މިޔަންމާއަށް މިއަދު ގެނައި އަސްކަރީ ބަޣާވާތާއި ރާއްޖޭގެ ވެރިކަން 7 ފެބްރުއަރީގައި ބަދަލުވި ހާދިސާއާ ވަރުން އަޅުވައި އެ ދެ ހާދިސާ އެއްފަދަ ކުރައްވައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ގިނަ ކުރައްވައިފި އެވެ.
މިޔަންމާއަށް ގެނައި ބަޣާވާތުގައި އެ ގައުމުގެ ލީޑަރު އަން ސަން ސޫޗީ އާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޮ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީގެ އިސްވެރިން ވަނީ ހައްޔަރު ކޮށްފަ އެވެ.
އެ ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ މިޔަންމާއަށް މިއަދު ގެނައި ބަޣާވާތާ 2012 ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަމުގައި އައި ފެބުރުއަރީ 7 ގައި ހިނގައި ދިޔަ ހަމަ ނުޖެހުންތަކަށް ފަހު އެ މަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ހާދިސާއާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ރައީސް ނަޝީދަކީ އަބަދުވެސް އަންގްސަން ސޫޗީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އެކަމަނާ ދިފާއު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއެކޭ އެއްގޮތަށް މިޔަންމާ އާއި އެމެރިކާ އަދި އެހެން ހުރިހާ ތަނެއްގައި ވެސް ބަޣާވަތް ކުރަން ކެރޭ މީހުން އުޅޭ ކަމަ ށެވެ. ޑިމޮކްރެޓިކް އިންސްޓްޓިއުޝަންތައް އިސްލާހު ކުރަން ޖެހެނީ އެ ސަބަބާހުރެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ސޫޗީ ހައްޔަރުކޮށް، އިންޓަނެޓާއި ފޯނު އެވަނީ ކަނޑާލައިފައި. އެކަމަނާގެ ޕާޓީ މިދިޔަ ނޮވެމްބަރު މަހު ވެރިކަަމަށް އައީ އިންތިހާބު ކާމިޔާބު ކޮށްގެން. މިއީ ވަރަށް ލަދު ހުރި ކަމެއް" ގިނައިން ޓްވީޓް ކުރައްވައިގެން ވާހަކަފުޅު ދެއްކެވުން އާދަ ކުރައްވާފައިވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ސޫޗީއާއި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ ޕާލަމަންޓްގެ މެމްބަރުން ދޫކޮށްލަން ވެސް ގޮވާލައްވައިފަ އެވެ.
ހަތެއް ފެބްރުއަރީ ހާދިސާ، މިޔަންމާގެ ބަޣާވާތާ ރައީސް ނަޝީދު އެއްްފަދަ ކުރެއްވި ނަމަވެސް ރާއްޖޭގެ ވެރިކަން 7 ފެބުރުއަރީގައި ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ވެރިކަން ބަދަލުވި ގޮތް ބަލަން ރައީސް ނަޝީދާއި އެމްޑީޕީން އެދުނު ގޮތަށް ބައިނަލްއަގުވާމީ ފަރާތްތައް ހިމަނައިގެން އެކުލަވައިލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނި) ގެ ރިޕޯޓްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ރިޕޯޓް ރައީސް ނަޝީދު ގަބޫލެއް ނުކުރައްވަ އެވެ.
ރައީސް ނަޝީދު ވެރިކަަމަށް ވެވަޑައިގެންނެވީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބުގައި 2008 ވަނަ އަހަރު ވާދަ ކުރައްވާ ކާމިޔާބު ހޯއްވައިގެނެވެ. އެ މަނިކުފާނު އިސްތިއުފާ ދެެއްވެވީ ތިން އަހަރު ރައީސް ކަމުގައި ހުންނެވުމަށް ފަހު އެވެ.
މިއަންމާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެމެދު އުދާސް ބޮޑުވެ، ސޫޗީ އާއި އެންއެލްޑީގެ އިސްވެރިން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަސްކަރިއްޔާއިން މިހާރު ވަނީ މިއަންމާގައި ކުއްލި ހާލަތު ވެސް އިއުލާނު ކޮށް ވެރިކަމުގެ ހުރިހާ ބާރުތަކެއްގެ ކޮންޓްރޯލް އަސްކަރިއްޔާއަށް ޖަމާކޮށްފަ އެވެ.
އަސްކަރިއްޔާއިން ބުނީ ސިޔާސީ ލީޑަރުން ހިފަހައްޓަން ޖެހުނީ ވޯޓް އޮޅުވާޅުމާއި އިލެކްޝަންގައި މަކަރު ހަދާފައި ވާތީ ކަމަށެވެ. މިލިޓަރީން މިހެން ބުނެފަައި ވަނީ ނޮވެމްބަރު 2020 ގައި ބޭއްވި އާންމު އިތިހާބުގައި އެންއެލްޑީއަށް ތަފާތު ބޮޑު ކުރިއެރުމެއް ލިބިފައި ވަނިކޮށެވެ. ވެރިކަންކުރާ އެންއެލްޑީން ވަނީ ވޯޓުގެ 83 ޕަސެންޓް ކާމިޔާބު ކޮށްފަ އެވެ. އަސްކަރިއްޔާއިން ބާރުވެރިވެ ހިންގާ ޔޫނިއަން ސޮލިޑަރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީއަށް ހީކުރިވަރުގެ ތަނަވަސް އަޣުލަބިއްޔަތެއް ނެތެވެ.
މިއަންމާ މިހާލަަތަށް ވެއްޓުނީ އަސްކަރިއްޔާއިން އިންޒާރުދެންމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ.