ހަބަރު

ރަސްރަނި ބަގީޗާ ބިދޭސީންގެ ފީ: 75 - 100 ރުފިޔާ

ރަސްރަނި ބަގީޗާއަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީ ކަނޑައަޅައިފި އެވެ. އެ ބަގީޗާއަށް ބިދޭސީން ވަންނަން ސަރުކާރު ބަންދު ދުވަސްތަކާއި ހަފްތާ ބަންދުގައި ހެނދުނު ހަޔަކުން ހަވީރު ހަތަރަކަށް 75 ރުފިޔާ އަދި އޭގެ ފަހުގައި ނަމަ ދައްކަންޖެހެނީ 100 ރުފިޔާ އެވެ. އަދި ހަފްތާ ބަންދުނޫން ދުވަހެއްގައި ނަމަ ދައްކަން ޖެހެނީ 75 ރުފިޔާގެ ފީ އެކެވެ. އެ ޕާކަށް ވަންނަން ދިވެހިންގެ އަތުން އެއްވެސް ފީ އެއް ނުނަގަނާނެ އެވެ.

ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު ހަޔަކުން ރޭގަނޑު 12:00 ޖަހަންދެން އެ ޕާކު ހުޅުވާފައި ހުންނާނެ އެވެ. އަދި ހުކުރު ދުވަހުވެސް ހެނދުނު 6:00 ހެނދުނު 11:00 އަށް އަދި މެންދުރު ފަހު 2:00 އިން ރޭގަނޑު 12:00 ޖަހަންދެން ހުޅުވާފައި ހުންނާނެ އެވެ. ޕާކުގެ ސެކިއުރީޓީ 24 ގަޑިއިރު ފުލުހުން ބަލަހައްޓާނެ އެވެ.

ރަސްރަނި ބަގީޗާގައި ބިއްލޫރި ޓްރީހައުސްއެއްގައި ހަދާފައިވާ "ރަސްރަނި ވިއު"ގައި ޒަމާނީ ވަސީލަތްތަކާއެކު ހުންނަ ކްލާސްރޫމްތައް ކިޔަވައިދިނުމުގެ އިތުރުން މީޓިންތައް ބާއްވަންވެސް ބޭނުންކުރެވޭނެ އެވެ. އެތަނުގައި ހުންނައިރު ބަގީޗާއެއްކޮށް ކަހަލަ ގޮތަކަށް ފެންނާނެ އެވެ. އަދި އެ ކްލާސްރޫމްތަކުގެ ތިރީގައި ގާއިމްކޮށްފައިވާ ބައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އަށް ހާއްސަކޮށްފައިވާ ކަމަށާއި އެތަނުގައި ކުޑަކުދިންގެ ކުރެހުމާއި ފަންނުވެރިކަން ކުރިއަރުވަން ކަންތައްތަކެއް ކުރިއަށް ގެންދަންވަނީ ނިންމާފަ އެވެ.

އުސްގެ ކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގާއިމްކޮށް، ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެ އެވެ.

އެ ޕާކުގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ. އެބައިގެ މަސައްކަތް އަދި ނުނިމެ އެވެ. އެހެން ނަަމަވެސް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ އެ ޕާކުގައި އެމެރިކާގެ ބޮސްޓަންގައި ގާއިމްކޮށްފައިވާ ކަހަލަ ހަނދުފަޅިއެއްގެ ބައްޓަމަށް ހުންނަ ލެޑް އުނދޯލިތަކެއްވެސް ހުރެ އެވެ،

ރަސްރަނި ޕާކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެނާޖީ ޑްރިންކް ބޭނުންކުރުމައި އޭގެ ވިޔަފާރި ކުރުން މަނާވާނެ އެވެ. އެތަނުގެ ސާފުތާހިރުކަން ބަލަހައްޓަ އެވެ.

ރަސްރަނި ޕާކު ހަދާފައިވާ ތަނަކީ 1968 ވަނަ އަހަރު ރާއްޖޭގައި އޮތް ރަސްކަން ނިމުނު އިރު އޭރުގެ ގަނޑުވަރު ހުރި ތަނެވެ. ރަސްކަން ނިމުމުން އެތަން ޕާކަކަށް ބަދަލުކުރީ އެވެ. އެ ޕާކަށް މި އަހަރުގެ ނޮވެމްބަރު މަހު 50 އަހަރު ފުރޭނެ އެވެ. މި ޕާކަކީ މާލޭގެ ހަތަރު އަވަށް ކަމަށްވާ ހެންވޭރާއި މާފަންނާއި މަންޗަންގޮޅި އާއި ގަލޮޅު ގުޅޭ ތަނެވެ.