ދުނިޔެ

އިންޑިއާގައި 100 ކުދިން މަރުވި ހޮސްޕިޓަލުގައި އަނެއްކާ 66 ކުދިން މަރުވެއްޖެ

އުތުރު އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ހޮސްޕިޓަލެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 60 ކުޑަކުދިން މަރުވެއްޖެއެވެ.

ބީބީސީ ބުނީ ބާބާ ރާޣަވް ދާސް ނަމަކަށް ކިޔާ އެހޮސްޕިޓަލުގައި މަރުވި ކުދިންގެ ތެރެއިން 31 ކުދިންނަކީ ތުއްތު ކުދިން ކަމަށެވެ. އެހޮސްޕިޓަލަކީ މިހިނގާ އޮގަސްޓްމަހުގެ ކުރީކޮޅުގައި ވެސް 100 ކުދިން މަރުވި ހޮސްޕިޓަލެވެ. އޭރު ތުހުމަތުކޮށްފައި ވަނީ ކުދިންތައް މަރުވީ ބިލު ނުދައްކާތީ ކަމަށް ބުނެ އޮކްސިޖަން ކަނޑައިލުމުގެ ސަބަބުން ކަމަށެވެ.

ގޯރަކްޕޫރު ޑިސްޓްރިކްޓްގައިވާ ބާބާ ރާޣަވް ދާސް ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ކަަމަށްވާ ޑރ. ޕީކޭ ސިންގް ނޫސްތަކަށް ވިދާޅުވެފަައިވާ ގޮތުގައި ކުދިންތައް މަރުވީ އޮގަސްޓްމަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހާ ދެމެދުގައި ކަަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ މަރު ކުދިންނަކީ ހާލު ބޮޑުވެފައި ވަނިކޮށް އެހެން ހޮސްޕިޓަލްތަކުން ގެނައި ކުދިން ކަމަށާއި ގެނައިލެއް ލަސްކަމުން ސަލާމަތް ކުރަން އުނދަގޫވީ ކަމަށެވެ.

ޑރ. ޕީކޭ ސިންގް ވިދާޅުވެފައި ވަަނީ ބާބާ ރާޣަވް ދާސް ހޮސްޕިޓަލަކީ އެ ސަރަހައްދުގައި ބާރަށް ފެތުރެމުން އަންނަ ބައްޔެއް ކަަމަށްވާ 'އެންސެފަލައިޓިސް އަށް ފަރުވާ ކުރުމުގައި ކުރީގައި އިސްކޮށް މަސައްކަތް ކުރާ ހޮސްޕިޓަލެއް ކަަމަށެވެ. އެންސެފަލައިޓިސް އަކީ އެބަލި ޖެހުމުން ސިކުނޑި ދުޅަވާ ބައްޔެކެވެ. ނަމަވެސް މިފަހަރު އެހޮސްޕިޓަލުން މަރުވި ކުދިންގެ ތެެރެއިން އެބަލީގައި މަރުވީ އެންމެ ހަތް ކުދިންނެވެ. އެހެންކުދިން މަރުވީ ވިއްސާރަމޫސުމުގައި ފެތުރޭ އެހެނިހެެން ބަލިބަލީގައެވެ.