ވާހަކަ

މިންނުގެ ޑައިރީ

(29 އޯގަސްޓް 2017 އާ ގުޅޭ)
"ދައްތާ! މިގެއަކީ ބޭރު މީހަކު ވަދެ ހަދާ ގެއެއްނޫނެއްނު. ބައްޕަގެ ކޮޓަރި ވެސް ހުންނަނީ ހުޅުވާފައި... ކީއްވެތަ އެ ކޮޓަރި ތަޅުލާފަ އެހެރީ" ހުސްނާގެ ނަޒަރު ވަގުތުން ޒޭނަށް ހުއްޓުނެވެ.

ޒޭން އެ ބުނާ ކޮޓަރިއަކީ ކޮން ކޮޓަރިއެއްކަން އިތުރު ތަފުޞީލަކާ ނުލާ ވެސް ހުސްނާއަށް ދެނެގަންނާން އެނގިއްޖެއެވެ. ހައިރާންކަން ވެރިވެގެން ދިޔަ މޫނުމަތިން އެ އަސަރުތައް ފޮރުވާލަން ހުސްނާ މަސައްކަތްކުރަމުން ހިނިތުންވެލީއެވެ. އަނެއްކޮޅުން ޒޭން ވެސް އިނީ ހުސްނާގެ ފަރާތުން އޭނާ "އޯކްވާޑް" ވާނޭ ފަދަ އަސަރެއް ފާޅުވެދާނޭތީ ޖެހިލުންވެފައެވެ. ނަމަވެސް ޒޭން އައިސް ހުސްނާގެ ގާތުގައި އިށީން ބޭނުމަކީ އެއީއެވެ. އެ ކޮޓަރި ތަޅުލާފައި ހުންނާންޖެހޭ ސަބަބެއް އޮޅުން ފިލުވުމެވެ. ކުއްލިއަކަށް ހިތުގައި އޮތް ސުވާލު ބޭރުކޮށްނުލާ ޒޭން މަޑުކުރީ ވެސް ހުސްނާގެ ސަމާލުކަން އޭނާއަށް ހުއްޓޭން ބޭނުންނުވާތީއެވެ.

"ކިހިނެއްވީ، ޒޭން އެ ކޮޓަރިއަށް ވަންނަން ބޭނުންވީތަ؟" ހިނިއައިސްފައި އިނދެ ހުސްނާ އަހާލިއެވެ.

"އެހެނެއްނޫން، ގޭތެރެ ބަލާލަންކަމަށް އުޅުނީ. އެ ކޮޓަރި ތަޅުލާފައި ހުރީމަ ހަމަ އަހާލީ" ހިތުގައި އޮތް ޝައުގުވެރިކަން ސިއްރުކުރަމުން ޒޭން ވާހަކަދެއްކިއެވެ. ހުސްނާއަށް ޒޭންގެ މޫނުމަތިން ހީވަނީ ދައްކަމުން ދިޔަ ވާހަކައާ އެއްވެސް ވަރަކަށް ގަޔާނުވާހެނެވެ. އެ ހިތުގައި އޮތް އެއްޗެއް ވަނީ ސިއްރުވެފައެވެ.

"ދައްތަ އެބައަންނަން. ޒޭން މިތާ މަޑުކުރައްޗޭ" ހުސްނާގެ ހަރަކާތް ހުރި ގޮތުން ހީވީ ލިބުނު ފުރުޞަތު ގެއްލި ދާނޭތީ އުޅުނު ހެނެވެ. އޭނާ ސޯފާއިން ތެދުވި ގޮތަށް ހަލުވިކޮށް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރިއަށް ވަދެވުމާއެކު ހުސްނާ އަވަސްއަވަހަށް އޭނާގެ ހެދުންތައް ލާފައި ހުރި އަލަމާރި ހުޅުވާލިއެވެ. އަދި މަތީ ބައެއްގައި ފަތްޖަހާފައި ހުރި ހެދުންތަކުގެ ތެރެއިން ތަޅުދަނޑި ފައްޗެއް ނެގިއެވެ. އެއަށް ބަލާލާފައި ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

"އަން މިއޮތީ!... މީގެ ފަހުން ދަރިފުޅު އަތުގައި މީތި ބާއްވާ" ޒޭންގެ ކުރިމަތީ އައިސް ހުއްޓިލުމާއެކު އަތުގައި އޮތް ތަޅުދަނޑިފަތި ދިއްކޮށްލާފައި ހުސްނާ ބުންޏެވެ.

