ރައީސް މުހައްމަދު ނަޝީދު

ރޮހިންޔާ ދަރިކޮޅު ހައްގުތައް ސޫޗީ ހިމާޔަތް ކޮށްދޭން ޖެހޭނެ: ނަޝީދު

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވަން އެ ގައުމުގެ ލީޑަރު އަން ސަން ސޫޗީއަށް ޖެހިވަޑައިގަންނަވާނެ ކަަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު އިނގިރޭސި ވިލާތުން ހިމަޔާތް ހޯއްދަވައިގެން އުޅުއްވާ ކުރީގެ ރައީސް ނަޝީދަކީ ބަރުމާގެ ލީޑަރު ސޫޗީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ޑިމޮކްރަސީގެ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ސޫޗީއަށް ނިސްބަތް ކުރައްވައި ނަޝީދު މި މޭރުމުން ވާހަކަފުޅު ދެެއްކެވި މިއީ ފުރަތަމަ ފަހަރެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތައް އިންތިހާއަށް ގޮސްފައިވާ މިދަނޑިވަޅުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ހުރިހާ ކަމެއް ކުރަން ޖެހޭނީ ސިޔާސީ ފައިދާއަށް ނޫން" ކަމަށެވެ.

އދ އިން ބުނާގޮތުގައި މިޔަންމާ ސިފައިން މިފަހަރު ދޭން ފެށި ހަމަލަތަކާ ގުޅިގެން، މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުން ފިލަންދާ ރެފިއުޖީންގެ އަދަދު މިހާރު ވަނީ 40000 އަށް ވުރެ މަތިވެފަ އެވެ.


މިޔަންމާގެ ރަކީން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގަ އެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.