ޕޮޕް ލަވަކިޔުންތެރިޔާ ޒޭން މާލިކް އަށް ލޯތްބަކީ ކޯއްޗެއްކަން އެނގުނީ 1995ވަނަ އަހަރު ނިކުތް ހިންދީ ލޯބީގެ ފިލްމްކަމަށްވަާ "ބޮމްބޭ" ބެލުމަށްފަހު ކަމަށް ބުނެފި އެވެ.
ިއިނގިރޭސި ބޯއި ބޭންޑް ވަން ޑައިރެކްޝަނުން ވަކިވެފައިވާ ޒޭން މާލިކް ބުނީ ލޯތްބަކީ ކޯއްޗެއްކަން އޭނާއަށް އުމުރުން 10 އަހަރުގައި "ބޮމްބޭ" މި ފިލްމު ބެލިފަހުން ކަމަށާއި، ހުރިހާ ވެސް ޝުކުރެއް މިފިލްމުގެ ބަތަލާ މަނީޝާ ކޮއިރަލާ އަށް އަދާކުރާކަމަށެވެ.އަދި މިފިލްމަކީ އޭނާ ކުޑައިރުގެ ފެވަރިޓް ކަމަށްވެސް މާލިކް ބުންޏެވެ.
މަޝްހޫރުކަން ބޭނުންނުވާ ކަމަށް ބުނެ، ބޭންޑުން ވަކިވެ، މިހާރު ސޯލޯ ކެރިއަރެއް ފަށާފައިވާ މާލިކް ބުނެފައިވަނީ ބޭނުންވަނީ 22 އަހަރުގެ އާދައިގެ ޒުވާނެއްގެ ދިރިއުޅެން ކަމަށެވެ.
ލިޓްލް މިކްސް ސްޓާ ޕެރީ އެޑްވަޑްސް އާއި އެންގޭޖް ވެފައިވާ މާލިކް ބުނީ ބޭންޑުން ވަކީވުމަކީ އޭނާގެ ކުރިމަގަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
“ހުރިހާ ކަމެއްވެސް ރަނގަޅު.އަހަރެން މިކުރަނީ ރަނގަޅު ކަމެއް" މާލިކް ބުންޏެވެ.
ލަންޑަންގެ ގްރޮސްވެނާ ހޮޓެލްގައި ބޭއްވި "އައުޓް ސްޓޭންޑިން ކޮންޓްރިބިއުޝަން ޓު މިއުޒިކް" ގެ ފަސް ވަނަ އަހަރީ އޭޝިއަން އެވޯޑް ހަފްލާގައި މާލިކް ވަނީ ބައިވެރިވެފ އެވެ.. މިއީ މާލިކްގެ ފުރަތަމަ ސޯލޯ ލަވަ އާންމުކުރުމަށް ފަހު ބައިވެރިވި ފުރަތަމަ އެވޯޑް ހަފްލާ އެވެ.
މިހަފްލާ އަށް ފަހު ވާހަކަ ދައްކަމުން މާލިކް ވަނީ "ވަން ޑައިރެކްޝަން"ގެ މެމްބަރުންނަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ބޭންޑްގެ ހަތަރު މެމްބަރުންނަކީ ބޭންޑްގައި އޭނާ ހިތްހަމަޖެހިގެން މަސައްކަތް ކުރުމަށް ދިމާވި އެންމެ ރަނގަޅު ރައްޓެހިންކަމަށް ވެސް ބުނެފަ އެވެ.
އިނގިރޭސިވަލާތުގެ މި ބޭންޑް އުފެއްދީ އިނގިރޭސި ޓެލެންޓް ޝޯ އެކްސް ފެކްޓާގައި 2010 ވަނަ އަހަރު އެވެ. ހުސް ފިރިހެނުން ހިމެނޭ މި ބޭންޑަކީ ފެށުނީއްސުރެންވެސް މުޅި ދުނިޔެއަށް މަޝްހޫރު ބޭންޑެކެވެ.
ފޯ ޕީސްގެ ގޮތުގައި މިހާރު ކުރިއަށްދާ މި ބޭންޑްގައި މިވަގުތު ތިބި މެމްބަރުންނަކީ ހެރީ ސްޓައިލް، ލުއިސް ޓޮމްލިންސަން، ނިއަލް ހެރޯން އަދި ލިއަމް ޕޭން އެވެ.