ހަބަރު

ކުރު ފިލްމު އުފެއްދުމުގެ ޕްރޮގްރާމެއް ދިރާގުން ހިންގައިފި

ޔޫއެންޑީޕީ އާ ގުޅިގެން ދިރާގުން "ފިލްމު ފޯ ޗޭންޖް" ގެ ނަމުގައި ކުުރު ފިލްމު ޕްރޮޑަކްޝަން އާ ގުޅޭ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 16 އިން 23 އަށެވެ.

އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނަށް ފިލްމުގެ ނެރޭޓީވް ބޭސިސް އާއި، ޑައިރެކްޝަން، ވީޑިއޯގްރަފީ އަދި ޕްރޮޑްކަޝަން އާ ބެހޭގޮތުން މައުލޫމާތު ދީފައިވެ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދީފައިވަނީ ފިލްމީ ދާއިރާގައި ދުވަސްވީ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އެޓާނަލް ޕިކްޗާސް، މަދޮށި އަދި ސްޓްރީކް ހިމެނެ އެވެ.

ތިން ގްރޫޕަކަށް ބަައިވެރިން ބަހާލައިގެން އެ ޕްރޮގްރާމް ކުރިއަށް ގެންދިޔަ އިރު ބައިވެރިންވަނީ ކުރު ފިލްމުތަކެއް އުފެއްދުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހާސިލްކުރަން ބައިވެރިން މަސައްކަތް ކުރާނެ އެވެ. އެ ޕްރޮގްރާމަށްފަހު ބައިވެރިން ޕްލާސްޓިކް އާއި އޯޝަން، ތަފާތުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އަދި މުޖުތަމުގައި ޖިންސީ ހަމަހަމަކަން އޮންނަ މިންވަރުގެ މައްޗަށް ބިނާކޮށް ކުރު ފިލްމު އުފައްދާނެ އެވެ.

އެ ފިލްމުތައް ނިންމާ އާންމުކޮށް އެންމެނަށް ހުޅުވާލައިގެން ދައްކަންވަނީ ހަމަޖެހިފަ އެވެ. އެ ފިލްމު ދައްކާނެ ސީދާ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ. އެހެން ނަމަވެސް ފިލްމު އެލުވުމަށްފަހު ސޯޝަލް މީޑިއާއަށްވެސް އެ ފިލްމުތައް ދޫކޮށްލަން ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ފިލްމު އުފައްދަން ބޭނުންކުރާ ސާމާނުގެ ގޮތުގައި މޯބައިލް ފޯނާއި، ޓެބްލެޓް ބޭނުންކުރެވޭނެ އެވެ.

ޔޫއެންޑީޕީ އާ ގުޅިގެން ދިރާގުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ މަގްސަދަކީ މުޖުތަމައުގައި ހުންނަ މައްސަލަތައް ދެެނެގަނެ އެ މައްސަލަތަކަށް ބިނާކޮށް ފިލްމު އުފައްދަން ޒުވާނުންނަށް އެހިތެރިވެދީ ޒުވާނުން ބާރުވެރި ކުރުވުމެވެ.