތްތައް ހުއްޓިފައިވާތާ ވަނީ ހަ މަސް ދުވަސްވެފަ އެވެ. ހައިކޯޓުގައި އިސްތިއުނާފު ކުރާ މައްސަލަތައް ތިން ފަނޑިޔާރުންނަށް ބެއްލެވޭއިރު އެ ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން މިހާރު ނުތިއްބަވަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ސުޖާއު އުސްމާނަށް އިންޒާރުތަކެއް ލިބުމާ ގުޅިގެން މާލެ ވަޑައިގެންނެވި ގޮތަށް އަދި ވެސް ހުންނެވީ މާލޭގަ އެވެ.