ދުނިޔެ

ފަރުބަދައެއް މަތީ ރޮހިންޔާގެ 30000 މުސްލިމުން ބަނޑަށް މަރުވަނީ

މިޔަންމާ ސަރުކާރާއި އެގައުމުގެ ބުޑިސްޓް އާއްމުންގެ އަނިޔާގައި އަހަރުތަކެއް ހޭދަކޮށްފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމް ޒުވާނުންތަކެއް އެ އަނިޔާއާ ދެކޮޅަށް ތެދުވީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. އެމީހުން ދިން ހަމަލާއެއްގައި އޮގަސްޓްމަހުގެ 25 ވަނަ ދުވަހު މިޔަންމާގެ 12 ވަރަކަށް ސިފައިން މަރުވިއެވެ.

އެމީހުން ދިން ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއް ކަަމަށް ބަލައި، އަވަށްޓެރި ބަންގްލަދޭޝް ސަރުކާރުން ވެސް ބުނީ އެހީވާނީ މިޔަންމާ ސިފައިންނަށް ކަމަށެވެ. އެއީ " ހަނގުރާމަވެރިން ބަލިކުރުމުގެ" ނަމުގައެވެ. ނަމަވެސް އެމީހުން އެހަމަލާ ދިނީ ކީއްވެކަން ވެސް ބަަލަން އެބަ ޖެހެއެވެ. އެއަށް ވުރެ ކުރިއަށް ޖެހިލީމާ އެހަމަލާތަކުގެ ސަބަބު އޮތީ ރީތިކޮށް ފެންނާށެވެ.

" ޕުވިންޓް ފޫ ޒުއާން އަވަށަށް މިޔަންމާ ސިފައިން ވަންނަން އައި އިރު، އެއަވަށުގެ މީހުން ގޮތެއް ނިންމަން އޮތީ މަދު ސިކުންތު ކޮޅެކެވެ.
ރޮހިންޖާ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ އުމުރުން 25 އަހަރުގެ ނޫރު އާންކިސް ނިންމީ ގޭގައި މަޑުކުރުމަށެވެ. މިޔަންމާ ސިފައިން އޭނާއަށް އެންގީ ކަކޫ މައްޗަށް ތިރިވުމަށެވެ. އެމީހުން އޭނާގެ ގައިގައި ތަޅައި އަނިޔާ ކުރުމަށް ފަހު ގެންދިޔައީ އަންހެނުން ތަކެއް ރޭޕް ކުރުމަށް އެމީހުން ކަނޑައަޅާފައިވާ ތަނަކަށެވެ.

އުމުރުން 22 އަހަރުގެ ރާޝިދާ ބޭގަމް ނިންމީ ބާރަށް އޮއިދެމޭ ފެންގަނޑަކަށް އޭނާގެ ތިން ކުދިންނާއި އެކު ފުންމައިލުމަށެވެ. އޭނާއަށް ފެނުނީ އޭނާގެ ތުއްތު އަންހެން ދަރިފުޅު އަތުން ދޫވެގެން ދިޔަ ތަނެވެ.

އުމުރުން 20 އަހަރުގެ ސުފައްޔަތުﷲ ވެސް ފުންމާލީ ފެންގަނޑަށެވެ. ދެދުވަސް ވަންދެން ފެންގަނޑުގެ ތެރޭގައި ހުރުމަށް ފަހު އެއްގަމަށް އެރުމުން އޭނާއަށް ފެނުނީ އޭނާގެ މަންމަޔާއި ބައްޕަ އަދި ދެ ބޭބޭންނާއި އެކު މިޔަންމާ ސިފައިން އޭނާގެ ގޭގައި ހުޅުޖަހައި އަންދާލާފައި ވަނިކޮށެވެ،" މިއީ މިދިޔަ ޖެނުއަރީ މަހު ރަކީން ސްޓޭޓްގެ ހާލަތު އޮތް ގޮތުގެ ކުޑަ މިންވަރެކެވެ.

ނަމަވެސް މިފަހަރު އެ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގަން ފެށި ލާއިންސާނީ އަމަލުތަކުގެ ބަހަނާއަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ ( އޭއާރްްއެސްއޭ)ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕުން ދިން ހަމަލާތަކެވެ. އެހަމަލާތަކަށް ފަހު މިޔަންމާ ސިފައިންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މުސްލިމުންގެ އަދު ވަނީ 90000 އަށް ވުރެ މަތިވެފައެވެ. އޭގެ އިތުރުން އެތައް ހާސް މީހުންނެއް ބަންގްލަދޭޝްއާ މިޔަންމާ ގުޅޭ ހިސާބުގައި ތާށިވެފައި އެބަތިއްބެވެ. އެމީހުން ތިބީ ކާނާއާއި ބޯފެނަށް ޖެހިފައެވެ.

ސީއެންއެން ބުނީ އިތުރު 30000 މީހުން މިޔަންމާގެ ފަރުބަދަމަތީ ހިސާބެއްގައި ތާށިވެފައި އެބަތި ކަަމަށެވެ. އެކްޓިވިސްޓުންނާ ހަވާލާދީ އެ އެޖެެންސީން ބުނީ އެމީހުން ތިބީ ކާނާއާއި ބޯފެނާއި ބޭސްފަރުވާގެ ވަސީލަތެއް ވެސް ނެތި ވަރަށް ދެރަ ނިކަމެތި ހާލެއްގައި ކަމަށެވެ.

ސަބަބަކީ ކޮބާ؟

ރޮހިންޖާ ދަރިކޮޅުގެ 1.5 މިލިޔަން މުސްލިމުން މިހާ ގިނަ ދުވަސްތަކެއް ވަންދެން މިހާ ބޮޑު ވޭނެއްގައި އުޅެން ޖެހިފައިވަނީ ގަބޫލު ނުކުރެވޭ ޒާތު ސަބަބަކާ ހެދިއެވެ. އެ ސަބަބަކީ އެމީހުންނަކީ ދައުލަތެއް ނެތް ބަޔަކަށް ވުމެވެ. މިޔަންމާއިން ދެކޭ ގޮތުގައި އެމީހުންނަކީ ބަންލްލަދޭޝް ބައެކެވެ. ބަންގްލަދޭޝުން ދެކޭ ގޮތުގައި އެމީހުންނަކީ މިޔަންމާ ބައެކެވެ.

އެމީހުންނަށް މިހާރު ޖެހިފައި ވަނީ ބަންގްލަދޭޝްއަށް ދާށެވެ. ނަމަވެސް އެއީ ބީރަށްޓެހި ރެފިއުޖީންގެ ގޮތުގައެވެ. ރަކީން ސްޓޭޓްގައި އެމީހުން ދިރިއުޅުނު އަވަށްތައް ވަނީ އަންދާ އަޅިއަށް ހަދާފައެވެ. އެކަން ކުރީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެން ހުންނެވި ޑިމޮކްރަސީގެ ރަމްޒެއްގެ ގޮތުގައި ހުޅަނގުން ދެކޭ އަންސަން ސޫޗީގެ ޒަައާމަތުގެ ދަށުގައިވާ މިޔަންނާ ސަރުކާރުގެ ސިފައިންނެވެ.
ބަންގްލަދޭޝްއަށް ލައްކައެއްހާ މީހުން ދިޔައިރު އިތުރު އެއްލައްކަ މީހުން ތިބީ ދެވޭނެ ގޮތެއް ނެތިފައެވެ. ކޯރު ހުރަސްކުރާނެ އުޅަނދެއް ނެތީމައެވެ.