ދުނިޔެ

ފެންބޮޑުވުމުން ޗާޗު ބަންދުކުރި އިރު މިސްކިތްތައް ހުރީ ހުޅުވާފައި

Aug 30, 2017
1

ތޫފާން ހާވީގެ ސަބަބުން އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވުމުން މީހުންނަށް ހިޔާވަހިކަން ނުދީ ޓެކްސަސްގެ އެންމެ ބޮޑު ޗާޗު ބަންދުކުރުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ޓެކްސަސްގެ މައި ޝަހަރު އަދި އެމެރިކާގެ ހަތަރުވަަނައަށް އެންމެ ބޮޑު ޝަހަރުކަމަށްވާ ހިއުސްޓަންގައި ހުންނަ ލޭކްވުޑް ޗާޗް ބަންދުކުރިކަން ފޭސްބުކްގައި އިއުލާން ކުރުމުން މީހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއްފަހަރާ 16000 މީހުންނަށް ވަދެވޭ އެރީނާއެއް ހިމެނޭ އެ ޗާޗަށް ހާލުގައި ޖެހުނު މީހުން ނުވައްދަނީ ކީއްވެތޯ ބައެއް މީހުންް ވަނީ ސުވާލުކޮށްފައެވެ.

އަނެއް ބަޔަކު ފާހަގަކޮށްފައި ވަނީ ލޭކްވުޑް ޗާޗް ބަންދުކުރިޔަސް ހިއުސްޓަންގައިވާ މިސްކިތްތަކާއި ކުދި ޗާޗްތަކުން މީހުންނަށް ހިޔާވަހިކަން ދެމުން އަންނަ ކަމެވެ. ފާޑުކިއުންތައް އިންތިހާއަށް ދިއުމުން ލޭކްވުޑް ޗާޗްގެ ޕެސްޓާ ޖޮއިލް އޮސްޓީން އެންމެ ފަހުން ބުނެފައި ވަނީ ޗާޗް މުޅިން ބަންދުކުރީ ނޫން ކަމަށާއި ހާލުގައި ޖެހުނު މީހުން ވަންނަން ހުރި ވަގުތީ ހިޔާތައް ފުރުމުން ޗާޗުވެސް ހުޅުވައިލާނެ ކަމަށެވެ.

ތޫފާން ހާވީގެ ސަބަބުންް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހުނު 3000 އަށް ވުރެ ގިނަ މީހުން މިހައިތަނަށް ސަލާމަތްކޮށްފައިވާ އިރު އެ ތޫފާނުގެ ސަބަބުން 200000އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. ތޫފާންގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ. ( ދަ އިންޑިޕެންޑެންޓް)