ފިނިޕޭޖް

ހައްދުގެ ޕޯސްޓަރުތަކުގައި ދަވާދު އުނގުޅައިފި

މިއަދު ހަވީރު ޕްރިމިއާ ކުރާ ދިވެހި ފިލްމު "ހައްދު" ގެ ޕޯސްޓަރުތަކުގައި ބަޔަކު ދަވާދު އުނގުޅައި ހަޑިކޮށްފި އެވެ. ހައްދުގެ ޕޯސްޓަރުގައި ފެންނަނީ ފިރިހެނަކު މަތިން އެއްޗެއް ނުލައި އޮންނަ އިރު އެއް އަންހެނަކު އޭނާގެ އުނގުގައި ބޯ އަޅައިގެން އޮންނަ ތަނާއި އިތުރު އަންހެނަކު ގާތުގައި އޮށޯވެގެން އޮންނަ ތަނެވެ.

ރަތް ދަވާދު އުނގުޅައި ހަޑިކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކެވެ. ހައްދުގެ ޕްރޮޑިއުސަރު އަބްދުލް ފައްތާހު ބުނީ ރޭ ދަންވަރު 2:00 ޖެހި އިރު ވެސް ޕޯސްޓަރުތައް ހަޑި ކުރުމުގެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ބުނީ އެގޮތަށް ބަޔަކު ކަން ކުރި ނަމަވެސް އެއީ ބޮޑު ކަމަކަށް ނަހަދައި ޕޯސްޓަރުތައް އަލުން ބަދަލުކޮށްލާނީ ކަމަށެވެ.

"ރަތް ދަވާދު ހާކާފައި ހުރީ، އަޅުގަނޑުމެން އެކަމަކާއި އަޅައެއް ނުލަން، ޕޯސްޓަރުތައް ބަދަލުކޮށްލީމަ ނިމުނީ، އެކަން ކޮށްފައި އެހެރީ ބަޔަކު ހިންހަމަނުޖެހިގެން، އެކަމަކު އަޅުގަނޑުމެންގެ ކައިރީގައި ބުނެލިނަމަ ރަނގަޅުވީސް، އެކަމަކު އޭގައި ހިންހަމަ ނުޖެހެންވީ ސަބަބެއް ނެތް،" ފައްތާހު ބުންޏެވެ.

މިއަދު ހަވީރު ޝްވެކްގެ މާލެ ސިނަމާގައި ހައްދު ޕްރިމިއާ ކުރާއިރު އާންމުންނަށް ހުޅުވާލައިގެން މިރޭ އޮލިމްޕަހުގައި ވެސް ޕްރިމިއާކުރަން ވަނީ ހަމަޖެހިފަ އެވެ. އައްޑު އަތޮޅާއި ހދ. ކުޅުދުއްފުށީގައި ވެސް ހައްދު ޕްރިމިއާ ކުރަން ރަސްމިއްޔާތެއް ބާއްވާ ހައްދުގެ ޓީމު ބައިވެރިވާނެ އެވެ.

ހައްދަކީ ވަކި ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި އަހްމަދު ޝިބާން އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ) މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން އަދި ނުޒުހަތު ޝުއައިބު (ނުޒޫ)ވެސް ފެނިގެންދާނެ އެވެ. ފިލްމު ނަގާފައިވަނީ ހއ. އުތީމާއި އެ އަތޮޅު ކެލަ އާއި ރ. އަނގޮޅިތީމު އަދި އެ އަތޮޅު ވާދޫގަ އެވެ. ރިސޯޓުގައިވެސް ބައެއް މަންޒަރުތައް ނަގާފައިވެ އެވެ. އެ ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. އެ ދެމީހުންގެ ދަރިފުޅު ޔޫސުފް އަލްސަންގެ އަޑުވެސް އިވިގެންދާނެ އެވެ.

ހައްދުގެ ލަވަތައް މިހާރު ސައުންޑްކްލައުޑުން ލިބެން ހުންނާނެ އެވެ.