ދުނިޔެ

ރޮހިންޔާގެ މުސްލިމުންނަށް އދ. އިން ދޭ އެހީ މިޔަންމާއިން ހުއްޓުވައިފި

މިޔަންމާގެ ރަކީން ސްޓޭޓްގައި އެ ގައުމުގެ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އދ. އިން ދެމުން އައި އެހީ މިޔަންމާ ސަރުކާރުން ހުއްޓުވައިފި އެވެ.

ދަ ގާޑިއަން ނޫހުން ބުނީ އދ. އިން އެހީގެ ގޮތުގައި ދެމުން އައި ކާނާއާއި ބޯފެނާއި ބޭސްފަރުވާ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ލިބުން މިހާރު މުޅިން ހުއްޓިފައިވާކަން އެނޫހަށް އެނގިފައިވާ ކަމަށެވެ. އަދި ބުނީ އެފަދަ އެހީތައް ފޯރުކޮށްދިނުން ހުއްޓުނީ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު ހަނގުރާމަވެރިންގެ ބަޔަކު ސިފައިންނާ ދެކޮޅަށް ދިން ހަމަލާއަކާ ގުޅިގެން ކަަމަށް ބުނެ ސިފައިން ދޭ ހަމަލާތައް ވަރުގަދަކުރި ފަހުން ކަަމަށެވެ.

މިޔަންމާގައި ހުންނަ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރުގެ އޮފީހުން ވާހަކަ ދެއްކި މީހަކު ގާޑިއަން ނޫހަށް ބުނެފައި ވަނީ ހަމަލާތައް ވަރުގަދަ ކުރުމާއި އެކު އެހީދޭ މީހުން ރަކީން ސްޓޭޓްގައި ހަރަކާތްތެރިވުން ސަރުކާން މަނާކޮށްފައިވާ ކަމަށެވެ.

ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުން ދާ ގަތުލު އާއްމުތަކުން ސަލާމަތް ވުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު 73000އަށް އަރާފައިވާ ކަމަށް އދ.ގެ ރެގިއުޖީންނާ ބެހޭ އެޖެންސީން ވަނީ ބުނެފައެވެ.

ރެފިއުޖީންގެ ކަންތައްތަކާ ބެހޭ އދ.ގެ އެޖެންސީގެ ތަރުޖަމާނު ވިވިއަން ޓާން އާދީއްތަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވެފައި ވަނީ މިޔަންމާގައި އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އަލުން ހަމަނުޖެހުންތައް ފެށުނު ފަހުން މިހައިތަނަށް ބަންގްލަދޭޝްއަށް އަށް މީހުންގެ އަދަދު 73000 އަށް އަރާފައި ވާއިރު މީހުން ތިބޭ ކޭމްޕްތައް ފުރިފައިވާ ކަމަށެވެ.

" އަންނަ ގިނަ މީހުން ތިބެނީ މުޅިން ހާންތިވެފައި. އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި އެމީހުން އެއްޗެއް ނުކާތާ ދުވަސްތަކެއް ވެއްޖެ. އަދި އެމީހުންނަށް ކުރެވުނު ތަޖުރިބާ ތަކުން ވަނީ ބިރުން ހަލާކުވެފައި،" ޓާން ވިދާޅުވި ކަމަށް އަލްޖަޒީރާގެ ހަބަރުގައި ވެއެވެ.

ރޮހިންޖާ ދަރިކޮޅުގެ މީހުން މިފަހަރު ބަންގާޅަށް ދާން ފެށީ އަނިޔާގައި އަހަރުތަކެއް ހޭދަކޮށްފައިވާ އެދަރިކޮޅުގެ މުސްލިމް ޒުވާނުންތަކެއް އުފެއްދި ހަނގުރާމަވެރި ގްރޫޕަކުން މިޔަންމާ ސިފައިންނާ ދެކޮޅަށް އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ހަމަލާތަކެެއް ދިނުމުންނެވެ. މިޔަންމާ ސިފައިންނާއި ފުލުހުންގެ މަރުކަޒު ތަކަކަށް ދިން އެހަމަލާތަކުގައި ސިފައިންގެ 12 މީހަކު މަރުވިއެވެ. ރަައްދުގައި މިޔަންމާ ސިފައިން ދިން ހަމަލާތަކުގައި ރޮހިންޖާ ހަނގުރާމަވެރިންގެ 80 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ޖެހިގެން އަދި ދުވަސްތަކުގައި މިޔަންމާ ސަރުކާރުން ވަނީ ރަކީން ސްޓޭޓްގައި އުޅޭ މުސްލިމުން ނޫން އެހެން މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސް، މުސްލިމުންނާ ދެކޮޅަށް ގަތުލު އާއްމުތަކެއް ހިންގަން ފަށާފައެވެ.

މުސްލިމުންނާ ދެކޮޅަށް މިފަހަރު ހިންގަން ފެށި ޖަރީމާތަކަކީ ' އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ ( އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ އެ ގްރޫޕު ބަލި ކުރުމަށް ކުރާ ކަމެއް ކަމަށް މިޔަންމާ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް މިޔަންމާ ސިފައިންގެ ހަރަކާތުގައި ކުރަމުންދާ ކަމަކީ މުސްލިމުންގެ އާއްމުން މެރުމާއި ގެދޮރު އެންދުމެވެ.

ރަކީން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.