"މި...މި... ކީއްކުރަން؟ އަޅުގަނޑު މި އިން ކުރާނީކީއް؟" ޒޭން ތަޅުދަނޑިފަތީގައި ނުހިފަންވެގެން ބުނެލިއެވެ. އެހިނދު އޭނާގެ ގާތުގައި ސޯފާގައި ހުސްނާ އިށީނެވެ.

"މީ ޒޭންގެ ވެސް ގެ، މިގޭގެ ހުރިހާ ތަނަކަށް ޒޭންއަށް ވެސް ވަދެވެންވާނެއެއްނު. އެހެންނޫނަސް ދައްތަ މިހާރު ބޭނުންވަނީ މިތަޅުދަނޑިފަތި ޒޭންގެ އަތުގައި ބާއްވަން" ޒޭން ތަޅުދަނޑި ފަތީގައި ނުހިފާނޭހެން ހީވުމުން އޭނާގެ ކަނާތުގައި ހިފާ ހުސްނާ އުފުލާލިއެވެ. އަދި ކަނާތު އަތްތިލައިގެ ތެރެއަށް ހުސްނާގެ އަތުގައި އޮތް ތަޅުދަނޑިފަތި ލައިދިނެވެ. އެވަރު ކުރުމުން އޭގައި ނުހިފާ އިންނާން ޒޭނަށް ނުކެރުނީއެވެ. ދެއަތް ދެއަތާ ތަޅުދަނޑިފަތި ބަދަލުކޮށްލުމާއެކު ފަތީގައިވާ ތަޅުދަނޑިތަކަށް ޒޭން ބަލަން ފެށިއެވެ.

"ދައްތަ ގާތުގައި ވާހަކައެއް އަހާލަންތަ؟" އިރުކޮޅަކު ބަހެއް ނުބުނެ އިނުމަށް ފަހު ޒޭން މަޑުމަޑުން އަހާލިއެވެ.

"އަވަހަށް އަހާ، ދައްތައަށް އެނގޭ މިންވަރަކުން ޖަވާބުދޭނަން. އެހެންނޫނަސް ދަރިފުޅު ދައްކާ ހުރިހާ ވާހަކައެއް އަބަދުވެސް ދައްތަ އަޑުއަހާނެކަން އެނގެއެއްނު" ހުސްނާ ބުނެލިއެވެ.

"ބައްޕަގެ އަމިއްލަ ލައިފާ ބެހޭގޮތުން މާގިނަ ވާހަކައެއްނުދައްކާ. އެހެންވިޔަސް އަޅުގަނޑު އެންމެ ލޯބިވާ މީހަކީ އެއީ. އެ އަންހެންމީހާއާ ބައްޕަ ކައިވެނި ކުރިއިރު ދައްތަ އުޅެނީ މިގޭގައިތަ؟ ބައްޕަގެ ދެވަނަ ކައިވެނި ދޯ އެއީ؟" ނާހަން އިނދެ ވެސް ޒޭނަށް އަހާލެވުނެވެ. ހުސްނާ ފިނި ނޭވާއެއް ދޫކޮށްލުމާއެކު ޒޭނަށް ބަލާލިއެވެ. އޭނާ އިނީ އިސްޖެހިފައެވެ. ކުރެވުނު ސުވާލުގެ ގޮތުން ހުސްނާއާ ކުރިމަތިލާން ނުކެރިފައި އިން ހެނެވެ.

"ޒޭން ތި ކުރި ސުވާލުތަކަށް ޖަވާބު ދެވޭނީ ހަމަ ހައިކަލްއަށް. އެކަމަކު ދަރިފުޅު އެހީތީ ދައްތަ ދުށް ކަންތައްތައް ކިޔައިދީފާނަން. އެނގޭ ދަރިފުޅު އޮޅުން ފިލުވާން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހުރެގެންކަން ތި އުޅެނީ. ދައްތައަކީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ އަންހެނެއް. ދައްތަ މިގެއަށް ގެނައީ ހައިކަލް. އޭނާ ދައްތަގެ ގާތުން އެދުނީ ޒޭންގެ ކަންތައްތައް ކޮށްދިނުމަށް. އޭރު ދަރިފުޅުގެ އުމުރުން ދެ އަހަރެއް ނުވާނެ. ޔަގީންކަމާއެކު ދައްތައަށް ބުނާން އެނގޭ ކަމަކީ ހައިކަލްއަކީ ބަސްމަދު މަޑުމައިތިރި ހެޔޮލަފާ މީހެއްކަން. އޭނާގެ ފަރާތުން ވިޔާނުދާ ޢަމަލެއް ދުވަހަކު ވެސް ނުދެކެން. ދައްތަ މިގެއަށް އައިއިރު ވެސް ހައިކަލް އުޅެނީ މިލްނާއާ އިނދެގެން. މިލްނާއަކީ ރީތި އަންހެނުންގެ ތެރޭގައި ހިމެނޭނެ އަންހެންކުއްޖެއް. ހައިކަލްއާއި މިލްނާގެ ޖޯޑު ނުހަނު ގުޅޭ. އެކަމަކު ކީއްވެކަމެއް ބުނާކަށް ނޭނގޭ. ދައްތަ މިގެއަށް އައިއިރު ފެންނަ މަންޒަރަކީ ހައިކަލްއާއި މިލްނާ ދެބަސްވާތަން. ހައިކަލް ބުނާ އެއްވެސް ގޮތެއް ހަދާން މިލްނާ ބޭނުންނުވާ ކަހަލަ. ކޮންމެ އަންހެންކުއްޖެއް ހައިކަލް ފަދަ ފިރިއަކު ލިބުމަކީ އޭނާއަށް ލިބޭ ނަސީބެއްކަމުގައި ދެކޭނެ. އެކަމަކު މިލްނާއަކީ ތަފާތު... ވަރަށް ތަފާތު ކުއްޖެއް. ދައްތަ އަޖައިބުވޭ މިލްނާ އެހާ ނުރުހުންފާޅުކޮށް ބޮޑާހާކާއިރު ވެސް ހައިކަލް އޭނާދެކެ ލޯބިވާވަރު ފެނިފައި. ހައިކަލް ނުރުހޭ ގޮތްގޮތަށް ކަންތައްކޮށްފައި އަދި އެ އަންހެންކުއްޖާ ރޯން ވެސް ރޯނެ. ކިތަންމެ ފަހަރަކު ދައްތަ ދުށީމު މިލްނާ އެކަނި ހުރެ ރޯތީވެ. ބައެއްފަހަރު ހިތަށް އަރާ މިލްނާ ހިތުގައި ޖެހޭ ފަދަ ކަމެއް ދިމާވަނީބާއޭ ވެސް... ކޮންމެއަކަސް އެއީ ބުނެދޭން ނޭނގޭ ފަދަ އަންހެން ކުއްޖެއް. އެ ތަފާތު މިޒާޖާއެކު ވެސް ދައްތާއާ ބައްދަލުވާ ފަހަރަކު އެފަދަ ނުރުހުމުގެ ސިފައެއް ނުދައްކާނެ. ދުވަހަކު ވެސް ހިތްހަމަނުޖެހިގެން ވިޔަސް ދައްތައާ ދިމާއަށް ބާރަށް އެއްޗެއް ނުބުނޭ. އެ ހުރިހާ ކަމެއް ބަދަލުވީ ދަރިފުޅުގެ ބައްޕަ ވަރަށް ބަލިވެގެން. ހަޤީޤަތެއް ދައްތައަކަށް އެއްގޮތަކަށް ވެސް ބުނެދޭކަށް ނޭނގޭ. އެހެންވިޔަސް މިލްނާގެ މުޅި ޠަބީޢަތް ބަދަލުވެގެންދިޔަ. ހައިކަލްއަށް މިލްނާ ފަދަ ދެވަނަ އަނތްބެއް ނުލިބޭނެއޭ ދައްތަ ބުނާނީ. އެހާ ވެސް ލޯބިން އެ ދެމަފިރިން އުޅުނީ. ފަހުން ފަހުން އައިސް ދަރިފުޅުގެ ވާހަކަ ވެސް ވަރަށް އަހާނެ. މިލްނާ ބުނޭ... ޒޭން ދެކެ ވަރަށް ލޯބިވޭ. އެ ކުއްޖާ ދުށުމަށް ވަރަށް ހިތް އެދޭ... އެ ހިތުގައިވަނީ ކީކޭކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ... މިލްނާގެ ސަބަބުން މުޅި ގޭތެރެ ވެސް އުޖާލާވެގެން ދިޔަ ކަހަލަ. ދިރުންވެރިވެ އުފާވެރި މާޙައުލަކަށް ބަދަލުވެގެންދިޔަ... އެހެންވިޔަސް ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ ބައެއް. އެގޮތުން މިލްނާ ވެސް އަހަރުމެންނާ ވަކިވެގެންދިޔައީ... މިލްނާ ނިޔާވުމާއެކު ހައިކަލްއެކޭ ދިރުމެއްނުވާ މަސްގަނޑެކޭ އެއްވަރު... އެ ދެ ލޮލުން ކަރުނަ ހިކިފައި ހުއްޓާ ދައްތަ ނުދެކެން. ގިނަ ވަގުތު ހޭދަ ކުރާނީ މިލްނާގެ ކޮޓަރީގައި. އެހެން އުޅެނިކޮށް އެހާ ބޮޑަށް އެ ބަލިވީ... މިލްނާގެ ކޮޓަރި ތަޅުލަމުން ހައިކަލް ބުނި އެކަކު ވެސް އެ ކޮޓަރިއަށް ނުވަނުމަށް. އެކަމަކު ޒޭން އެދެފިނަމަ އެ ކޮޓަރި ހުޅުވާ ދިނުމަށް ވެސް ބުނި. ހައިކަލް އެހެން އެދުނީ ކީއްވެކަމެއް ދައްތައަކަށް ވެސް ނޭނގެ... ދައްތަ މި ކިޔައިދިނީ ދައްތައަށް މިގޭ ތެރެއިން ފެނުނު ކަންތައްތައް" ލޮލުގައިވާ ނަންބަރު އައިނު ނެގުމާއެކު ހުސްނާގެ ފެންކަޅިވެފައިވާ ދެ ލޯ އަޅައިގެން އިން ބުރުގާއިން ފުހެލިއެވެ.

