ހަބަރު

ހައްޖާޖީން އަންނަން ފަށާނީ ބުދަދުވަހުގެ ރޭ

Sep 4, 2017
1

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އަޅުކަން ފުރިހަމަކުރި ދިވެހި ހައްޖާޖީން އަންނަ ބުދަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ އިރާކޮޅު 7:25 ގަ އެވެ. އެއީ ޒައީ ގުރޫޕުގެ ހަވާލުގައި ގޮސް ހައްޖުގެ އަޅުކަން އަދާ ކުރި މީހުންނެވެ.

ސިސިލްފަރު ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަ އެވެ. އަލް ހަރަމައިން ގުރޫޕުގެ ހައްޖާޖީން 11 ވަނަ ދުވަހުގެ ރޭ ގައެވެ. ދިވެހި ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން އަންނާނީ އަށް ވަނަ ދުވަހާއި، 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 29 ގައެވެ.

މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު ހައްޖުގެ 2000 ކޯޓާ ރާއްޖެއަށް ލިބުނެވެ. މީގެތެރެއިން 1000 ކޯޓާ ލިބުނީ ފުރަތަމަ ލިބުނު 1000 ކޯޓާއަށް ހައްޖުވެރިން ފުރި ފަހުންނެވެ. ފަހުން ލިބުނު ހައްޖު ކޯޓާއަށް ހައްޖަށް ދިޔައީ 300 މީހުނެވެ.

ހައްޖާޖީން އަންނަ ތާރީހުތައް އިއުލާން ކުރި އިރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ ދެ ހައްޖާޖީއަކު ވަނީ މުޒްދަލިފާ އިން މިނާ އަށް ދިޔަ މަގުމަތީގައި ގްރޫޕާ ވަކިވެ ގެއްލިފަ އެވެ. މީގެތެރެއިން އެކަކު އަދިވެސް ނުފެނެއެެވެ. ގެއްލިގެން މިހާރު ހޯދަމުންދާ މީހަކީ، ޅ. ނައިފަރު އުމުރުން 71 އަހަރުގެ އަބްދުއްލަތީފް އަލީ އެވެ.