ދުނިޔެ

ތޫފާން ހާވީ އިން ރެކޯޑް މިންވަރަކަށް ވާރޭ ވެހިއްޖެ

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް އަރާފައިވާ ތޫފާން ހާވީގެ ސަބަބުން މިހާތަނަށް ވެހުނު ވާރޭގެ މިންވަރަކީ ތޫފާނެއްގައި އެމެރިކާއަށް ވެހުނު އެންމެ ގިނަ މިންވަރުގެ ވާރޭ ކަަމަށް އެގައުމުން ބުނެފިއެވެ.

ޓެކްސަސްގެ މަައި ޝަހަރު ' ހިއުސްޓަން' ގެ އިރު ދެކުނުގައިވާ މޫސުން ބަލާ މަރުކަޒަކުން ރެކޯޑްކޮށްފައިވާ ގޮތުގައި ތޫފާން ހާވީގެ ސަބަބުން އެ ސަރަހައްދަށް މިހާރުވެސް ވަނީ 51 އިންޗީގެ ވާރޭ ވެހިފައެވެ. އެމެރިކާއަށް ކުރިން އެރި އެއްވެސް ތޫފާނެއްގައި އެ މިންވަރަށް ވާރޭ ވެހުނު ކަމަށް ރެކޯޑްކުރެވިފައި ނުވާ އިރު ތޫފާން ހާވީގެ ބާރު އަދި ވެސް ނުކެނޑެއެވެ. އެތޫފާން ވަނީ ކަނޑަށް ދަތުރުކޮށް އަލުން ބާރު ގަދަވެގެން އިއްޔެ އަލުން އެއްގަމަށް އަރާފައެވެ. އެހެންވެ އިތުރު ހައެއް ނުވަތަ 12 އިންޗީގެ ވާރޭ އަދިވެސް ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތޫފާނަކުން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް އެމެރިކާގައި ކުރިން ވެސް ރެކޯޑްކުރެވިފައި ވަނީ ޓެކްސަސްގައެވެ. އެއީ 48 އިންޗީގެ ވާރެއެވެ.

މިހާރު ހާލަތު އޮތީ ކިހިނެތް؟

ތޫފާން ހާވީގެ ސަބަބުން ހިއުސްޓަންެއާއި އެ ޝަހަރުގެ ވަށައިގެންވާ ސަރަހައްދުތަކުގެ މަގުތައް ވަނީ ކޯރުތަަކަކަށް ބަދަލުވެފައެވެ. ފެނުގެ އަޑިއަށް ގޮސްފައިވާ ގެތަކުން އެތައް ހާސް މީހުންނެއް ސަލާމަތްކޮށްފައި ވާއިރު، މަރުވި މީހުންގެ އަދަދު މިހާރުވަނީ 11 އަށް އަރާފައެވެ. މީހުން ހޯދައި ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުގެ 12000 މީހުން ނެރެފައި ވާއިރު އެހީ ބޭނުންވާ 30000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.