ދުނިޔެ

އުތުރު ކޮރެއާއިން ތައްޔާރުވަނީ އިތުރު މިސައިލްތައް އުދުއްސަން: ދެކުނު

އިއްޔެގައި ކުރި ނިއުކްލިއަ ޓެސްޓަށް ފަހު އުތުރު ކޮރެއާއިން މިހާރު ތައްޔާރުވަމުން ދަނީ އިތުރު މިސައިލްތައް އުދުއްސަން ކަަމަށް އަަވަށްޓެރި ދެކުނުކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އުތުރު ކޮރެއާއިން ފޮނުވައިލާނެ ކަމަށް ބޮޑަށް ބެލެެވެނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކެއް ކަމަށެވެ.

އުތުރު ކޮރެއާއިން ހައިޑްރޮޖަން ބޮން ޓެސްޓްކުރުމުން އެ ގައުމަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެއާއިން ވަނީ އަސްލު ހަތިޔާރުތައް ބޭނުން ކޮށްގެން ވަރުގަދަ ތަމްރީނުތަކެއް ބާއްވާފަ އެވެ. އެމެރިކާއިން ބުނެފައި ވަނީ އެ ގައުމަށާއި އެ ގައުމުގެ ބައިވެރިންނަށް ބިރު ދައްކާ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. ދެެކުނު ކޮރެއާއިން ބުނެފައި ވަނީ ދެކޮރެެއާގެ ކަނޑުގެ ސަރަހައްދަށް ނިއުކްލިއަ ހަކަތައިން ދުއްވާ އެއާކްރާފްޓް ކެރިއާއެއް ފޮނުވަން އެމެރިކާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އާދީއްތަ ދުވަހު ޓެސްޓްކުރި ބޮމާ ބެހޭ ގޮތުން އުތުރު ކޮރެއާއިން ބުނެފައި ވަނީ އެ ބޮމަކީ ދުރު ރާސްތާ މިސައިލެއްގައި ހަރުކުރެވޭނެ ބޮމެއް ކަަމަށެވެ.

އުތުރު ކޮރެއާއިން ބޮޑެތި ގެއްލުން ދެނިވި ހަތިޔާރުތައް އުފައްދައި ބޭނުންކުރުން ހުއްޓުވުމަށް އދ. އިން ވަނީ ގިނަ ގަރާރުތަކެއް ފާސްކޮށްފައެވެ. ނަމަވެސް އެގައުމުން ވަނީ އެއިން އެއްވެސް ގަރާރަކަށް ބޯ ނުލަނބާފަ އެވެ. އެގޮތުން ފާއިތުވި މަހެއްހާ ދުވަސްތެރޭގައި ބެލިސްޓިކް މިސައިލްގެ ގިނަ ޓެސްޓްތަކެއް ކޮށްފައި ވާއިރު އޭގެ ތެރެއިން އެއް މިސައިލް ފޮނުވާލާފައި ވަނީ ޖަޕާނު މަތިންނެވެ.