ދުނިޔެ

ތޫފާން ހާވީ: ޑޭމްތައް ހަލާކުވެ، ކޯރުތައް ބަންޑުން ވަނީ

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް އަރާފައިވާ ތޫފާން ހާވީގެ ސަބަބުން މެދު ނުކެނޑި ވާރޭ ވެހޭތާ ތިން ދުވަސްވީ އިރު އެ ސްޓޭޓްގެ ކޯރެއް ބަންޑުން ވިޔަ ނުދިނުމަށް ހަދާފައިވާ ދެ ޑޭމެއް ހަލާކުވުމުގެ ބިރާ ކުރިމަތިވެއްޖެއެވެ.

ޓެކްސަސްގެ މައިރަށް އަދި އެމެރިކާގެ ހަތަރުވަނައަށް އެންމެ ބޮޑު ޝަހަރުކަމަށްވާ ހިއުސްޓަންގެ ރަށްބޭރުގައިވާ އެޑިކްސް ޑޭމްގެ ރިޒާވިއާގެ ފެންގަނޑު މިހާރު ވަނީ 108 ފޫޓަށް އުފުލިފައެވެ. ހެރިސް ކައުންޓީ ނަމަކަށް ކިޔާ އެ ސަރަހައްދުގެ ކައުންޓީ ފްލަޑް ކޮންޓްރޯލް ޑިސްޓްރިކްޓް މީޓިއޮރޮލޮޖިސްޓް ޖެފް ލިންޑްނާ އާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނީ އެޑިކްސް ޑޭމްގެ ސްޕިލްވޭތައް ބަންޑުންވެ، މަގުތަކާއި ގެދޮރުގައި ފެންބޮޑުވުމުގެ ބިރު ހީވެފައިވާ ކަަމަށެވެ.

"އަހަރެމެންނަށް ކުރިން މިކަލަ ކަމެއް ދިމައެއް ނުވޭ. ފެންގަނޑު ސްޕިލް ވޭއިން ވަށައިގެންވާ ސަރަހައްދަށް ބޭރުވާ އިރު ވާނެ ގޮތަކާ މެދު އަހަރެމެންނަށް އެއްޗެއް ބުނާކަށް ނޭނގޭަ،" ލިންޑްނާ ބުނި ކަމަށް ނޫހުގައި ވެއެވެ.

ޑޭމުން ފެންގަނޑު ބޭރުވާން ފެށުމުން ފެންބޮޑުވާނެ ކަމަށް ބެލެވޭ ފަސް ސަރަހައްދެއް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ސަރަހައްދު ދޫކޮށް ދިއުމަށް އޭނާ ވަނީ ގޮވާލާފައެވެ. އޭނާ ބުނެފައި ވަނީ ސަރަހައްދު ދޫކޮށް ދާން ބޭނުން ނަމަ މިހާރުން މިހާރަށް ދާން ޖެހޭ ކަމަށެވެ. އެއީ ފެންގަނޑު ބޭރުވާން ފެށުމުން ދިއުމުގެ ފުރުސަތު ނުލިބޭނެތީ ކަމަށް ވެސް ބުންޏެވެ.

އެޑިކްސް ޑޭމްއާ ދުރުނޫން ހިސާބެއްގައިވާ ބާކާ ޑޭމް ވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ. އެ ޑޭމްގެ ކައިރީގައި ދިރިއުޅޭ މީހުން ވެސް ސަރަހައްދު ދޫކޮށްދާން އިދާރާތަކުން ވަނީ އެދިފައެވެ.

ތޫފާން ހާވީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހިއުސްޓަން އަށެވެ. ހާލުގައި ޖެހިފައިވާ 3000 މީހުން އެރަށުން މިހާރު ވަނީ ސަލާމަތްކޮށްފައެވެ. ތޫފާން ހާވީގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރާފައެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދި ވަރަށް ބޮޑުތަނުން އިތުރުވާނެއެވެ. އެއީ އެމީހުންނަށް ވީގޮތް އާއިލާއަށް ނޭނގޭ އެތައް ބަޔަކު ވާތީއެވެ.