ހަބަރު

ރިސޯޓެއް ހަދަން އެމްޓީސީސީއަށް ރަށެއް ދެނީ

ރިސޯޓެއް ހެދުމަށް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސަރުކާރުން ރަށެއް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން ރޭ ބޭއްވި އާންމު އަހަރީ ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ ރިސޯޓު ހެދުމަށް ރަށެއް ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ކަމަށާއި އެއީ އެ ކުންފުނިން ދެމުން އަންނަ ފެރީ ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ޒިޔަތު ވިދާޅެއް ނުވެ އެވެ.

އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީ އަށް ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ 2015 އަހަރަށް ވުރެ، 32 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ފެރީގެ ހިދުމަތް ދިނުމުގެ ގޮތުން ސަރުކާރާއި އެމްޓީސީސީ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން މީގެ ކުރިން ވެސް ވަނީ އެ ކުންފުންޏަށް ރަށެއް ދީފަ އެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ރަށް އަނބުރާ ގެންގޮސް އެމްޓީސީސީއަށް އެއް މިލިއަން ޑޮލަރު ދީފަ އެވެ.