ދުނިޔެ

ޝަހަރުތަކުގައި ފެންބޮޑުވެ، އަވަށްތަކަށް ހަނަފަސްކަން

ދުނިޔެ ހޫނުވެ މޫސުމަށް އަންނަ ބަދަލުތަކޭ ބުނާ އިރަށް ފުރަތަމަވެސް ހިޔާލަށް އަންނާނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގަނޑުފެންތައް ވިރުމެވެ. ދެން ރަށް ގިރުމާއި ފެން ލޮނުވުމެވެ. ނަމަވެސް އެއަށް ވުރެ އަދި މާފުޅާ ދާއިރާއެއްގައި އެ ބަދަލުތަކުގެ އަސަރު ދުނިޔެއަށް ކުރާ ކަން ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައިވާ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ އިންޖިނޭރުން ކުރި ދިރާސާއިން އެނގިފައިވާ ގޮތުގައި މިހާރު ދުނިޔޭގައި އެންމެ ގިނައިން ވާރޭ ވެެހެނީ މީހުން ގިނަ ' އާބަން' ސަރަހައްދުތަކަށެވެ. ކޯރުތައް ފުރި ބަންޑުން ވުމުގެ މައްސަލަތައް ވެސް ގިނައިން ކުރިމަތިވަނީ ހަމަ އެ ފަދަ ސަރަހައްދުތަކަށެވެ.

ދަނޑުވެރިކަމުގެ މަސައްކަތް އެންމެ ގިނައިން ކުރާ ރަށްފުށުގެ ސަރަހައްދުތަކަަށް އޮތީ އޭގެ އިދިކޮޅެވެ. އެ ސަރަހައްދުތަަކަށް ވެރިވަމުން ދަނީ ހަނަފަސްކަމެވެ.

ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްަސްގެ އިންޖިނޭރުން މިކަން ދެނެގަތީ ދުނިޔޭގެ 163 ގައުމެއްގައިވާ 43000 ރެއިންފޯލް ސްޓޭޝަނާއި ކޯރުތައް ބަލަހައްޓާ 5300 އިދާރާއެއްގައިވާ މައުލޫމާތު އެއްކޮށް ، އެނަލައިޒްކޮށްގެންނެވެ.

އެމީހުން އެކުލަވައިލި ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފިނިހޫނުމިން މަތި ސަރަހައްދުތަކަށް ގިނައިން ވާރޭ ވެހުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެހެނީ އެ ސަރަހައްދެއްގެ ފިނިހޫނުމިން މަތިވި ވަރަކަށް ވައިގެ ހޫނުކަން އިތުރުވެއެވެ. އަދި ހޫނު ވައިގައި ތެތްކަން އުފެދޭލެއް ބޮޑެވެ. އެހެންވީމާ އެފަދަ ސަރަހަައްދެއްގައި ވިލާގަނޑެއް އުފެދިއްޖެ ނަމަ އެ ވިލާގަނޑެއްގައި ފެން އެކުލެވޭ މިންވަރު އިތުރެވެ.

" މައުލޫމާތުގަނޑު އެއްކޮށް ބަލައިލީމާ އަހަރެމެންނަށް މާ ބޮޑަށް ސާފުވި. ކޮންމެވެސް މޮޑެލް ސިމިއުލޭޝަން އެއް ހަދައިގެން ބެލުމުގެ ބަދަލުގައި އަހަރެމެން ބަރޯސާ ކުރީ ކޯރުގެ ފެން ދެމުމާއި ވާރޭ ވެހުމާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުގައި އެއްކޮށްފައިވާ އަސްލު މައުލޫމާތު. އެހެންވީމާ އަހަރެމެންނަށް މި ފެންނަނީ ސީދާ ދުނިޔެއަށް ކޮށްފައިވާ އަސްލު އަސަރު،" ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ހައިޑްރޮލޮޖީ ޕްރޮފެސަރެއްކަމަށްވާ އަޝިޝް ޝަރުމާ ވިދާޅުވި ކަމަށް ސައިންސް ޑެއިލީގެ ރިޕޯޓްގައި ވެއެވެ.

ޝަރުމާއާއި ދިރާސާގައި ބައިވެރިވި އެހެން އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން ކޯރުތަކުގެ ފެން ރަނގަޅު ގޮތުގައި ބޭނުން ކުރުމަށާއި ވާރޭ ވެހުމުން ފެންބޮޑުވާ ވަރު ކުޑަކުރުމަށް އިންޖިނޭރިން ދާއިރާއިން އިތުރު މޮޅު މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

" މޫސުަމަށް އަންނަ ބަދަލުތަކުގައި އަހަރެމެންނަށް ގެނެސްދޭ އެހާ ހިތް ނޭދޭ ، ހައިރާން ކުރުވަނިވި ކަންތައްތައް. އެކަން އެހެން އޮތަސް އިންޖިނޭރުންގެ ހައިސިއްޔަތުން އަހަރެމެންގެ ދައުރަކި މަައްސަލަ ދެނެގަނެ، ހައްލެއް ހޯދުން. މައްސަލަ ދެނެގަތުމަކީ އާއްމުގޮތެއްގައި މަސައްކަތުގެ ދެބައިކުޅަ އެއްބައި. މިދިރާސާއިން މިވަނީ މައިގަނޑު އެއް މަސައްލަ ފެނިފައި،" ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ އިންޖިނިއަރިން ޑީން މާކް ހޯފްމަން ވިދާޅުވެފައި ވެއެވެ.