ހަބަރު

ހައްޖުވެރިންގެ ތެރއިން ގެއްލުނު މީހާ ފެނިއްޖެ

Sep 4, 2017

ރާއްޖެއިން ހައްޖަށް ދިޔައ މީހުންގެ ތެރެއިން ގެއްލިިގެން ހޯދަމުން ދިޔަ ދިވެހި ހައްޖުވެރިޔާ ފެނިއްޖެ އެވެ. ދިވެހި ހައްޖުވެރިންގެ ތެރެއިން އެހެން ބައެއް މީހުން ވެސް ގެއްލުނެވެ. ނަމަވެސް ގެއްލު މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ދިއުމަށް ފަހު ފެނިފައި ވަނީ ޅ. ނައިފަރުން ހައްޖަށް ދިޔައ އަބްދުއްލަތީފެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މިނާގައި މިދިޔަ ހުކުރު ދުވަހު ހިލަ އުކަން ދިޔަ ހިސާބުން ފެށިގެނެވެ.

ލަތީފް ފެނުނީ ހަރަމްފުޅާ މާދުރުން ނޫން ހިސާބަކުންނެވެ. އޭނާގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް ފެނުމަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ވަނީ ޗެކަޕެއް ހަދާފަ އެވެ.

ލަތީފު ފެނިފައިވާއިރު މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އަޅުކަން ފުރިހަމަކުރި ދިވެހި ހައްޖާޖީން އަންނަ ބުދަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެ އެވެ. ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ އިރާކޮޅު 7:25 ގަ އެވެ. އެއީ ޒައީ ގުރޫޕުގެ ހަވާލުގައި ގޮސް ހައްޖުގެ އަޅުކަން އަދާ ކުރި މީހުންނެވެ.

ސިސިލްފަރު ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަ އެވެ. އަލް ހަރަމައިން ގުރޫޕުގެ ހައްޖާޖީން 11 ވަނަ ދުވަހުގެ ރޭ ގައެވެ. ދިވެހި ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން އަންނާނީ އަށް ވަނަ ދުވަހާއި، 10 ވަނަ ދުވަހާއި، 11 ވަނަ ދުވަހާއި 22 ވަނަ ދުވަހާއި 26 ވަނަ ދުވަހުގެ އިތުރުން 29 ގައެވެ.

މިއަހަރު ރާއްޖެއިން 1،300 މީހަކު ހައްޖަށް ގޮސްފައިވާއިރު ހައްޖުގެ 2000 ކޯޓާ ރާއްޖެއަށް ލިބުނެވެ. މީގެތެރެއިން 1000 ކޯޓާ ލިބުނީ ފުރަތަމަ ލިބުނު 1000 ކޯޓާއަށް ހައްޖުވެރިން ފުރި ފަހުންނެވެ. ފަހުން ލިބުނު ހައްޖު ކޯޓާއަށް ހައްޖަށް ދިޔައީ 300 މީހުނެވެ.