(31 އޯގަސްޓް 2017 އާ ގުޅޭ)
"ދެން ތިހެން ހުއްޓަކަސް ބަނޑުހައިކަމެއް ނުފިލާނެއެއްނު... އޯޑާ ދޭންވީނު" ހިނިއައިސްފައި ހުރެ ޒޭން ބުންޏެވެ. އެއާއެކު ޔާނާ ކަމެއް ހަނދާންވެގެން އުޅޭހެން އަވަސް އަރުވާލާފައި ފޯނާ ދިމާއަށް ދިޔައެވެ.
ޒޭނާއި ޔާނާ އެ ކޮޓަރީގައި މެހެމާނުން ތިބުމަށް ޚާއްޞަކުރެވިފައިވާ ބޮޑު ސޯފާގައި ތިއްބެވެ. ހޮސްޕިޓަލްގެ ރެސްޓޯރެންޓުން ގެނައި ކާއެއްޗެހި ޔާނާ ކަމުންދިޔައެވެ. ކާން އިން އިރު ޒޭން އޭނާއަށް ބަލާކަން ފާހަގަކުރެވުނެވެ. ބޮޑަށް އަނގަހުޅުވާލާކަށް ވެސް ޔާނާއަކަށް ނުކެރުނެވެ. އެހެންނަމަވެސް ދުވަހަކުވެސް ނުކާހާ އަވަހަށް ޔާނާ ކައި ނިންމާލިއެވެ. ކޮޓަރީގައި ހުރި ފާޚާނާއަށް ވަދެ އަތާއި އަނގަމަތި ދޮވެލައިގެން ޔާނާ ނުކުތެވެ. އޭރު ވެސް ޒޭން ސޯފާގައި އިން ގޮތަށް އިނެވެ.
"ޔާނާ މިތާ މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެތަ؟" ސޯފާއާ ދިމާއަށް އައި ޔާނާގެ ގާތުގައި ޒޭން އަހާލިއެވެ. ބޯޖަހާލަމުން ޔާނާ އައިސް އިށީނެވެ. ޒޭންގެ ތޫނު ބެލުންތަކުން ސަލާމަތްވުމަށް ޓަކައި ޔާނާ އޭނާއަށް ކުރިމަތިލައިގެން އިން ޒޭނަށް އެއްފަރާތް ދައްކައިގެންނެވެ. ވާހަކަދައްކާއިރު ހަތަރުކަޅި ހަމަކުރާން ބޭނުންނުވެފައެވެ. ދެން ވެސް އިސްވެސް ވާހަކަދެއްކީ ޒޭނެވެ. މަޑުމަޑުން ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް ގިނަވިއެވެ. ޔާނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ވާހަކައެއް އަހައިފިއްޔާ ޔާނާ އެ ސުވާލަކަށް ޖަވާބުދޭން ފަސްޖެހެއެވެ. އޭނާގެ މި ލަދުރަކިކަން ޒޭނަށް ފާހަގަކުރެވި އެ ސިފަ ކަމުދިޔައެވެ. ދެކެވެމުންދިޔަ ވާހަކަތަކުގެ ސަބަބުން ޔާނާއާއި ޒޭންގެ ދެމެދުގައި އޮތް ބީރައްޓެހިކަން ކެނޑި ރަޙުމަތްތެރީން ފަދައިން ވާހަކަ ކުރިއަށް ގެންދާން ގިނަ ވަގުތެއް ނުނެގިއެވެ. ދޭތެރެއަކުން މަޑުން ނަމަވެސް ޒޭންގެ ސަމާސާކަން އެކުލެވޭ ވާހަކަތަކަށް ޔާނާ ހީނލައެވެ. ނޫނީ ކޮންމެވެސް ކަމަކާ ޒޭނަށް ރައްދު ދޭނެއެވެ.
"އަހަރެން ކަމަކު އެދެފިއްޔާ ކޮށްދޭނަންތަ؟" ޒޭން އަހާލިއެވެ.
"މިހާރު ވެސް މި އިނީ ޒޭން އެދިގެން. އެކަމަކު މިރެއަކު ދެން އިތުރު ކަމެއް ނުކޮށްދެވޭނެ. މިހާރު ދެން ދާންވީ. އެހެންނޫނީ ލަސްވެގެން ބައްޕަ ގުޅާފާނެ" ޔާނާގެ ހިމަ އަތުކުރީގައި އަޅާފައި އޮތް ރޯޒްގޯލްޑް ހިމަ ގަޑިއަށް ނަޒަރެއް ދިނެވެ.
