ވިޔަފާރި

ޕެރަޑައިސް އިން އީދަށް "ދުވަހު" ޕެކޭޖެއް

ޕެރެޑައިސް އައިލެންޑް ރިސޯޓުން އީދު ޗުއްޓީ އަށް ހާއްސަކޮށް "ޑޭ ވިޒިޓް" ޕެކޭޖެއް ނެރެފި އެވެ.

މާލެ އިން ފުރައިގެން ސްޕީޑް ލޯންޗުގައި 20 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ޕެރަޑައިސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ އީދަށް ހާއްސަކޮށް މި ޕެކޭޖު ނެރުނީ އީދު ޗުއްޓީއަށް ރިސޯޓުގެ ރޫމްތައް ފުލްވެފައިވާތީ، ޑޭ ވިޒިޓަށް އަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"ރޫމްތައް އެއްކޮށް މިވަނީ ފުލްވެފައި. އެހެންވެ ޑޭ ވިޒިޓަށް އައިސް ރިސޯޓުގައި މަޑުކޮށްލަން އަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން. އެހެންވެ ގިނަ ކަންތައްތަކެއް ހިމަނައިގެން މި ޕެކޭޖު ހެދީ،" ގައިސަރު ވިދާޅުވި އެވެ.

ޕެރަޑައިސް އިން ނެރެފައިވާ "ޑޭ ވިޒިޓް" ޕެކޭޖުގެ އަގަކީ މީހަކަށް 99 ޑޮލަރު (ގާތްގަނޑަކަށް 1،526ރ.) އެވެ. މި ޕެކޭޖުގައި ހިލޭ ރިސޯޓަށް ދިއުމާއި މާލެ ގެނެސް ދިނުން ހިމެނެ އެވެ. މާލެއިން ފުރާނީ ހެނދުނު 10:00 ގަ އެވެ. އަދި މާލެ ގެނެސް ދޭނީ ރޭގަނޑު 9:00 އެވެ.

މި ޕެކޭޖުގައި މެންދުރުގެ ކެއުމާއި ހަވީރު ސައިގެ އިތުރުން ބީޗުގައި ބާބެކިއުއާއެކު ރޭގަނޑު ކެއުން ވެސް ހިމެނެ އެވެ. އަދި މި ޕެކޭޖުގައި ޓީޓީ އާއި ބެޑްމިންޓަން އަދި ވޮލީ އާއި ޓެނިސް އަދި ބާސްކެޓް ބޯޅަ ވެސް ހިމެނެ އެވެ. އަދި މޫދަށް އެރި ފެން ވެރުމަށް ޝަވާ ފެސިލިޓީ ހަމަޖައްސައި ދޭނެ އެވެ. މި ޕެކޭޖުގައި ދެ އަހަރުން ދަށުގެ ކުދިންނަށް ޗާޖެއް ނުކުރެ އެވެ. އަދި ދެ އަހަރުން މަތީގެ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.