ހަބަރު

އީދު ޗުއްޓީގައި ސިއްހަތަށް ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބޮޑު އީދު ބަންދުގައި ދަތުރުފަތުރާއި ޒިޔާރަތް ކުރުންތައް ގިނަ ވާނެތީ އެ ކަންކަމުގައި އާއްމު ސިއްހަތަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ބަންދުގަައި ސަމާލުވާންވީ ގިނަ ކަންތައްތެކެއް އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފަ އެވެ. މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. އީދުގެ ބަންދު ފަށާނީ ވެސް މާދަމާ އެވެ.

ސަމާލުވާންވީ މިކަންކަމަށް

* ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވައިކުރުން
* ބަލިވެ އުޅޭ ނަމަ ގިނަމީހުން އެއްވެ އުޅޭ ތަންތަންނަށް ނުގޮސް މަޑުކުރުން
* އަތާ ފަޔާ އަނގައިގެ ބައްޔާއި ފާނަބަސަންދު ފަދަ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ކުއްޖަކު ނަމަ އެހެން ކުދިންނާ ވަކިކުރުން
* މަދިރި އާލާވުމަށް މަގުފަހިވާ ގޮތަށް ހުސްފުޅިއާއި ދަޅުފަދަ ތަކެތި ނޫކުން
* މަދިރިން ސަލާމަތްވުމަށް ޓަކައި ނިވައިކަން ބޮޑު، ގަޔަށް ދޫ ހެދުން ލުން
* މަދިރި ގިނަވާ ވަގުތުތައް ކަމަށްވާ ފަތިހާއި ހަވީރު ގޭގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލެއްޕުން
* މަދިރި ދުންދަނޑިއާއި މަދިރި މަރާ އާތްވާއި މަދިރި ލޯޝަން ފަދަ ބާވަތްތައް ބޭނުންކޮށް މަދިރިން ސަލާމަތްވުން
* ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން ކާނަމަ ކާތަކެތީގެ ރައްކާތެރިކަމާ މެދު ސަމާލުވުން.
* ގޭގައި ކެއްކުމުގައި ސާފުތާހިރުކަމަށް އިސްކަން ދިނުން

ބޮޑު އީދު ބަންދަކީ އާއްމުކޮށް ގިނަ ބަޔަކު ރާއްޖެއާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ދުވަސްތަކެކެވެ. އަދި އުފާ ފާޅު ކުރުމުގެ ގޮތުން އެކި ކުޅިވަރުތައް ކުޅެ، ގިނަ ބަޔަކު އެއްވެ އުޅުމަކީވެސް އީދުގައި އޮންނަ ކަމެކެވެ. އޭގެ އިތުރުން މިއީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ގައިން ގަޔަށް އަރާ ބަލިތައް ވިއްސާރަމޫސުމުގައި ކޮންމެ އަހަރަކުވެސް އިތުރުވެއެވެ. އެޗްޕީއޭގެ އިލްތިމާސް އައީ އެހެންވެ ކަމަށް ބެލެވެއެވެ.