"މިރެއަކު ނޫނޭ... މާދަމާ ރޭ" ޒޭން ނިކަން އަވަހަށް ބުނެލިއެވެ.
"މާ... މާދަމާ ރެއޭ... އެކަމަކު..." ޔާނާގެ ވާހަކަ ފުރިހަމަ ކުރާކަށް ޒޭން ފުރުޞަތެއް ނުދިނެވެ.
"އަހަރެން މާލެ އައިތާ ކުރީކޮޅުވީމަ ޔާނާ ނޫނި ރަޙުމަތްތެރިއަކު ވެސް ނެތް. މާލެއަށް ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެ. އެހާ މީހުން ވެސް ގިނަވެއްޖެ... ހެ ހެ ހެ.... ޔާނާ! އަހަރެން ހިތަށް އެރީ މާދަމާ ހިނގާލަން ނުކުންނާން... އެކަމަކު ޔޫ ނޯ... އަހަންނެކޭ ލޮލަށް ނުފެންނަ މީހެކޭ އެއްވަރުވާނޭކަން... އެހެންވެ ޔާނާ ގޮވައިގެންދާން ބޭނުންވީ. އައި އޭމް ޝުއަރ... ޔާނާއަށް މާލޭގައި ނޭނގޭތަނެއް މަދުވާނެކަން" އާދޭހުގެ ގޮތަކަށް ޒޭން ބަލާލިއެވެ. އެހިނދު ނޭނގުމުގެ ތެރޭ ވިޔަސް ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޔާނާ ތުންފިއްތާލާފައި ވިޔަސް ނޫނެކޭ ބުނާކަށް ހިތް އެއްބަހެއް ނުވިއެވެ.
"އަހަރެން... ރޭގަނޑު އެގޮތަށް ބޭރަށް ނުކުމެއެއް ނޫޅެން. އެކަމަކު ޒޭނަށް ތިކަން ކޮށްދީފާނަން" ޔާނާ ހިނިތުންވެލިއެވެ.
"ދެޓްސް ގްރޭޓް. ތޭންކްސް ޔާނާ... ސޯ މާދަމާ ރޭ... އަހަރެން މާދަމާ މިކޮޅުން ސިމްއެއް ނަގާނަން. ޔާނާގެ ނަންބަރު ދޭންވީނު. އޭރުން ގުޅޭނީ" ހިނިއައިސްފައި އިނދެ ޒޭން ބުނެލިއެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ޒޭންގެ ޖާދުވީ ހިނިތުންވުމަށް ގެއްލި އިނދެ ޔާނާ ފޯނު ނަގައި އަތުގެ ތެރެއަށް ލިއެވެ. އަދި ފޯނަށް ބަލަން އިނދެ ޒޭނަށް ނަންބަރު ކިޔައިދިނެވެ.
"ނޯޓުކޮށްލެވޭނެގޮތެއް އެބައޮތްތަ؟" ޒޭން އަހާލިއެވެ. ބޯޖަހާލާފައި ޔާނާ އަތްދަބަސް ނަގާ އޭގެތެރެ ހާވާލިއެވެ. އަދި ސްޓިކާނޯޓު ގަނޑެއްގައި އޭނާގެ ނަންބަރު ލިޔެލުމަށްފަހު ޒޭނަށް ދިއްކޮށްލިއެވެ. ރަކިވެފައި އިން ފަދަ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިން ޔާނާ ސިހުނީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ.
"އޯ ނޯ... ބައްޕަ..." ސިހިފައި މުޅި މީހާ އެލާޓަށް އައި ފަދަ ގޮތަކަށް ޔާނާ ބުނެލިއެވެ. އޭރު އޭނާ ދެ ލޯ ބޮޑުކޮށްލައިގެން އެއްފަހަރު ފޯނަށް އަނެއްފަހަރު ޒޭންއަށް ބަލާލެވުނެވެ. އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖެހުމާއެކު އެ ކޮޓަރިން ބޭރަށް ޔާނާ ނުކުތެވެ.