"އޭނާ ބައްޕައާ އިނީ ފައިސާއާއި މުއްސަނދިކަން ބޭނުންވެގެން... އެނޫން އެއްވެސް ކަމަކު ނޫން. އަޅުގަނޑަށް ޔަގީން އޭނާ ބައްޕަގެ ދިރިއުޅުމަށް އެ އައީ ބައްޕަގެ ކުރީގެ ދިރިއުޅުން ހަލާކުކޮށްލާފައިކަން"

"ޒޭން! ނޭނގޭ ކަންތައްތަކުގެ ވާހަކަ ތިޔަގޮތަށް ނުދައްކަބަލަ. މިލްނާއަކީ ތިބުނާ ފަދަ އަންހެންކުއްޖެކޭ ދައްތަގެ ހިތެއްނުބުނޭ" ޒޭންގެ އަޑުގައި ހުރި ހަރުކަށިކަން ކަނޑުވާލުމަށް ހުސްނާއަށް ވެސް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.

"ދައްތަ ވެސް ތި އިނީ އޭނާގެ ސިހުރުގައި ޖެހިފައި. ބައްޕައަކަށް ވެސް އޭނާގެ ނުބައިކަމެއް ނެފެނުނު... އައި ހޭޓް ހާރ... ރިއަލީ ހޭޓް ހާރ" މޫނުމައްޗަށް ވެރިވެގެން ދިޔަ ރުޅިވެރިކަމާއެކު ހަރުކަށި ބަސްތައް ޒޭން އަމުނާލިއެވެ. އެހެންބުނިކަމުގައި ވިޔަސް ހުސްނާގެ ވާހަކަތަކުން ޒޭންގެ ހިތުގައި އުފެދުނު ސުވާލުތައްވީ ގިނައެވެ. އެ ސުވާލުތަކަށް އޭނާ ޖަވާބު ހޯދަން ބޭނުންވެއެވެ.

* * * *

ފިކުރު ބޮޑުވެ ގޭގައި ނުހުންނާން ވެގެން ޒޭން ގެއިން ނުކުތީ ބައްޕަގެ ގާތަށް އައުމަށެވެ. އޭޑީކޭ ހޮސްޕިޓަލަށް ވަދެގެން އަންނަމުން އަތުކުރީ އޮތް ގަޑިއަށް ޒޭން ބަލާލިއެވެ. ހަވީރު ހަތަރެއް ޖަހާ ހިނގައްޖެއެވެ. މަޑު ހިނގުމުގައި ހައިކަލް ބާއްވާފައި އޮތް ކޮޓަރިއާ ދިމާއަށް އައެވެ. އެވަގުތު ޒޭންގެ ލޮލުގައި އަޅައިގަތީ ކުރިން ރޭގައި ހައިކަލްގެ ގާތުގައި ނަރުސް ހެދުމުގައި އިން އަންހެން ކުއްޖާއެވެ. ފައިލަކާއި އިތުރު އެއްޗެހިތަކެއް ހިފައިގެން ނަރުސް ޔުނީފޯމުގައި ހުރެ އޭނާ އައީ ޒޭންގެ ކުރިމަތީންނެވެ. ސަމާލުކަން ވަނީ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. އެ އަންހެންކުއްޖާއާ ސަމާސާއެއް ކޮށްލާ އޭނާގެ ސަމާލުކަން އަތުލަން ޒޭންގެ ހިތަށް އެރިއެވެ. އެހެންވެ އެއްފަރާތުން ހިނގަމުން އައި ޔާނާގެ ގައިގާ ޒޭން އައިގޮތަށް އައިސް ޖެހިގަތީ ނޭނގިގެން ކަމަށް ހަދާފައެވެ. އެވަރު ނުވިސްނާ ހުރި ޔާނާ ސިއްސައިގެން ގޮސް އަތުގައި އޮތް ފޯނު ސަލާމަތް ކުރަން ހަދައިގެން އަތުގައި ދެން އޮތް ފައިލާ އެއްޗެހި ވެއްޓި ތަނަށް ވެރިވެފައި އޮތް ހިމޭންކަން ގެއްލިގެން ދިޔައެވެ.

"އޯ!... ވަރަށް ބޮޑަށް ސޮރީ" ކުރިމަތީ ހުރި މީހާއަށް އަވަސް ނަޒަރެއް ދިނުމާއެކު ޔާނާ ބުންޏެވެ. އަދި ހުރިދިމާއަށް ތިރިވެލާ ވެއްޓިފައި އޮތް އެއްޗެހި ނަގާން ފެށިއެވެ. އެވަގުތު ޒޭން ވެސް ތިރިވެލާފައި ޔާނާގެ ފައިލު ނަގައި ދިއްކޮށްލިއެވެ.

"ތީ... ތީ ޔާނާ ދޯ" ޔާނާގެ ނަން އެނގި ހުރެ ވެސް ހަނދާންކޮށި މީހަކު ފަދައިން ވިސްނާލާފައި ޒޭން ބުންޏެވެ. ބޭނުމަކަށްވީ ޔާނާގެ ސަމާލުކަން ހޯދުމެވެ.

