ދުނިޔެ

އެމެރިކާއަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއްގެ ބިރު

ތޫފާން ހާވީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައި ވަނިކޮށް އެމެރިކާއަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް އަރައިފާނެކަމުގެ ބިރު ހީވެއްޖެ އެވެ.

ސީއެންއެން ބުނީ އެޓްލާންޓިކް ކަނޑުގެ ހުޅަނގު ސަރަަހައްދުގައި އުފެދިފައިވާ "އަރްމާ" ގެ ނަންދީފައިވާ ތޫފާން ހޯމަ ދުވަހު ކެޓަގަރީ ހަތަރެއްގެ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ބުނީ އެ ތޫފާން އަރައިފާނެ ކަމުގެ ބިރު ހީވެގެން އެމެެރިކާގެ ފްލޮރިޑާ ސްޓޭޓްގައި މިހާރު ކުއްލި ހާލަތު އިއުލާންކޮށްފައިވާ ކަމަށެވެ.

ތޫފާން އަރްމާ އަރާނެ ވަކި ތަނެއް ސީދާ ލަފާކުރަން އަދި ނޭނގުނު ކަމުގަައި ވިޔަސް ފްލޮރިޑާގެ އިތުރުން ކެރީބިއަން ސަރަހައްދުގެ ބައެއް ޖަޒީރާތަކުން މިހާރު ވަނީ އެތަންތަނަށް އެތޫފާން އަރައިފާނެ ކަމަށް ބަލައި، ތައްޔާރީތައް ވާން ފަށާފައެވެ. އެމެރިކާގެ ބާރުގެ ދަށުގައިވާ ޖަޒީރާއެއް ކަަމަށްވާ ޕޮޓޯރިކޯގައި ވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ފްލޮރިޑާގެ ގަވަރުނަރު ރިކް ސްކޮޓް ސީއެންއެންއަށް ވިދާޅުވެފަައި ވަނީ ކުއްލި ހާލަތު އިއުލާން ކުރީ ކުއްލި ހާލަތްތަކުގެ ކަންތައްތައް ބަލަހައްްޓާ އޮފިޝަލުން ނަގަން ޖެހޭ ހުއްދަތަކާ ހެދި މަސައްކަތްތައް ލަސްވާ ފަދަ ގޮތެއް މެދުވެރި ނުވެ، ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

"ފްލޮރިޑާގައި އަހަރެމެން އަބަދުވެސް ތައްޔާރުވަނީ އެންމެ ގޯސް ހާލަތަށް. އަދި އުއްމީދު ކުރަނީ އެންމެ ރަނގަޅު ގޮތް ވުމަށް. އަރްމާ ދަތުރުކުރާނެ މަގު އަދި ސީދާ ނޭނގޭ އިރު، ތައްޔާރު ނުވެ ތިބުމަކީ ކުރެވޭނެ ކަމެއް ނޫން،" ސްކޮޓް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ހޯމަދުވަހުގެ މެންދުރު ފަހު ބުނެފައި ވަނީ ތޫފާން އަރްމާގެ ވައި ހުރީ ގަޑިއަކު 140 މޭލުގެ ބާރުމިނުގަައި ކަމަށާއި ދަތުރުކުރަމުން ދަނީ ހުޅަނގަށް ކަމަށެވެ. އަދި އެ ތޫފާން ހިކިފަސް ތަނަކަށް އެންމެ އަވަހަށް އަރާނީ އަންނަ ބުދަ ދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށާއިި އަރާނެ ކަމަށް ލަފާ ކުރެވެނީ އެންގީލާ ނަމަކަށް ކިޔާ ޖަޒީިރާއަށް ކަމަށް ވެސް އެ ސެންޓަރުން ބުނެފައި ވެެއެވެ.