ހަބަރު

5 ދުވަސް: ރަސްރަނި ބަގީޗާއަށް ބިދޭސީން 10،000 ރުފިޔާ!

ފަސް ދުވަސް ތެރޭގައި ރަސްރަނި ބަގީޗާއަށް ވަން ބިދޭސީންގެ އަތުން 10،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު ތަރައްގީ ކުރުމަށް ފަހު ރަސްރަނި ބަގީޗާގެ ގޮތުގައި ހުޅުވި ފަހުން އެތަނަށް ވަންނަ ބިދޭސީން އަތުން ފީއެއް ނަގަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގައި މީހެއްގެ އަތުން 75 ރުފިޔާ ނަގާއިރު، ބަންދު ދުވަސްތަކުގެ ހަވީރު 4:00 އަކުން ރޭގަނޑު 11:00 އާ ހަމަޔަށް 100 ރުފިޔާގެ ރޭޓުން އެތަނަށް ވަންނަ ބިދޭސީން އަތުން ފީ ނަގަ އެވެ.

މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމުންނަށް ވަދެވޭ ގޮތަށް މިދިޔަ ހުކުރު ދުވަހު ރަސްރަނި ހުޅުވާލުމަށް ފަހު މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 142 ބިދޭސީން ވަން ކަމަށާއި އެ މީހުންގެ އަތުން ޖުމުލަ 10،650 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓް

ރަސްރަނި ބަގީޗާގައި ބިއްލޫރި ޓްރީ ހައުސްއެއްގައި ހަދާފައިވާ "ރަސްރަނި ވިއު" ގައި ޒަމާނީ ވަސީލަތްތަކާއެކު ހުންނަ ކްލާސްރޫމްތަކުގައި ކިޔަވައިދިނުމުގެ އިތުރުން މީޓިންތައް ބާއްވަންވެސް ބޭނުންކުރެވެ އެވެ. އެތަނުގައި ހުންނައިރު ބަގީޗާ އެއްކޮށް ކަހަލަ ގޮތަކަށް ފެންނާނެ އެވެ. އަދި އެ ކްލާސްރޫމްތަކުގެ ތިރީގައި ގާއިމްކޮށްފައިވާ ބައި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އަށް ހާއްސަކޮށްފައި ވެއެވެ. އެތަނުގައި ކުޑަކުދިންގެ ކުރެހުމާއި ފަންނުވެރިކަން ކުރިއަރުވައި ދެއެވެ.

އުސްގެ ކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގާއިމްކޮށް، ދެބުރީގެ ފައުންޓަނާއި، ކުޑަކުދިންގެ ކުޅޭ ސަރަޙައްދާއި ގްރީން ވޯކް ޓަނަލާއި ސްޓޭޖް ޑްރާމާ ތިއޭޓަރާއި ޕްލޭ އޭރިއާއެއް ވެސް ހިމެނެ އެވެ.

އެ ޕާކުގައި ވިންޓަ ތީމް އޭރިއާއެއް ވެސް ތަރައްގީ ކުރެއެވެ. އެބައިގެ މަސައްކަތް އަދި ނުނިމެ އެވެ. އެހެން ނަަމަވެސް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެޑިޓައިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްގީކޮށްފައިވާ އެ ޕާކުގައި އެމެރިކާގެ ބޮސްޓަންގައި ގާއިމްކޮށްފައިވާ ކަހަލަ ހަނދުފަޅިއެއްގެ ބައްޓަމަށް ހުންނަ ލެޑް އުނދޯލިތަކެއްވެސް ހުރެ އެވެ،

ރަސްރަނި ޕާކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، އެނާޖީ ޑްރިންކް ބޭނުންކުރުމައި އޭގެ ވިޔަފާރި ކުރުން މަނާވާނެ އެވެ. އެތަނުގެ ސާފުތާހިރުކަން ބަލަހައްޓަ އެވެ.

ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު ހަޔަކުން ރޭގަނޑު 12:00 ޖަހަންދެން އެ ޕާކު ހުޅުވާފައި ހުންނާނެ އެވެ. އަދި ހުކުރު ދުވަހުވެސް ހެނދުނު 6:00 ހެނދުނު 11:00 އަށް އަދި މެންދުރު ފަހު 2:00 އިން ރޭގަނޑު 12:00 ޖަހަންދެން ހުޅުވާފައި ހުންނާނެ އެވެ. ޕާކުގެ ސެކިއުރީޓީ 24 ގަޑިއިރު ބަލަހައްޓަނީ ފުލުހުންނެވެ.