"އާން! ޔާނާ... ތީ ހައިކަލްގެ ސަން... ޒޭން... އެހެންނު، ޕޭޝަންޓު ކައިރިއަށް ވަދެލާފައި މި އައީ" ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ.

"ވަރަށް ހަނދާން ގަދަ... ޔާނާގެ ޑިއުޓީ ނިމުނީތަ؟" ޒޭން އަހާލިއެވެ.

"އާނ! ނިމެއްޖެ. މިދަނީ މި އެއްޗެހި ނާސް ކައުންޓަރއާ ހަވާލުކޮށްލާފައި ގެއަށް ދާން. އެހެންނޫނަސް ޒޭން ތި އައީނު. އެހެންވީމަ އަޅުގަނޑު ޕޭޝަންޓު ގާތުގައި މަޑުކުރުމުގެ ބޭނުމެއް ނޯންނާނެއެއްނު" ޔާނާ ހިނިތުންވުމެއް ދިނުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ މުލައްދަނޑީގައި ޒޭން ހިފިއެވެ. ލިބުނު ހައިރާންކަމާއެކު ޔާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒޭންއާ ހަތަރުކަޅި ހަމަވިގޮތަށް ހުރެވުނީއެވެ. މި ނޫނީ ދުވަހަކު ވެސް އަދި އޭނާގެ އަތުގައި އެފަދަ ފިރިހެންވަންތަ ޒުވާނަކު ހިފާފައެއް ނެތެވެ. އެފަދަ ފުރުޞަތެއް ޔާނާ ނުވެސް ދެއެވެ. އެކުގައި ރައްޓެހީންގެ ގޮތުގައި ވެސް އުޅެނީ އަންހެން ކުދީންނެވެ. ފިރިހެން ކުދީންނަށް ޔާނާ ޝައުގުވެރިކަން ނުހުންނަނީއެއް ނޫނެވެ. މިހާ ދުވަހު އޭނާގެ ހިތުގައި އެހެން މީހުން އެބުނާ ފަދަ ތަފާތު އާ ވިންދެއް ނުޖަހަނީއެވެ. ޔާނާގެ ހިތާ ހަމައަށް ވާޞިލުވެވޭވަރުގެ ފިރިހެން ކުއްޖަކާ ދިމާ ނުވަނީއެވެ.

"މިއަދު ތަނަކަށް ދާން ނެތީވިއްޔާ މަޑުކޮށްލަ ދޭންވީނު. އަހަންނާ ވާހަކަދައްކާލަން... އެކަނިވެރިކަން ފިލާނެ އެޓްލީސްޓު ޕާޓްނާއެއް ހުރިއްޔާ... ޕްލީޒް... މަޑުކޮށްލެވިދާނެތަ؟" ޒޭން ވާހަކަދެއްކީ ޔާނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެއެވެ. އޭނާގެ ތޫނު ބެލުމުގެ ސަބަބުން ޔާނާއަށް އުނދަގޫވާކަން ވެސް އޭނާއަށް އެނގެއެވެ.

