ދުނިޔެ

ހަމްބަންޓޯޓާ ބަނދަރު އެހެން ގައުމެއްގެ އަސްކަރިއްޔާއަކަށް ނުދޭނަން: ލަންކާ

ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ނުވަތަ އެނޫން ބަނދަރެއް ވެސް އެހެން ގައުމަކުން އަސްކަރީ މަރުކަޒެއް ހަދަން ނުދޭނެ ކަމަށް ބުނެ، އިންޑިއާގެ ކަންބޮޑުވުމަށް ލަންކާއިން ޖަވާބު ދީފިއެވެ.

އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ (ޓއޯއައި) ނޫހުން ބުނީ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް ދިނުމުން އިންޑިިއާއިން ފާޅުކޮށްފައިވާ ކަންބޮޑުވުމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ޖަވާބު ދެއްވީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް އެގައުމަށް ވަޑައިގެންނެވުމުން ކަަމަށެވެ.

"... އަޅުގަނޑު ސާފުކޮށް ދަންވަންތޯ ރައީސް މައިތިރިޕާލާަ ސިރިސޭނާގެ ޒައާމަތުގައި ސްރީލަންކާއިން އެެއްވެސް ގައުމަކާ އެކު އަސްކަރީ ގުޅުމެއް ނޫފައްދާ ލަންކާގައި ބޭރު ގައުމުތަކުން އަސްކަރީ މަރުކަޒެއް އެޅޭ ގޮތަކަށް،" ވިކްރަމަސިންހަ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއިކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އެއް ގައުމަކީ އިންޑިއާއެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް ( ސީއެމްޕޯޓްސް)އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެއެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނީގެ މައިގަނޑު ހިއްސާ ( 70 ޕަސެންޓް ހިއްސާ ) އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.