ހަބަރު

ބީއެމްއެލްއިންް ބާސްކެޓްބޯލް އެސޯސިއޭޝަނާ ގުޅިގެން ޒުވާނުން ތަމްރީން ކުރަނީ

ދިވެހި މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ބައެއްގެ ގޮތުން ބާސްކެޓްބޯޅަ ކުޅޭ ޒުވާން ކުޅުންތެރިން ތަމްރީންކުރުމަށް އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ބީއެމްއެލް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ތަމްރީންތަކަށް އެހީތެރިވުމުގެ އިތުރުން އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށްވެސް ބޭންކުން އެހީތެރިވެދޭނެއެވެ. އަދި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ތެރެއިން 1,000 ކުޅުންތެރިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ބޭންކަށް ވަރަށް ހާއްސަ ސްޕޮންސާއެއް ކަމަށާއި މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވަމުންދާ ކަމަށެވެ. އޭގެ ތެރެއިން ކުޅިވަރު ކުޅޭ ޒުވާން އަންހެން އަދި ފިރިހެން ކުދިންގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވުމަށް ބީއެމްއެލްއިން ބޭނުންވާ ކަމަށާއި ބާސްކެޓްބޯޅައަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ކުޅިވަރެއްކަމުގައިވާތީ މިކަމަށް އެހީތެރިވުމަކީ ލިބޭ ހާއްސަ އުފަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން ތަމްރީން ވަނީ ޕްރޮގްރާމްގައި ޒުވާން ޓީމުތައް ބޭނުންކުރާނެ ބީއެމްއެލް ބްރޭންޑެޑް ޖާޒީތައް ދައްކާލާފައެވެ. އަދި ބީއެމްއެލްގެ ފަރާތުން ވަނީ ނޭޕާލްގައި އޮންނަ ސައުތު އޭޝިޔަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި މި ޓީމު ވާދަކުރާއިރު ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހާއްސަ ގިފްޓް ކާޑެއްވެސް ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކޮށްފައެވެ.

މި އަހަރު ކުރީކޮޅު ބީއެމްއެލް ވަނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރު ގޮތުގައިވެސް ހަމަޖެހިފައެވެ. "އަހަރެންގެ ބޭންކް" ޝިއާރުގެ ދަށުން މިއަހަރު މިހާތަނަށް ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި މުޖުތަމައުތަކުން 30 ޖަމިއްޔާއަކަށް އެހީތެރިކަންފޯރުކޮށްދީފައެވެ.