* * * *
ނިދަން އޮތް އިރު ވެސް ޔާނާގެ ހިތާއި ސިކުނޑިން ޒޭންގެ ސޫރަ ނެރެލެވޭގޮތެއްނުވިއެވެ. އެކަނި އޮވެ މޮޔައަކު ފަދައިން އެއްވެސް އިޚްތިޔާރެއްނެތި ވެސް ހީނލެވެނީ ޒޭންގެ ޚިޔާލުންނެވެ. ފެންނަ ފެނުމަށް ބޮޑާ ޝާހީ ގޮތެއް ހުއްޓެއްކަމަކު ހަޤީޤަތުގައި ޒޭނަކީ މަޖާ މީހެއްގެ ގޮތުގައި ޔާނާއަށް ސިފަކުރެވުނެވެ. ވަރުބަލިކަމާއެކު އާފުރިލެވުމުން ލޮލުގައިވާ ނަންބަރު އައިނާއެކު ބާލީސްކައިރީ އޮތް އިނގިރޭސި ވާހަކަ ފޮތް ނަގާ އަރިމަތީ މޭޒުގައި ބާއްވާލިއެވެ. އަދި ރަޖާ ރަނގަޅުކޮށްލުމާއެކު ބާލީހުގައި ރަނގަޅަށް ޔަނާ ހަމަޖެހިލިއެވެ.
ޖެހިގެން އައި ދުވަހު ޑިއުޓީގައި އުޅެނިކޮށް ޔާނާ ނުދަންނަ ނަންބަރަކުން ފޯނެއް އައެވެ. ކޯލަށް ޖަވާބު ދިނުމާއެކު ކަންފަތުގައި ޖެހުނީ ޒޭންގެ އަޑެވެ. އޭނާގެ ފޯނު ނަންބަރު ކަމަށާއި މިރޭ ތައްޔާރުވާންވީ ވަގުތު ޒޭން ބުންޏެވެ. އޭނާ ފޯނުކޯލު ކަނޑާލީ ޔާނާގެ އެޑްރެސް އޮޅުންފިލުވާފައެވެ. ތިރީތުންފަތުގައި ދަތްއަޅާލި ޔާނާއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ހީނލާފައި ހަރުވާޅު ޖީބަށް ފޯނު ލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ޔާނާގެ ކޮޓަރި ކުރިމަތީން ހުރަސްކަނޑާލި އަޒާނަށް ކޮންމެވެސް ވަރަކަށް ހުޅުވިފައި ހުރި ދޮރުން ކޮޓަރިތެރޭގައި ޔާނާ އުޅޭނޫޅޭ ގޮތް ފެނުނެވެ. ދޮރުމަތީ މަޑުކޮށްލެވުނީ އެހެންވެއެވެ. އޭރު ޔާނާ ފަހަރަކު ހެދުމެއް އަލަމާރިން ނަގައިގެން އައިސް ލޯގަނޑު ކުރިމަތީ ހުއްޓި ގައިގާ ޖައްސާލުމާއެކު އެހާ އަވަހަށް އެހެދުން އެނދުމައްޗަށް އެއްލާލައެވެ. ފޫހިކަމުގެ އަޑެއް އަނގައިން ލައްވާލުމާއެކު އިސްތަށިގަނޑުގައިވާ ވޫލުކޮޅު ނައްޓާލާ އަލުން ހުޅިއެއް ޖަހާލައި ވޫލުކޮޅު ލައްވާލިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ޔާނާ ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އަދި އުނަގަނޑުގައި ވައަތް އަޅުވާލެވުމާއެކު މަޑުމަޑުން ހިއްލާލާލި ކަނާއަތުގެ ޝަހާދަތް އިނގިލި އަނގަޔަށް ލެވުނެވެ. ދެން ފެނުނީ އެ އިނގިލީގެ ނިޔަފަތި ހަފަންފެށިތަނެވެ. ދުރުގައި މި މަންޒަރު ބަލާން ހުރި އަޒާން ހީނލިއެވެ. ހަމައެއާއެކު އޭނާ ވިސްނާލިއެވެ. ޔާނާ ކަމަކާ ހާސްވެ ކަންބޮޑުވެ ދެން ހަދާނޭ ގޮތެއް ނޭނގިއްޖެނަމަ އޭނާގެ ހިފައިފައި ހުރި ގޯސް އާދައެއްކަމުގައި ނިޔަފަތި ކެއުންވެއެވެ. ވީއިރު އެވަރުގެ ކަމަކަށް ޔާނާއަށް ދިމާވީ ކޮންކަމެއްކަމާމެދު އަޒާން ސުވާލު އުފެދުނެވެ. ދަރިފުޅު ހުރިހާ ކަމަކަށް އަޒާންގެ ނަޒަރު ހުއްޓިފައިވެއެވެ. އެހެންވެ މިފަހަރު އެދަރިފުޅަށް ދިމާވެގެން އުޅޭ ކަމެއް ހައްލުކޮށްދެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދޮރުފަތުގައި ޓަކިޖަހާލިއެވެ.