ރަކިވެ ލަދުގަނެފައި ހުރި ޔާނާ ވަށައިގެން ހޯދާލުމާއެކު އަވަހަށް ޒޭންގެ އަތް އޭނާގެ އަތާ ވަކިކޮށްލިއެވެ. އަދި ލުއި ހިނިތުންވުމެއް ދެމުން މަޑުމަޑުން ބޯޖަހާލީ ޒޭންގެ ވާހަކައަށް އާނއެކޭ ބުނުމުގެ ގޮތުންނެވެ. ޒޭން ވެސް އޭނާގެ މަސްތީ ފިރިހެންވަންތަ ހިނިތުންވުން ޔާނާއާ ބަދަލުކޮށްލަމުން ލައިގެން ހުރި ސޯޓުގެ ދެ ފަރާތުން ޖީބަށް އަތްތިލަ ކޮށްޕާލިއެވެ. އޭނާގެ އެ ހިނިތުންވުމަކީ އަޖައިބެއް ފަދަ ހިނިތުންވުމެކެވެ. ޔާނާ ވެސް އެ ހިނިތުންވުމުގެ ޖާދޫގައި ޖެހިއްޖެއެވެ. އަންހެންކުދީންގެ ހިތުގެ ހިނގުން ދެނެގަތުމަކީ ޒޭނަށް ނުހަނު ފަސޭހަ ކަމެކެވެ. އޭނާގެ އެ ހުނަރަކީ އެތައް ފަހަރަކު ތަޖުރިބާކޮށްފައިވާ ހުނަރެކެވެ. ރާއްޖޭން ބޭރުގައި ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކޮށްފައިވާ އިރު ޒޭނަކީ އަންހެންކުދީންގެ މެދުގައި މަޤުބޫލު ޒުވާނެކެވެ. ރީތިކަމަށާއި އެ ޒުވާނަކާއެކު "ޑޭޓަކަށް" ދިއުމަށް އަންހެން ކުދީން ބޭނުންވާ ފަދަ އަންހެންކުދީން ރުއްސަން އެނގޭ މަޝްހޫރު ޒުވާނެކެވެ. އެކަމުގެ ސަބަބުން ކޮލެޖު ދުވަސްވަރުން ފެށިގެން ޔުނިވަސިޓީ ނިންމި އިރު އޭނާގެ ހަޔާތަށް ތަފާތު އަންހެންކުދީން އައިސްފައިވެއެވެ. ނަމަވެސް މިހާރު އޭނާގެ އެފަދަ ޚިޔާލެއް ނުވެއެވެ. ޔާނާގެ ހިތާ އެފަދަ ގޮތަކަށް ކުޅެލުމުގެ އެއްވެސް ޝައުގުވެރިކަމެއް ޒޭންގެ ނެތެވެ. އެއަށްވުރެ އޭނާ މިވަގުތު ބޭނުންވަނީ ރަޙުމަތްތެރިއެކެވެ. އޭނާ އުފަންވި ފަސްގަނޑުގައި އޭނާއާ ވާހަކަދައްކާލައި ކަންކަން އޮޅުން ފިލުވާދޭ ވަރުގެ ރައްޓެއްސަކު ނެތެވެ.

ހައިކަލް އޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި ޒޭން ވަންތަން ފެނުމާއެކު އެތަނުގައި އިން ލަކްޝްމީ އަވަހަށް ތެދުވިއެވެ. އެއާއެކު ޒޭން އޭނާއަށް އޮޅުން ފިލުވައިދިނީ ހޮސްޕިޓަލުގައި ބައްޕަ ގާތުގައި ދެން އިންނާނީ ޒޭން ކަމެވެ. އެހެންވީމަ ލަކްޝްމީ ގެއަށް ދިއުމަށެވެ. އެއްބަސްވެލުމަށް ލަކްޝްމީ ދެއަތަކަށް ބޯތަޅުވާލާފައި އެތާ ހުރި މޭޒުގެ މަތީ ހުރި ކޮތަޅެއް ނަގައިގެން ނުކުންނާން ދިޔައެވެ.

އެނދުގައި ދެ ލޯ މަރާލައިގެން އޮތް ހައިކަލްއަށް ބަލަހައްޓައިގެން ޒޭން އިނެވެ. ދެބައިއުމުރަށް ގޮސްފައިވާ ހައިކަލްގެ އިސްތަށިގަނޑުގައި ނުރަވެފައިވާ އިސްތަށި ހިސާބަކަށް ވަނީ ގިނަވެފައެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯ ވަނީ ވަޅުވަދެ ލޯކައިރައަށް މަޑުއަޅި ކުލައެއްއަރާފައެވެ. ހައިކަލްގެ އިސްތަށިގަނޑުގައި މަޑުމަޑުން ޒޭން ފިރުމާލިއެވެ. ހައިކަލް ލޯހުޅުވާލާފައި ޒޭނަށް ބަލާލާނެ ނަމައޭ ޒޭންގެ ހިތަށްއަރަމުންދިޔައެވެ. އެތުންފަތުން ދަރިފުޅާއޭ ގޮވާލާނެނަމައޭ ވެސް އެހިތަށް އަރައެވެ. ޒޭން މަޑުމަޑުން ހައިކަލްގެ އަތުގައި ހިފާލިއެވެ. ބައްޕައާ ބައްދަލުކުރާން އައިސް ޒޭން އިންކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް ހައިކަލްއަށް ވާނޭނަމައޭ ޒޭންގެ ހިތް ގޮވަމުންދިޔައެވެ.

