ވިޔަފާރި

ޓާޓާ ފްލެޓަށް ފައިސާ ނުދެއްކޭ މީހުނަށް އަގު ހެޔޮ ލޯނު ދެނީ

  • ލޯނަށް ކުރިމަތިލުން އޮކްޓޫބަރު މަހުގެ 12 އަށް
  • ގެދޮރު އަގު ހެޔޮ ލޯނަކީ ކުޑަ އިންރެސްޓުގެ ލޯނެއް
  • ނުލިބިއްޖެނަމަ، ފްލެޓު ގަންނަން އޮތް ފުރުސަތު ބަންދު!

މާލޭގެ ގާކޮށްޓާއި އަރަބިއްޔާގައި ޓާޓާ ކުންފުނިން ހަދާފައިވާ ފްލެޓަށް ފައިސާ ނުދެއްކި ތިބި މީހުންނަށް "ގެދޮރު އަގު ހެޔޮ ލޯނު ސްކީމުން" ލޯނު ދޫކުރަން ހުޅުވާލައި، ކުރިމަތިލާން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެޗުޑީސީން ނެރެފައިވާ ނޫސް ބަޔާނެގައި ވަނީ އެޗުޑީސީގެ "ވެށި ފަހި މާލެ" ޕްރޮގްރާމުގެ ދަށުން މާލޭގައި، "އެޕެކްސް ރިއަލިޓީ" ގެ ފަރާތުން ހަދާފައިވާ ފްލެޓުތަކަށް ހޮވިފައިވާ މީހުންގެ ތެރެއިން ލޯނު ހަމަޖެހިފައިނުވާ މީހުންނަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކާ ގުޅިގެން ދޫކުރާ ގެދޮރު އަގުހެޔޮ ކުރުމުގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ސްކީމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް އެޗުޑީސީގެ ވެބްސައިޓުގައިވާ "އަސާސީ މައުލޫމާތު ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅައިގެން ގެންދިއުމަށް އެދޭ ކަމަށެވެ.

އެ ކުންފުނިން ބުނީ ލޯނު ހަމަޖައްސައި، އޮކްޓޫބަރު 15 ގެ ކުރިން އެޗުޑީސީއަށް އަންގަން ވާނެ ކަމަށެވެ.

އެޗުޑީސީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ލޯނު ހަމަ ނުޖެހިއްޖެނަމަ ފްލެޓު ގަތުމަށް އެ ފަރާތަށް ލިބިފައިވާ ފުރުސަތު ގެއްލޭނެ އެވެ. އަދި މި ފުރުސަތު ގެއްލިއްޖެނަމަ އެ ފަރާތަކަށް ހުޅުމާލޭގައި ތަރައްގީ ކުރާ އަގު ހެޔޮ ބޯހިޔާވަހިކަމުގެ ދަށުން އެކަށައަޅާފައިވާ "ޕްރިއޮރިޓީ ލިސްޓު" ގައިވާ ގޮތުގެ މަތިން ސަރުކާރުން ފުރުސަތު ދޭނެ ކަމަށެވެ.

ގެދޮރު އަގު ހެޔޮ ކުރުމުގެ ލޯނަށް ކުރިމަތި ލުމަށް އެދޭ ފޯނު

ލޯނަށް ކުރިމަތިލާން އެޗުޑީސީއިން ހުޅުވައިލިއިރު، ކުޑަ އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އަގު ހެޔޮކޮށް ގެނެވޭ ލޯނު އަންނަ މަހު ދޫކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ބުނެފަ އެވެ.