ވިޔަފާރި

ގެދޮރު އަގު ހެޔޮކޮށް ގެނެވޭ ލޯނު އަންނަމަހު

ކުޑަ އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އަގު ހެޔޮކޮށް ގެނެވޭ ލޯނު އަންނަ މަހު ދޫކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މަރިޔަމް ނަޖީލާ "އަވަސް" އަށް ވިދާޅުވީ "ގެދޮރު އަގުހެޔޮ ކުރުމުގެ ލޯނު ސްކީމުން" ލޯނު ދޫކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ގެދޮރު އަގުހެޔޮކޮށް ގަނެވޭ ލޯނު ދޫކުރުމުގެ ގޮތުން އެކަމާ ބެހޭ ގަވާއިދެއްވެސް ވަނީ ނެރެފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން މި ސްކީމުގައި ބޭންކްތަކާއި ލޯނު ދޫކުރާ ފައިނޭޝަނަލް އިންސްޓިއުޓްތަކުންވެސް ބައިވެރިވާން ޖެހެ އެވެ. އަދި މި ސްކީމުގައި ކޮންމެ މެންބަރު އިދާރާއަކުން ވެސް އެ ފަރާތައް ލޯނާއި ދަރަނީގެ ގޮތުގައި ލިބެން ޖެހޭ ޖުމުލަ ފައިސާގެ ތެރެއިން މަދުވެގެން 10 ޕަސެންޓް ސްކީމަށް ލޯނުގެ ގޮތުގައި ދޫކުރަން ޖެހެ އެވެ.

ޑައުންޕޭމަންޓާއި އިންޓްރެސްޓް

* ޑައުން ޕޭމަންޓް 20 ޕަސެންޓްނަމަ، އިންޓްރެސްޓް ރޭޓް 5 ޕަސެންޓް
* ޑައުން ޕޭމަންޓް 10 ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 5.5 ޕަސެންޓް
*ޑައުންޕޭމަންޓް ފަސް ޕަސެންޓުނަމަ، އިންޓްރެސްޓް ރޭޓް 6 ޕަސެންޓް

މި ގަވާއިދުގައިވާ ގޮތުގައި މި ސްކީމް ފަރުމާކޮށްފައިވަނީ ލޯނުގެ އިކުއިޓީ ނުވަތަ ޑައުންޕޭމަންޓުގެ އަދަދު މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ދަށުން ނުވަތަ އޮތޯރިޓީން ގާއިމްކޮށްފައިވާ ސްކީމެއްގެ ދަށުން، ގެރެންޓީ ދޭނަމަ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ އިންވެސްޓްކޮށްފައިވާ ކަމަށް ބަލައި ލޯނު ނެގެ އެވެ. އަދި މި ސްކީމް ފަރުމާކޮށްފައިވަނީ ލޯނުގެ ފުރަތަމަ 10 އަހަރު ތެރޭގައި ރޭޓް އިތުރު ނުކުރެވޭ ގޮތަށެވެ. އަދި މި ލޯނު ދޫކުރާނީ 25 އަހަރުގެ މުއްދަތަށެވެ. މި ލޯނު ސްކީމުން ދޫކުރަނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާގެ ލޯނުތަކެވެ. މި ލޯނު ސްކީމު ތައާރަފު ކުރުމުން ދެ މިލިއަން ރުފިޔާގެ ލޯނަކަށް ގާތްގަނޑަކަށް މަހަކު ދައްކަން ޖެހޭނީ 12،000ރ. ވަރެވެ.