ޚިޔާލުތަކަށް ގެއްލި ފެންކަޅިފައި އިން ޒޭން ސިހުނީ ދޮރުހުޅުވާލި އަޑުންނެވެ. އަވަސް އަވަހަށް އެއްއަތުން ދެ ލޯ ފުހެލާ ފުންނޭވާއެއް ލިއެވެ. އަދި ދޮރާ ދިމާއަށް އެނބުރިލިއެވެ. އޭރު ޔާނާ ވަދެގެން އަންނަނީއެވެ. ހިނިތުންވެލުމާއެކު ޒޭން އަތުން އިޝާރާތްކޮށްލީ އަންނާށޭ ބުނާ ފަދަ ގޮތަކަކަށެވެ.

"ކާއެއްޗެއް ކާލައިގެން އަޔަސް އެންމެ ރަނގަޅުތަ؟ އަޅުގަނޑު ވަރަށް ބަނޑުހައިވެފައި މި ހުރީ. ހެނދުނު އައިގޮތަށް މިއުޅެނީ... މިއަދު ލަންޗު ވެސް މިސްވީ" ބަނޑުގައި އަތްޖައްސާލަމުން ޔާނާ ބުންޏެވެ.

"އެހެންތަ؟... މިތަނުން ކާއެއްޗެއް ނުލިބޭނަތަ؟ ރޫމަށް ގެނެސްދޭގޮތަކަށް ނުހުރޭތަ؟" ގޮނޑިން ތެދުވެ ޔާނާއާ ކުރިމަތި ލައިގެން ހުރެ ޒޭން ވާހަކަދެއްކިއެވެ.

"ގެނެސްދޭނެ. އެކަމަކު..." ޔާނާ ބުނާން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވުނީ ޒޭން ވާހަކަދެއްކުމުންނެވެ.

"އެހެންވީރު މަށަށް ފެންނަނީ ޔާނާ ބޭނުންވާ ކާއެއްޗަކަށް އޯޑަރުދޭން. މީ އަހަރެންގެ ފަރާތުން ޔާނާއަށް ދޭ ޓްރީޓެއް. އަހަރެން ބުނީމަ މަޑުކޮށްލަ ދިނީތީ. ބައިދަވޭ... އައި ނީޑް އަ ފްރެންޑް. ޔާނާއާ ފްރެންޑް ވެވުނީކަމުގައި މި ހީކުރަނީ. އަހަރެންގެ ރައްޓެހިން ވާހަކަދައްކާނީ ވަރަށް އާދައިގެކޮށް. ސޯ... ޔާނާ ވެސް ކޮންމެ ފަހަރަކު އަޅުގަނޑު ކިޔައިގެން ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ" ޒޭންގެ ވާހަކަ އަޑުއަހާފައި ޔާނާ ހިނިތުންވެލައި ބޯޖަހާލިއެވެ.

"ދެން ތިހެން ހުއްޓަކަސް ބަނޑުހައިކަމެއް ނުފިލާނެއެއްނު... އޯޑާ ދޭންވީނު" ހިނިއައިސްފައި ހުރެ ޒޭނން ބުންޏެވެ. އެއާއެކު ޔާނާ ކަމެއް ހަނދާންވެގެން އުޅޭހެން އަވަސް އަރުވާލާފައި ފޯނާ ދިމާއަށް ދިޔައެވެ. (ނުނިމޭ)