ދުނިޔެ

ޔަމަނަށް ދޭ އިންސާނީ އެހީގެ ހަރަދު ދޭން ޖެހޭނީ ސައުދީން: އދ

ޔަމަނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނު ކަމާއި ބަލިމަޑުކަން ނައްތައިލަން ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ސައުދީ އަރަބިއްޔާއިން ކަމަށް އދ. ގެ އެޖެންސީއެއް ކަމަށްވާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފި އެވެ.

ޑަބްލިއުޕީއެފްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑޭވިޑް ބީސްލީ ޔަމަނުގެ ހާލަތާ ބެހޭ ގޮތުން މިފަހަރު ދައްކަވާފައި ވަނީ އދ. ގެ އެހާ އިސްވެރިން އާއްމުކޮށް ވާހަކަ ދައްކަވާ ގޮތާ ވަރަށް ތަފާތުކޮށެވެ. ގިނަ ގައުމުތަކެއް ޝާމިލުވާ ހަމަނުޖެހުމެއްގައި އެންމެ ގައުމެއް ކުށްވެރި ކުރުމަކީ އދ. ގެ އާއްމު އުސޫލެއް ނޫނެވެ. ނަމަވެސް ބީސްލީ ތުހުމަތު ކުރައްވާފައި ވަނީ ޔަމަނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދިނުމަށް ސައުދީން ހުރަސް އަޅާ ކަމަށެވެ.

"ޔަމަނުގައި އުފެދިފައިވާ އިންސާނީ ކާރިސާގެ ސަބަބުން ޖެހިފައިވާ ބޭނުންތަކަށް 100 ޕަސެންޓް ހަރަދު ކުރަން ޖެެހޭނީ ސައުދީ އަރަބިއްޔާއިން. ހަނގުރާމަ ހުއްޓައިލަންވީ. އެހެންނޫނީ ކާރިސާއަށް ހަރަދު ކުރަންވީ. ތިންވަނަ ގޮތަކީ މިދެކަންތައް ވެސް ކުރުން،" ހަނަފަސްކަން ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ވަޑައިގެން އިތިއޯޕިއާގައި ހުންނަވާ ރޮއިޓާސްއާ ވާހަކަފުޅު ދައްކަވަމުން ބީސްލީ ވިދާޅުވެފައި ވެއެެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި އާއްމުންގެ 10000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެގައުމުގައި ވަނީ ހައިހޫނުކަމާއި ބަލިމަޑުކަން ފެތުރިފަ އެވެ. ބޭރަށް ހިންގުމުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮލެރާ ޖެހިގެން ވެސް އެގައުމުގެެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އިންސާނީ އެހީދޭ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި ޔަމަަނަށް ކުރިމަތިވެފައިވާ ކާރިސާއަކީ އިންސާނީ ކާރިސާތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ކާރިސާއެވެ.

ސައުދީން މަދަދުދޭ ސަރުކާރަށް ޔަމަނުގެ ހުރިހާ ބާރެއް ހޯދައިދޭން ހަނގުރާމަކުރަން ސައުދީން އުފަައްދާފައިވާ އިއްތިހާދުގެ ކޮމާންޑަރު ބީސްލީގެ ވާހަކަފުޅަށް އަދި ރައްދެއް ނުދެއެވެ.

ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އުމްރާނީ މުޅި އޮނިގަނޑު ހަލާކުވެފައި ވާއިރު އެކަމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ ސައުދީ ވެރިންގެ ބޮލުގައެވެ. އަދި އެކަން އެހެން ކޮށްފައި ހާލުގައި ޖެހުނު އާއްމުންނަށް އެހީ ނުވާ ކަމުގެ ތުހުމަތުވެސް ވަނީ އެޅިފައެވެ. ނަމަވެސް ސައުދީން ތަކުރާރުކޮށް ބުނަމުން ދަނީ ޔަމަނުގެ އާއްމުންނަށް ކާނާއާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެތައް މިލިޔަން ޑޮލަރެއް ހަރަދުކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ފައިދާ ޔަމަނުގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުްނަށް ވެސް ކުރާ ކަމަށް ސައުދީން އަންނަނީ ބުނަމުންނެވެ.

ޔަމަނުގެ އަހުލީ ހަނގުރާމަ ވަރުގަދަވީ ފެށުނީ ހޫސީ ދަރިކޮޅުގެ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންއާއާއި ބޮޑެތި އެހެން ރަށްތަކަށް ވެރިވެގަތުމުން ޔަމަނު ސަރުކާރަށް އެހީވުމުގެ ނަމުގައި ސައުދީން ހޫސީންނާ ދެކޮޅަށް ހަމަލާަދޭން ފެށުމުންނެވެ.