"ސޮރީ ސޮރީ ބައްޕާ.....ވަރަށް ހަޑިކޮށް މިއޮތީ......އަޅުގަނޑު އެނދުމަތި ރީތި ކުރާނަން އިނގޭ" ޔާނާއަށް ކޮޓަރިއަށް ވަން އަޒާން ފެނި ބުނެލެވުނެވެ.
"ދަރިފުޅޫ! ތި ނިޔަފަތިތައް ނުކައި ވެގެން އުޅޭގޮތެއް ނިކަން ބައްޕައާ ވެސް ޝެއަރކޮއްލަބަލަ" ޔާނާގެ އެނދުމަތީގައި ހުރި ހެދުންތައް އެއްފަރާތަކަށް ކުޑަކޮށް ޖައްސާލަމުން އަޒާން އެނދުގައި އިށީނެވެ. ހަމައެވަގުތު ޔާނާގެ މޫނު މަތިން އިހުނަށްވުރެ ހާސްކަމާއި ލަދުވެތިކަމެއް ފާޅުވެގެންދިޔައެވެ. ނޭވާ ހާސްވަމުންދިޔަ ދިޔަ މީހަކު ފަދައިން އެ ދޮން މޫނު ރަތްވަމުން އައެވެ. ބޮލުގައި އިން ހުޅި ވެސް އަލުން ނައްޓާލެވިއްޖެއެވެ.
ދަރިފުޅަށް އަންނަމުންދިޔަ ބަދަލުތައް ބައްޕައަށް ދެނެގަންނާކަށް އުނދުގުލެއް ނުވިއެވެ. އަޒާން އޭނަގެ ކައިރީ އެނދުގައި އަތްޖަހާލަމުން އެތަނުގައި އައިސް އިށީނުމަށް ޔާނާގެ ގާތުގައި ބުންޏެވެ. ޔާނާ އިށީނުމުން ވެސް އަޒާންގެ ސުވާލުތަކެއް މަދެއްނުވިއެވެ.
"ކޮންކުއްޖެއްތަ އެއީ؟ ބައްޕަ ގާތު ވެސް ބުނެލައިގެން އުޅެބަލަ" އަޒާން ކުޑަކޮށް ހިނިއައިސްފައި އިނދެ ބުންޏެވެ.
"ދެން ބައްޕަ ވެސް ދޯ.... އިޓްސް ނޮޓް ލައިކް ދެޓް. ނޮޓް ސްޕެޝަލް... ވީ އާ ޖަސްޓް ފްރެންޑްސް... ހަމައެކަނި ރަޙުމަތްތެރިއެއް" ޔާނާ އަދި ކުރިއަށްވުރެ ބޮޑަށް ލަދުގަތެވެ.
ދަރިފުޅުގެ ވާހަކަ އަހާފައި އަޒާން ހީނގަތެވެ. އެއާއެކު ޔާނާ ތުންކޮޅު ހަދާލިއެވެ. ހީނލާފައި ޔާނާގެ ކޮނޑުގައި ހިފާ ގެނެސް އަޒާންއާ ގާތްކޮށްލިއެވެ. އެއީ އަޒާންގެ އަބަދުގެވެސް ޢަމަލުތައް ހުންނަ ގޮތެވެ. ޔާނާގެ ބައްޕައަށްވުރެ އަބަދުވެސް އެންމެ ގާތް އެކުވެރިޔާއަށް ވުމީ އަޒާން ބޭނުންވާގޮތެވެ. ދަރިފުޅަށް ދިމާވާ ކަންތައްތައް ހައްލުކުރުމަށް ފަސޭހަވާނީ އޭރުންކަމުގައި އަޒާން ޤަބޫލުކުރެއެވެ. މި ދުނިޔޭގައި ވެސް މިހާރު އޭނާ އެންމެ ލޯބިވާ މީހަކީ އެއީއެވެ. ހަމައެކަނި ހުރި ދަރިފުޅެވެ.
