އިދިކޮޅު ފަރާތްތައް

ކެންޕެއިން ކުރަން ފުރުސަތު ނުލިބޭތީ އިދިކޮޅުން ކޯޓަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކެންޕެއިން ކުރުމަށް ފުރުސަތު ނެތް ކަމަށް ވިދާޅުވެ އެ މައްސަލަ ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

މިއަދު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ރައީސް އަދި އިދިކޮޅު ލީޑްކުރައްވާ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނައިރު އިދިކޮޅު ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އިންތިހާއަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދާއިރު އޮތް އެންމެ ބޮޑު ދައްޗަކީ އަދި ކަންބޮޑުވުމަކީ އެއީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެކި ނަަން ނަމުގައި ސަރުކާރުގެ އިސްވެރިން ރަށްރަށައް ދަތުރުކުރަމުންދަނީ ކެންޕެއިން ކުރުމަށް ކަމަށެވެ. އެހެން ކަމުން ކެންޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތުމުން އެ މައްސަލަ ކޯޓަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އޮތް ދައްޗަކީ އަޅުގަނޑުމެންނަށް އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ނަން ނަމުގައި ރަށްރަށައް އެބަ ދަތުރުކުރެވޭ. ކުންފުނިތަކުގެ އެމްޑީން ދައުލަތުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދަތުރުކޮށް އެ ބޭފުޅުން ކެންޕެއިން ކުރަމުން އެބަ ގެންދޭ. އެހެންވީމަ ހަމަހަމަ ފުރުސަތެއް ނެތް އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދާ މިދާ ވަގުތަކު. އެހެންވީމަ އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ގެންދަނީ އަޅުގަނޑުމެންގެ ގާނޫނީ ޓީމާއެކީގައި ހަމަހަމަ ފުރުސަތު ނުލިބޭތީވެ މި މައްސަލަ ކޯޓަށް ވެއްދުމަށް،"

އަބްދުއްރަހީމް ވިދާޅުވީ ކޮވިޑާއި ގުޅުވައި ރައްޔިތުން ގޭ ބަންދުކޮށް އިދިކޮޅުގެ ސިޔާސީ ހަރަކާތް ހުއްޓުވައިގެން ސަރުކާރުގެެ އިސްވެރިން ރަށްރަށައް ދަތުރުކުރަމުންދާ ކަމަށެވެ. މިއީ ކަންބޮޑުވާ ކަމެއް ކަމަށާ ކެންޕެއިންނަށް ހުރިހާ ކެންޑިޑޭޓުންނަށް އަދި ހުރިހާ ޕާޓީތަކަށްވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ލީޑާޝިޕްގެ ބޭފުޅުންނަށް ރަށްރަށައް މިވަގުތު ދަތުރު ނުކުރެވުނު ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ރަށްރަށުގައި ކެންޕެއިން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންނަށް ކިރިޔާ ފުރުސަތެއް ލިބުނަސް އަޅުގަނޑުމެން ރަށްރަށައް ދާނަން،"

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ކިތަންމެ ފިއްތުންތައް ކުރިމަތި ކޮށް ހުރަސް އެޅި ނަމަަވެސް އިންތިހާބު ބޮއިކޮޓް ނުކުރާނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު އެ މުއްދަތުގައި އިންތިހާބު ބޭއްވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. އަދި އެންމެ ފަހު ތާރީހަކަށް ޖަނަވަރީ ފަސްވަނަ ދުވަހުގެ ކުރިން އެ ހުއްދަ ނުދީފިނަމަ އިންތިހާބު އެ މުއްދަތުގައި ނުބޭއްވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.