ޔާނާއަށް ދެތުންފަތުގައި ތަޅެއްނުލެވުނެވެ. ލަދުވެތިކަމުގެ ތެރެއިން ބައްޕައާ ކުރިމަތުލުމުގެ ހިތްވަރު އާދައިގެ މަތީން ލިބިގެންދިޔައެވެ. އަބަދުވެސް އޭނަދެކެ އެންމެ ލޯބިވާ ބައްޕައަށް ހުރިހާ ކަމެއް ޚިއްޞާކުރަމުން އައީތީ ޒޭންގެ ވާހަކަ ކިޔައިދިނެވެ. ޔާނާގެ ހަރަކާތްތަކަށާއި އޭނާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިން އަޒާންގެ ހިތަށް ތަފާތު ޚިޔާލެއް ވެރިވެގެންދިޔައެވެ. ޒޭންއަކީ ޔާނާ ބުނާފަދައިން ހަމައެކަނި ރަޙުމަތްތެރިއަކަށް ވެދާނޭކަމަކާ މެދު އަމިއްލަ ޟަމީރާ އަޒާން ސުވާލުކުރިއެވެ. ނަމަވެސް މާދުރަށް ވިސްނުން ގެންދާކަށް އަޒާން ބޭނުމެއްނުވިއެވެ. އަމިއްލަ ދަރިފުޅަށް ކުރާ އިތުބާރު ވަރަށް ބޮޑެވެ. ހަމައެއާއެކު ހިތަށް އެރި އެއްޗަކީ މުޅިން ގޯހަކަށްވުން ވެސް އެކަށީގެންވެއެވެ. އެހެންވެ އަޒާންގެ ހިތުގައި އުފެދުނު ޚިޔާލުތައް ހިތުގެ އަޑީގައި ފޮރުވާލީއެވެ.
"ބައްޕާ! އަޅުގަނޑު ގޮސްލިޔަސް އެންމެ ރަގަޅުތަ" ޔާނާ އަޒާންގެ ގާތުގައި އަހާލިއެވެ.
"ބައްޕަގެ އެއްވެސް މައްސަލައެއްނެތް، އެކަމަކު ލަސްނުވެ އަންނައްޗޭ... ގެއަށް ވަންނާން ޖެހޭ ވަގުތު އެގެއެއްނު... އެކަމަކު ތިކަމުގައި މަންމަ ބުނާނެ އެއްޗެއް..." އަޒާންގެ ޖުމްލަ ނުނިމެއެވެ. އޭނާގެ އަންހެނުން ޝަމްލާ އޭނާއަށް ގޮވަންފެށިއެވެ. ދޮރާ ދިމާލަށް ބަލާލާފައި ދެބަފައިން އެކަކު އަނެކަކަށް ބަލާލިއެވެ. އަދި ނިކަން ހިނިއައިސްފައި ތިބެ އެކުއެކީހެން މަންމައޭ ބުނެލިއެވެ.
"ޗޫސް ސަމްތިންގ ޑާކް..." އަޒާން ތެދުވެ ކޮޓަރިން ނުކުންނަމުން ޔާނާއަށް ބުނެލިއެވެ.
އެ އަޑު އިވިފައި ޔާނާގެ މޫނު މައްޗަށް އުފާވެރި ކަމުގެ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިގެން ދިޔަ ކަހަލައެވެ. އަވަސްއަރުވާލާފައި އެނދުމައްޗަށް އުކާލައިފައި އޮތް ހެދުންތައް ނަގާ އަލަމާރީގައި ތަރުތީބުކޮށް އެ އެއްޗެއް ހުންނަންވާ ގޮތަށް ބަހައްޓަންފެށިއެވެ. އަދި އަލަމާރީގައި ކޮނޑެއްގައި އަޅުވާފައި ހުރި ގަދަ ޗޮކުލެޓު ކުލައިގެ ކުރު ހެދުމެއް ނެގިއެވެ. އެހެދުމަށް ބަލާލަމުން ޔާނާ ހިތްހަމަ ޖެހުމުގެ ފުންނޭވާއެއް ލިޔެއެވެ. ހެދުން ގެނެސް އެނދުމަތީ ރީތިކޮށް ފަތުރާލިއެވެ. އަދި ހިތާހިތުން އަޒާނަށް ޝުކުރުއަދާކުރިއެވެ.
ޔާނާ ރީތިވާ މޭޒުގެ ގޮނޑީގައި އިށީނދެ އިސްތަށިގަނޑު އަޔަންކުރަންފެށިއެވެ. ރީތި ވަރަކަށް އިސްތަށިތަކުގެ ކޮޅުތައް އޮޅާލިއެވެ. ރީތިވެ ތައްޔާރުވުމުގައި ފަނަރަވަރަކަށް މިނެޓު ހޭދަވެގެން ދިޔައެވެ. ބޭނުންވިގޮތަށް އިސްތަށިގަނޑުގެ ބައްޓަންތައް ބަދަލުވީކަންނޭގެއެވެ. ޔާނާ އިސްތަށިގަނޑު ހަދަން ގެންގުޅުނު އަޔަން މޭޒުގެ އެއްފަރާތުގައި އެ އަޅުވަން ހަދާފައިވާ އެތީގައި އަޅުވާލިއެވެ. އަދި ދެފަރާތަށް ބޯއަނބުރާލަމުން ލޯގަނޑުން ބަލާލިއެވެ. އިސްތަށިގަނޑުގައި ހިފާ މައްޗަށް ހިއްލާލިއެވެ. އެއާއެކު ވަތްގަނޑު ހުޅުވާލަމުން ހެދުމާގުޅޭ ރީތި ބޮލުގައި ޖަހާ އެއްޗެއް ނަގާ ޖަހާލިއެވެ. ނަމަވެސް އެގޮތް ޔާނާއަކަށް ކަމަކު ނުދިޔައެވެ. އަނެއްކާ ވެސް އިސްތަށިގަނޑު ދޫކޮއްލިއެވެ. އެވަގުތު މޭޒުމަތީ އޮތް ޔާނާގެ ފޯނު ރިންގުވާންފެށިއެވެ. ޔާނާ ފޯނަށް ބަލާލިއެވެ. އޭނައަށް ގުޅަނީ ޒޭނެވެ. ޔާނާ ވަގުތުން ފޯނުނަގާ ހެލޯ އޭ ބުނެލިއެވެ.
"އިޓްސް މީ ޒޭން، މިހިރީ ޓެކްސީއަށް ވެއިޓްކޮށްގެން، އާރ ޔޫ ރެޑީ" ޒޭން އަހާލިއެވެ.
"ތައްޔާރުވަނީމި، ޒޭން އަންނާން ވާއިރަށް ނިމޭނެ" ޔާނާ ބުނެލިއެވެ. އަދި އަވަސްކުރުމަށް ޓަކައި މާގިނަ ވާހަކަނުދައްކާ ފޯނު ބޭއްވިއެވެ. ޔާނާއަށް ގަޑިންވީއިރެއް ބަލާލަން ހިތަށް އެރީ ވެސް ދެނެވެ. އޭރު އަށްގަނޑި ފަނަރައަށްވުރެ ބޮޑުވެއްޖެއެވެ. ޒޭން ގާތު އަންނާން ވީގަޑި ޔަގީން ކޮށްދިނީ އޭނާއެވެ. އެހާއިރަށް ތައްޔާރުވެގެން ނުކުންނާނަން ކަމަކަށް ވެސް ބުންޏެވެ. އެކަމަކު އަދިވެސް ޔާނާއަށް ތައްޔާރުވެ ނިމޭ ވަރެއްނުވެއެވެ.
އާދައިގެ މޭކަޕެއްކުރުމަށް ލޯބިކުރާ ޔާނާ އަވަސްއަވަހަށް އެނދުގައި އޮތް ހެދުން ލުމަށްފަހު ތުންފަތުގައި ފަނޑުފަނޑު ކުލައެއްޖައްސާލިއެވެ. އަދި ލޮލުގެ އެސްފިޔަތަކާއި ލޮލުގެ ކައިރި ކަޅުކުލައިން ފަވާލިއެވެ. ހެދުމުގެ ދަފަރާތުގައި ހިފާ ދަމާލަމުން އަނެއްކާވެސް ގަޔަށް ހެޔޮވަރުކޮއްލިއެވެ. (ނުނިމޭ)